ހިތްފަޅައިގެންދާ ފަދަ މަންޒަރެއް، އަމިއްލަ ވަޒަނަށް ދިޔަ ދަތުރުމަތީގައި ބަނޑަށް މަރުވި މަންމަ "ހޭލައްވަން" ، ތުއްތު ދަރިފުޅު
ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ފުރަ ބަންދާއި ގުޅިގެން ހިތާމަވެރި ހާދިސާތައް އެންމެ ގިނައިން ހިނގާ ޤައުމަކަށް އިންޑިއާ ވާނެއެވެ. ބައެއް މީހުން އެމީހުން ތިބި ސަރަޙައްދުން އަމިއްލަ ވަޒަނަށް ދިޔުމަށް ޓަކައި ހިނގާފައި އެތައް މޭލަކަށް ދަތުރުކުރެއެވެ. މިދަތުރު މަތީގައި އެތައް ބަޔަކު މަރުވެ އަނިޔާ ލިބިފައިވެއެވެ. އަނެއްބަޔަކު ދަތުރުމަތީގައި ވިހާ ، ދަރިފުޅު މަރުވެފައި އެބަހުއްޓެވެ.
މިފަދަ ޙާދިޘާއެއް މިދިޔަ ހޯމަ ދުވަހު މިވަނީ އަނެއްކާވެސް ކުރިމަތިވެފައެވެ. ދިރިއުޅޭ ވަޒަން ނޫން އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އަމިއްލަ ވަޒަނަށް ދިޔުމަށްޓަކައި އިންޑިއާ ސަރުކާރުން އިންތިޒާމްކޮށް ދަތުރުކުރަމުންދާ ޚާއްޞަ ރެއިލް ދަތުރެއްގައި އަންހެނަކު މިވަނީ ބަނޑަށް ޖެހި މަރުވެފައެވެ. ކާނެ އެއްޗެއް ނުލިބި ، ޑިހައިޑްރޭޓްވެގެން މިއަންހެން މީހާ މަރުވީ އާއިލާގެ ބައެއް މީހުންނާއެކު ކުރި ދަތުރެއްގައެވެ. ތާށިވެފައި ތިބި ގުޖުރާތުގެ ސޫރަތު ސަރަޙައްދުން އަމިއްލަ ވަޒަން ކަމަށްވާ ބިހާރުގެ ކަޓިހަރް ޑިސްކްރިކްޓަށް ކުރި ދަތުރުގެ މެދު ތެރެއިން އަންހެން މީހާ މަރުވުމާއެކު އޭނާގެ ހަށިގަނޑު ވަނީ ބިހާރުގެ މުޒައްފަރު ރެއިލްވޭ ސްޓޭޝަނަށް ބާލާފައެވެ.
މިއާއެކު ފެނިގެން ދިޔައީ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި މަންޒަރެކެވެ. މީސްމީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ މަރުވި އަންހެން މީހާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ތެރޭގައި އޭނާގެ ތުއްތު ދަރިފުޅު އޮވެފައި ތެދުވެ ފޮތިގަނޑު ދަމާލާ ، މަންމަ ހޭލައްވަން މަސައްކަތް ކުރާ ތަނެވެ.
މި ވީޑިއޯ އާންމުކުރަމުން ރަވީ ނަޔަރު ކިޔާ މީހަކު ބުނެފައިވަނީ މި ވީޑިއޯ ޚާއްޞަކޮށްފައިވަނީ ރެއިލްވޭ މިނިސްޓަރަށް ކަމަށެވެ. އޭނާ ބުނީ އެގައުމުގައި އޮތީ ފަގީރުން ދިރިތިބުމަށް އަގު ނުކުރާ ، ހިތެއް ނެތް ސަރުކާރެއް ކަމަށެވެ.
A migrant worker boarded the train from Gujarat to Muzaffarpur, Bihar. Mements before reaching Muzaffarpur, she died of dehydration, hunger and extreme heat. Her little son was trying to wake his dead mother up in the railway platform
Dedicating this video to the Railway minister pic.twitter.com/TnXuvyKQMZ— Ravi Nair (@t_d_h_nair) May 27, 2020
މިފަދަ ހާދިޘާތައް އިންޑިއާގައި އާންމުވެފައިވުމާއެކު ރެއިލްވޭ މިނިސްޓަރަށާއި އިންޑިއާގެ ބީޖޭޕީ ސަރުކާރަށް އެގައުމުގެ ގިނަ ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ދަނީ އިތުރުވަމުންނެވެ. މިދިޔަ އަންގާރަ ދުވަހު ވެސް މިފަދަ ޙާދިޘާތަކުގައި ދެމީހަކު މަރުވެފައިވެއެވެ.