ޚަބަރު

20 ރުފިޔާއަށް މަސް ކިލޯއެއް ނުގަނެވޭނެ ކަމަށް މިނިސްޓަރު ޒަހާ ބުނެފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިދަނޑިވަޅުގައި މަސްވެރިންގެ އަތުން 20 ރުފިޔާއަށް މަސް ކިލޯ ނުގަނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ “ރާއްޖެޓީވީ” އަށް ދިން އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި މަހުގެ އަގު މަތި ނުކުރެވެނީ ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގު ދަށްވުމުން ކަމަށެވެ.

އަދި މަސްވެރިންނަށް މަންފާ ކުރާނެ ގޮތަށް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އަންނަ އަހަރު މިފްކޯ ތަރައްގީކުރާނެ ވާހަކައާއި އެކަމުން ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުނުވުމުގެ ސަބަބުން މަސްވެރިން ވަނީ އިހުތިޖާޖަށް ނިކުންނަން ފަށާފައެވެ.

މިހަފްތާ ތެރޭގައި ފެލިވަރުގައި މަސްވެރިން ކުރި އިހުތިޖާޖުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރުމަށް ކަމަށެވެ.

މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!