ގާތް ރަހުމަތްތެރިއެއްގެ މުހިއްމުކަން އެނގެންވީ އެމީހަކު ނެތް ދުވަހަކުން ނޫނެވެ.
ތިމާގެ ގާތް ރަހުމަތްތެރިއެއް ހުންނަ ނަމަ އަމިއްލަ ނަފުސާ މިސުވާލުތައް ކޮށްލަ ބަލާށެވެ. އެ ރަހުމަތްތެރިޔާގެ މެސެޖުތައް ފެނުމުން އަޅާ ނުލާ ހުރިން ހެއްޔެވެ؟ އެ ރަހުމަތްތެރިޔާ ގުޅާފައި އޮތްތަން ފެނުމުން އަނބުރާ ގުޅާލިން ހެއްޔެވެ؟ ކަމަކު ޖެހުނީމާ ނޫނީ ރަހުމަތްތެރިޔާގެ ހާލު ބަލާލުމަށް ޚަބަރެއް ވެލިން ހެއްޔެވެ؟
ގަބޫލު ކުރެއްވިޔަސް ނުކުރެއްވިޔަސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ރަހުމަތްތެރިންގެ މެސެޖުތަކަށް އަޅައެއް ނުލައެވެ. ގުޅާފައި އޮތަސް އަނބުރާ ގުޅާނުލާ ދެއެވެ.މިހެން ހުއްޓާ އެ ރަހުމަތްތެރިޔާ މި ފެންނަނީ ކަމަކު ޖެހުނީމައެވެ. އެ ރަހުމަތްތެރިޔާގެ މުހިއްމުކަން އެނގެނީ ވެސް ކަމަކު ޖެހުމުންނެވެ. އެ ރަހުމަތްތެރިޔާ އާ އެކު އެކުގައި ވަގުތު ހޭދަ ކޮށްލެވުނު ދުވަހެއް ހަނދާން ކޮށްލަބަލާށެވެ. ހަނދާނެއް ނެތެއް ނޫން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ ޖަވާބު އަޅުގަނޑަށްވެސް އެނގެއެވެ. އަޅުގަނޑުމެން މާ ބިޒީ އެވެ. އަމިއްލަ މަސައްކަތް ކޮށްފައި ރަހުމަތްތެރިންނަށް ދޭނެ ވަގުތުކޮޅެއް ހަމަ ނުވަނީ އެވެ. ހުސްވަގުތެއް ހަމަ ނުލިބެނީ އެވެ. ރަހުމަތްތެރިއަކަށް ގުޅާލާ ވާހަކަ ދައްކާލުމަށް މިނެޓެއް ވެސް ނުލިބެނީ އެވެ.
ނަމަވެސް ދަންނަވަންތޯއެވެ؟ އަޅުގަނޑުމެންގެ ދުވަހުގެ 24 ގަޑިއިރުގެ ތެރެއިން ރަހުމަތްތެރިޔާއަށް ގުޅާލާ ވާހަކަ ދައްކާލުމަށް ހޭދަކޮށްލާ ވަގުތުކޮޅުގެ ސަބަބުން އެ ރަހުމަތްތެރިޔާ އިންތިހާ އަށް އުފާވެދާނެއެވެ. އެ ރަހުމަތްތެރިޔާގެ ހާލު ބަލާލައި ވާހަކަ ދައްކާލަން ގުޅާލުމުން އެ ރަހުމަތްތެރިޔާ އަކީވެސް މުހިއްމު މީހެއްކަން އޭނާއަށް އިހްސާސް ކުރެވޭނެއެވެ.
