އިންތި ވިދާޅުވީ ޕާޓީއިން ބުނި ނަމަވެސް އަމިއްލަޔަށް ގަބޫލުކުރެވިފައި އޮތް ގޮތަކާ ހިލާފަށް ވޯޓު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ އަމަލުކުރާނީ އޭނާގެ ނަފްސަށް ގަބޫލުކުރެވިފައިވާ ގޮތަށް ކަމަށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓެއް ނުދޭނަން: އިންތި
މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މަގާމުތައް ދަންމާލުމުގެ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވެ އެވެ. އެ ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެމްބަރުންގެ ތެރެއިން ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު މެމްބަރުންގެ ތެރޭގައި އިންތި ހިމެނެއެވެ.
ޕާލިމެންޓްރީ ގްރޫޕްގެ އެ ވިޕާ ގުޅިގެން މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން އިންތި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވަނީ ތަކުރާރުކޮށް މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ހާލަތެއްގައި ގާނޫނުއަސާސީ އިސްލާހު ނުކުރާނެ ކަމަށާއި އެކަން އެހެން ގައުމުތަކުން ކުރާ ކަމަށްވާ ނަމަ އެގޮތަށް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ދިވެހި ރައްޔިތުންގެ ދުސްތޫރަކީ ބޭނުންހާ އިރަކު ކުޅެލެވެން އޮތް އެއްޗެއް ނޫން ކަމަށް ވިދާޅުވެ އިންތި ވަނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ އެތައް ސަބަބުތައް ހާމަ ކުރައްވާފައެވެ.
"މިހާލަތުގައި މައިންބަފައިން ގާތަށް ޒިޔާރަތް ނުކުރުން އެއީ މާތްކަން އިތުރުވެގެންވާ ކަމެއްގެ ގޮތުގައި (މިއޮތީ) ، މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ،" އިންތި ވިދާޅުވިއެވެ.