ޚަބަރު

ނިޔާވި ބިދޭސީއަކު ކޮވިޑަށް ފައްސި ވެއްޖެ

ނިޔާވި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރޭ 10:45 ގައި މަގުމައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ މީހަކު އައިޖީއެމްއެޗަށް ގެނައި ކަމަށާއި ގެނައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެގޮތަށް ނިޔާވާ މީހުން ކޮވިޑަށް ޓެސްޓު ކުރާ އުސޫލުން އެ މީހާ ވެސް ސާމްޕަލް ނަގައި ޓެސްޓު ކުރި ކަމަށާއި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށެވެ/

މި މީހާއަކީ ދިވެހި އަމިއްލަ ފަރާތަކާއެކު މަސައްކަތް ކުރަން އުޅުނު މީހެއް ކަމަށާއި ރޭ 10:00 ގައި ފަރީދީމަގުގައި ހުރި ތަނަކަށް އެމީހާ ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމީހާ އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އަދި މަސައްކަތަށް ނުނިކުންނަތާ ދެ މަސްވަރު ވެދާނެ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް އެމީހާގެ ގައިން ފެންނަން ހުރި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެމީހާ ދިރިއުޅެމުން ދަނީ އިތުރު ބަންގްލަދޭޝްގެ ބަޔަކާ އެކީގައި. އެހެން ނަމަވެސް ކޮންޓެއިންމެންޓް ސައިޓެއްގައެއް ނޫން. މިއީ މިހާ ހިސާބަށް މި ކޭސްއާއި ގުޅޭގޮތުން ލިބެން ހުރި މައުލޫމާތުތަކަކީ" މަބްރޫކް ވިދާޅުވިއެވެ.

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ހަތަރު މީހަކު މިހާތަނަށް ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!