އެ އެކުވެރިޔާގެ ފޯން ކޯލަކީ އަބަދު އަޅުގަނޑުމެންނަށް އަންނާނެ އެއްޗެއް ނޫނެވެ. ދުނިޔޭގެ ދިރިއުޅުމަކީ ވަރަށްވެސް ކުރު އެއްޗެކެވެ. އަޅުގަނޑުމެން މި ދުނިޔެ ދޫކޮށް ދާން ޖެހޭނެ ދުވަހެއް އަޅުގަނޑުމެން އެކަކަށް ވެސް ނޭނގޭނެއެވެ. އެ ރަހުމަތްތެރިޔާ އަޅުގަނޑުމެންނަށް ފެންނަން ހުންނާނީ ކިހާ ދުވަހަކަށް ކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. މާދަމާވެސް އެ ރަހުމަތްތެރިޔާގެ މަރުގެ ހިތާމަވެރި ޚަބަރު އަޅުގަނޑުމެންނަށް ލިބިދާނެއެވެ. އެ ދުވަހަކުން އަޅުގަނޑުމެން ދެރަވާނެއެވެ. އެ ރަހުމަތްތެރިޔާގެ ފޯން ކޯލަށް ޖަވާބު ދެވުނު ނަމައޭ ހިތަށް އަރާނެއެވެ. އެ ރަހުމަތްތެރިޔާގެ މެސެޖުތައް ހަނދާންވެ ދެރަވާނެއެވެ. އެ ރަހުމަތްތެރިޔާގެ މުހިއްމުކަން އެދުވަހަކުން އިހްސާސް ކުރެވޭނެއެވެ. ހަނދާންވެސް ވާނެއެވެ.
ނަމަވެސް ނަމައެއްގައި ކެއްކޭނެ ރިހައެއް ނޯއްނާނެއެއް ނޫން ހެއްޔެވެ. އެ ދުވަހުން އެ ރަހުމަތްތެރިޔާގެ ފޭސްބުކް ޓައިމްލައިން ފުރެންދެން އަޅުގަނޑުމެން ތަޢުޒިޔާގެ މެސެޖުތައް ލިޔެވިދާނެއެވެ. އޭނާގެ ރަނގަޅު ވާހަކަ މީހުން ގާތުގައި ދެއްކިދާނެއެވެ. ނަމަވެސް އެ އަޑު އެ ރަހުމަތްތެރިޔާއަށް އިވޭނެތޯއެވެ؟ އެ ޕޯސްޓް ތައް ރަހުމަތްތެރިޔާއަށް ފެންނާނެތޯއެވެ؟ ނޫނެކެވެ. އެދުވަހުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެދުވަހަކުން ކޮށްދެވޭނެ ހަމައެކަނި ކަމަކީ އިހްލާސްތެރި ހިތަކާ އެކު ކުރެވޭ ދުޢާ އެކެވެ. އެހެނީ އެ ރަހުމަތްތެރިޔާ ވާނީ އެދުވަހުން އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ.
ރަހުމަތްތެރިއެއްގެ އަގުވަޒަންކުރަންވީ އެމީހެއްގެ މަރުގެ ޚަބަރު ލިބުމަކުން ނޫނެވެ. އެ މީހަކު ދެކެ ވާ ލޯބިވެސް ހާމަކުރަންވީ އެދުވަހަކުން ނޫނެވެ. އެ މީހަކީ އަޅުގަނޑުމެންނަށް މުހިންމު މީހެއްކަން ވިސްނެންވެސް އެ ދުވަހުން މާ ލަހެވެ. ރަހުމަތްތެރިންގެ އަގު ވަޒަން ކުރަންވީ އެމީހުން އަޅުގަނޑުމެންނާ އެކު ތިއްބާއެވެ. އެމީހުންނާއެކު ވަގުތު ހޭދަކޮށް ހާލުބަލައި އުޅެންވީ މިއަދު އެވެ. އެމީހުން ދެކެ ވާ ލޯބިވެސް ހާމަކޮށް ދޭންވީ މިއަދު އެވެ. މާދަމާ މި ކެހިވެރި ދުނިޔެ ދޫކޮށް ދިޔުމުން އެކަންޏެއް ނޫނެވެ.