ޚަބަރު

މުޅި މާފަރުގައި ބަނބުކެޔޮ ގަހާއި ކަށިކެޔޮގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނ.މާފަރުގެ ރަށުގެ ތަރައްގީ އަށް އަދި ރަށުގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައި ވާ ދި އައިލެންޑް ސްޕޯރޓްސް އެކަޑަމީ އިން ނ.މާފަރުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފައްޓައިފިއެވެ.

Ads by STELCO

އެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި އިއްޔެވެސް މި ޕްރޮގްރާމްގެ ދަށުން އެރަށުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާފައެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ ފަންސާހަށްވުރެ ގިނަ ކަށިކެޔޮ ގަހާއި ފަންސާހަށްވުރެ ގިނަ ބަނބުކެޔޮ ގަސް ރަށުގެ އެކި ހިސާބު ތަކުގައި އިންދާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޕްރޮގްރާމްގެ ދަށުން އިތުރު ގަސްތައް އިންދުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދެން އެމްވީ އަށް މައުލޫމާތު ދެއްވަމުން ދި އައިލެންޑް ސްޕޯރޓްސް އެކަޑަމީގެ ޗެއަރމަން ޝަރުވަތު އަބްދުލްޣަނީ ވިދާޅުވި ގޮތުގައި މި ގަސްތައް އިންދުމުގެ ބޭނުމަކީ ދިގު މުއްދަތަކަށް ރަށުގެ ރައްޔިތުންނަށް މި ގަސްތަކުން ފައިދާ ތަކެއް ވެގެން ދިއުންކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުން ޝަރުވަތު ފާހަގަ ކުރެއްވިއެވެ. އަދި ދެއްވަމުންދާ އެއްބާރުލުމަށް ޓަކައި ރަށުގެ ޒުވާނުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

ދި އައިލެންޑް ސްޕޯރޓްސް އެކަޑަމީއިން މިފަދަ ޕްރޮގްރާމެއް ފައްޓާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އިން ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލް ތަކުން މި އަހަރު ތެރޭގައި ފުރިހަމަ ކުރުމަށް ހުށަހަޅުއްވާފައެވެ.

ދެން އެމްވީ އަށް މައުލޫމާތު ދެއްވަމުން ޝަރުވަތު ވަނީ މަޖިލީހުގެ މި ނިންމުން ފާހަގަ ކުރައްވާ މި ޕްރޮގްރާމަކީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ އެހެން ރަށްތަކުގެ ޖަމިއްޔާތަކަށާއި ކައުންސިލް ތަކަށް މިކަން ކުރިއަށް ގެންދިއުމަށް ޝަރުވަތު ވަނީ ހިތްވަރު ދެއްވާފައެވެ.

މިފަދަ ކޮންމެ ހާލަތެއްގައިވެސް މާފަރުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ދި އައިލެންޑް ސްޕޯރޓްސް އެކަޑަމީއިން ތައްޔާރަށް ތިބޭނެ ކަމަށްވެސް ޝަރުވަތު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!