ކުޅިވަރު

މަޅި އެމްވީ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

ޢާލިމް އަބްދުއްލަތީފް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާރޒީ ވިޔަފާރި ކުރަމުން އަންނަ މަޅި އެމްވީން ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯރޓްސް ކްލަބާ ގުޅިގެން "މަޅި ފުޓްސަލް ޗެލެންޖު"ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ 32 ޓީމަށެވެ. މިހާތަނަށް 32 ޓީމުން މުބާރާތުގައި ބައިވެރިވެފައިވާތީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ބަންދު ވެފައެވެ. މި މުބާރާތް އަންނަ މަހު 20ގައި ފެށުމަށް ނިންމާފައިވާއިރު މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެވިގެން ދާނީ ކުޑަހެންވޭރު ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ  ޑިސެމްބަރު 13 ވަނަ ދުވަހު ކަމަށާއި އެންމެ ދެދުވަހުގެ ތެރޭގައި 32 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް މުބާރާތުގެ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދިނެވެ. ކޮވިޑް-19ގެ ފުރަބަންދަށްފަހު ޓީމުތަކުން ތިބީ މުބާރާތަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް އަމާޒުކޮށްގެން ވާދަވެރި މުބާރާތެއް ކުޅުމުގެ ފުުރުސަތު ދިނުން ކަމަށް ވެސް "ދެން"އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަކަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެވިގެން ދާނީ 15،000 ރުފިޔާގެ އަގުހުރި  ޓުރޮފީއެއް ކަމަށް ވެސް މަޅި އެމްވީ އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން މުބާރާތުގައި ގިނަ މަގާމުތަކެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ ދާއިރާގައި އެންމެ އުހުގައި ފިޔަޖަހާ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ. މާލޭގެ ގިނަ ޓީމުތަކަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި މުބާރާތުގައި އަތޮޅުތެރޭގެ ބައެެއް ޓީމުތަކުން ވެސް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭންގެ ޑުޕަ ފިފްޓީންއެވެ. އަދި މި މުބާރާތުގެ ސްޕޮންސަރަކަށް ވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލެވިފައިވާ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެެ. އަދި ސްޕޮންސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7770630އަށް ގުޅުމަށް މަޅި އެމްވީން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!