ޚަބަރު

ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ގާފު" އިން ބުނެފައި ވަނީ ކަރަންޓު ކެނޑިގެން ގޮސްފައިވަނީ އިންޖީނުގޭ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށެވެ.

ތިނަދޫއިން ކަރަންޓު ގޮސްފައިވަނީ ރޭ ދަންވަރު 03:30 ހާއިރު އެވެ. ކަރަންޓު ކެނޑުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިންޖީނުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް ކަރަންޓުގެ ހިދުމަތް އަދިވެސް ނުލިބެއެވެ.

މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ މުވައްޒަފުން މިހާރު ކުރަމުން ދާ ކަމަށެވެ. އަދި ކަރަންޓް ކެނޑުމާ ގުޅިގެން ތިނަދޫގެ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ތަކަށްޓަކައި މާފަށް އެދޭ ކަމަށާއި މި ދަނޑިވަޅުގައި ރަށުގެ ރައްްޔިތުންގެ އެއްބާރުލުން ބޭނުން ވާނެކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

2016 ވަނަ އަހަރު ވެސް ވަނީ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި މުޅި ރަށުން ގިނަ އިރުތަކަކަށް ކަރަންޓު ކެނޑިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!