ދުނިޔެ

އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސައުތު ކޮރެޔާގެ ކެފޭއެއްގައި ކޮފީ ގެނެސްދޭނީ ރޮބޮޓް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަސް ތެރޭގައި ސައުތު އެފްރިކާގައި ވަނީ ލޮކްޑައުން އުވާލާފައެވެ. ނަމަވެސް ދުވަހުގެ ހަރަކާތްތަކުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އެގައުމުން ދަނީ ހިތްވަރު ދެމުންނެވެ.

Ads by Sosun Fihaara

ރޮބޮޓިކް ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ސައުތު ކޮރެޔާއިން، ގައިދުރުކަން ބެހެއްޓުމާއިއެކު ކެފޭއެއްގައި ކޮފީ "ސާރވް' ކުރުމަށް ރަނގަޅުގޮތެއް އީޖާދުކޮށްފިއެވެ. ކޮފީ ގެނެސްދޭނީ އިންސާނުންގެ ބަދަލުގައި އެކަމަށް ޕްރޮގްރާމް ކުރެވިފައިވާ ރޮބޮޓެވެ. އިންސާނަކު ނެތް ކަމުގެ އިޙްސާސް ކުޑަކޮށް ދިނުމާއެކު މި ރޮބޮޓް ކޮފީ ގެންގޮސްދީ، ޚިދުމަތްހޯދާ މީހުންނާއި ވާހަކަވެސް ދައްކާނެއެވެ.

ޑޭޖިއޮން ސިޓީގައި ހުންނަ މި ކެފޭގައި އެއްފަހަރާ 60 ވައްތަރުގެ ހޫނުބުއިންތައް، އެ ތައްޔާރު ކުރާ ތަނުން ނަގައިގެން ޚިދުމަތްހޯދާ މީހުންނާއި ހަމައަށް ރޮބޮޓް ގެންގޮސް ދޭނެއެވެ.

މިދިޔަމަހުން ފެށިގެން ފިހާރަތަކާ، ރެސްޓޯރެންޓްގެ އިތުރުން ޖިމް އަދި ސްކޫލްތައް ވަނީ ހުޅުވާފައެވެ. ކެފޭތަކުގައިވެސް މޭޒުތައް ހުންނާނީ ދުރުދުރުގައެވެ. ރިސެޕްޝަންގައި ހުންނަ ޓަޗްސްކްރީނުން އޯޑަރު ދިނުމުން، އެތަނުގެ ސިސްޓަމް ތެރެއިން، ބޭނުންވާ ތަކެތި އެއްކޮށްގެން ބުއިން ހަދާ ކަރުދާސް ތައްޓަށް އެޅުމުން ރޮބޮޓް އައިސް ނަގައިގެން ގޮސް ސާރވް ކުރާނެއެވެ. ރައްކާތެރިކަމުގެ އިތުރުން މިއީ ޚިދުމަތް ވެސް އަވަސްވާ ކަމެކެވެ.

ރޮއިޓަރސް އިން ހާމަ ކުރިގޮތުގައި، 6 ބުއިމަށް އޯޑަރު ކުރުމުން 7 މިނިޓް ތެރޭގައި ޚިދުމަތްހޯދާ މީހުންގެ މޭޒު މައްޗަށް އެ ބުއިމެއް ގެންގޮސްދޭނެއެވެ.

ދެ ފަންގިފިލާ ހުންނަ މި ކެފޭގައި މަސައްކަތް ކުރަނީ އެންމެ މީހެކެވެ. އެއީ އެތަން ސާފު ކުރުމުގެ އިތުރުން މެޝިނުން ކޮފީހަދަން ބޭނުންވާ ސާމާނު ހުސްވާނަމަ އަލުން އެ ސާމާނު އަޅާ ހަމަކުރަން ހުންނަ މީހެކެވެ. މި ރޮބޮޓްއުފެއްދި ކުންފުނި ކަމަށްވާ ވިޝަން ސެމިކޮން އިން ބޭނުންވަނީ މިއަހަރު ނިމުމުގެ ކުރިން އިތުރު 30 ކެފޭއަކަށް ބޭނުންވާ ރޮބޮޓް އުފެއްދުމަށެވެ. މި ކެފޭގެ ޚިދުމަތް ހޯދާމީހުން ވަނީ މިކަމަށް ތަޢުރީފްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!