ދުނިޔެ

އޮޅިގެން ޕެރަސެޓްމޯލް އިތުރަށް ދެވި މަރުވިކަމަށް ބުނާ މީހެއްގެ މަރުގެ ތަހުގީގު ތިންއަހަރު ފަހުން އަލުން ކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ނިއުމޯނިޔާ ޖެހިގެން އިނގެރޭސިވިލާތުގެ ހޮސްޕިޓަލަކަށް ފަރުވާ ހޯދަންދިޔަ މީހަކަށް، ދޭންވާ ވަރަށް ވުރެ ގިނައިން ޕެރަސެޓްމޯލް ދީގެން އެ އަންހެން މީހާ މަރުވުމާއި، އެކަން އާއިލާއަށް ސިއްރުކުރި ކަމުގެ ތުހުމަތު ކުރެވި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

2017 ވަނަ އަހަރުގެ އޭޕްރިލްމަހު ހިނގި މިހާދިސާ އާ ގުޅޭގޮތުން މަރުވި ލައުރާ ހިންގިންސަންގެ ފިރިމީހާ އެންތޮނީ ހިންގިންސަން ބުނީ ތަދު ކެނޑުވުމަށް ދިންބޭހަކުން ގެއްލުންވި ކަމަށް ޕޯސްޓްމޯޓަން ރިޕޯޓްގައި ހިމަނާފައިވީ ނަމަވެސް ހޮސްޕިޓަލްގެ ފަރާތުން އޭނާއާއި ނުވަތަ އާއިލާގެ އެހެން މެމްބަރަކާވެސް އެވާހަކަ ހިއްސާކޮށްފައި ނުވާކަމަށެވެ.

ހޮސްޕިޓަލްގެ އިހުމާލުން ދެ ކުދިންގެ މަންމަ ލައުރާ މަރުވެފައިވާ އިރު، އޮޅިގެން އިތުރަށް ތަދުކަނޑުވާ ބޭސް ދިންކަމަށް ސިއްރުކުރުމުގެ އިތުރުން ލައުރާގެ ޕޯސްޓް މޯޓަމް ރިޕޯޓް ވެސް ލިބުނީ އެތައް މަހެއް ފަހުންކަމަށް އެންތޮނީ ހާމަ ކުރިއެވެ. ރިޕޯޓްތައް ލިބުމުން ވަކީލަކާ މަޝްވަރާކޮށް، ހޮސްޕިޓަލުން ކަންތައްތަކެއް ފޮރުވަން މަސައްކަތްކުރި މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް އެހިސާބުގެ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ކުރިއަށް ގެންގޮސް އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. ލައުރާގެ މަރާގުޅޭގޮތުން "ދަ ވިންސްޓަން ހޮސްޕިޓަލް" އިން ހާމަ ކުރި ގޮތުގައި، ލައުރާގެ ފިރިމީހާގެ ތުހުމަތުތައް ދޮގު ކަމަށާ، ލައުރާ މަރުވީ އެނާގެ ގައިގައި ހުރެ "ޖެނެޓިކް" މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ލައުރާގެ ޕޯސްޓް މޯޓަމް ރިޕޯޓް ދިރާސާކުރި މިނިވަން ފަންނީ މާހިރުންތަކެއް ފާހަގަކޮށްފައިވާ ގޮތުގައި ތަދުކަނޑުވަން ދިން ބޭހުގެ ސަބަބުން ލައުރާގެ ފުރަމެއަށް ވަނީ އިޔާދަނުކުރެވޭވަރުގެ ގެއްލުން ލިބިފައެވެ. އަދި އެއީ ލައުރާ މަރުވުމުގެ ސަބަބަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ މާހިރުން ހާމަކޮށްފައި ވެއެވެ. އެހެންކަމުން މިހާރަށް ލިބެން ހުރި އާ ހެކިތަކާއެކު ފުލުހުންވަނީ އެމައްސަލަ އަލުން ބަލަން ފަށާފައެވެ. މިކަމުގައި އެންތޮނީއަށް އެހީތެރިވާ ވަކީލުން ބުނީ، "ތިން އަހަރު ފަހުން ނަމަވެސް ، އޮޅިގެން އިތުރަށް ތަދުކަނޑުވާ ބޭސް ދިންކަމަށް އިޢުތިރާފްވުން އެއީ ލިބުން ބޮޑު ކުރިއެރުމެއް ކަމަށާ، ދެން އޮތީ ލައުރާގެ މަރުގެ ސަބަބު ހޯދުން" ކަމަށެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ އާ ގުޅިގެން ހޮސްޕިޓަލްގެ އެއްވެސް ސްޓާފަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށް ނުވަތަ ވަޒީފާއިން ކަނޑާލަފައެއް ނުވެއެވެ.

ލައުރާގެ ފިރިމީހާ އެންތޮނީ ބުނީ، މިހާތަނަށް ކުރި އެންމެ ބިރުވެރި ތަޖުރިބާ އަކީ، ދަންވަރު 1130 ބައިގައި، ނިދާފައި ތިބި ކުޑަ ދެކުދިން ނަގައިގެން އެކުދިންގެ މަންމަގެ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅުގައި މަންމައާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގެންދިއުން ކަމަށެވެ. ކުޑަ ދެކުދިން އެކުދިންގެ މަންމަ އަށް ފަހުގެ ސަލާން ކުރިމަންޒަރު ހިތަށް އަރުވާލިޔަސް ބިރު ގަންނަ ކަމަށާ، މަންމަގެ ކައިރީގައި ތިބެ ރޮމުން އެކި ކަންކަމަށް ވަޢުދު ވަމުން ދިޔަ މަންޒަރު އަދިވެސް ސިފަވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ހަޔާތުގައި އެންމެ މުހިންމު އަދި އެންމެ ލޯބިވާ ތިން މީހުން އެ ތަހައްމަލު ކުރި ވޭން ދުވަހަކު ހަނދާން ނުނެތޭނެ ކަމަށް އެންތޮނީ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!