ޚަބަރު

"ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ދެން ލަފައަކަށް އެހެން އޮތީ ސުޕްރީމް ކޯޓުން"

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ދެން ލަފައަކަށް އެހެން އޮތީ ސުޕްރީމް ކޯޓުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އަދި މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވާފަ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނީ ލަފާ ދެން ހޯދެން އޮތް ތަނަކީ ސުޕްރީމް ކޯޓު ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަ ކުރައްވާ ބަންޑާރަނައިބު ވިދާޅުވި އެއްޗެއްގެ މައްޗަކަށް މަޖިލީހުގެ ކޮމިޓީއެއްވެސް މަޖިލީހެއްވެސް އިއްތިފާގުވެ ހިތް ރުހޭ ގޮތެއް ނުވޭ. ކައުންސެލާ ޖެނެރަލް ވިދާޅުވި އެއްޗެއްގެ މައްޗަށްވެސް ހިތް ބަރުވަނީ. ދެން އަޅުގަނޑުމެނަށް އެހެންކަމުން ލަފައެއް އިރުޝާދެއް އެހެން ޤާނޫނުއަސާސީ ބުނާގޮތުގައި މި އޮތީ ސުޕްރީމް ކޯޓު."

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ މެމްބަރުން ޤާނޫނުގައި ބުނެފައިވާ ގޮތަށްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން މިކަމުގައި ވަގުތީ ހައްލެއް ހޯދިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވާފައިމިވަނީ، ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައާ އެއް ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ނިންމާފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!