ހަގީގީ ހާދިސާ ރިޕޯޓް

ހަގީގީ ހާދިސާ: "ހުރިހާ ފިިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން އަހަންނަށް ގަބޫލު ކުރެވިއްޖެ"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ވާހަކައަކީ އަޅުގަނޑުގެ އެކުވެރިއަކު އަޅުގަނޑާ ހިއްސާ ކުރި ވާހަކައެކެެވެ. މިވާހަކައަށް ބައެއް ބައިތައް އުނި އިތުރުކޮށް ހިއްސާ މިކުރަނީ ގިނަ ބަޔަކަށް މެސެޖެއް ދިނުމުގެ މަގުސަދުގައެވެ.

Ads by Sosun Fihaara

"އެއީ މީގެ ދެ އަހަރު ކުރިއެވެ. ޔުނިވާރސިޓީއިން ގެއަށް ދިޔަ މަގުމަތީގައި އަހަރެންގެ އަންހެން ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭނާ އަކީ އަހަރެންގެ ސުކޫލު ދައުރުގެ ޒަމާންވީ އެކުވެރިއެކެވެ. އޭނާއާ ބައްދަލުވީ ގިނަ ދުވަސްތަކަކު ބައްދަލު ނުވެ ހުރުމަށް ފަހުގައެވެ. ކޮންމެއަކަސް އެހާ ގިނަ ދުވަސް ފަހުން ބައްދަލުވުމުން ދެމީހުންވެސް ނިންމީ އެކަކު އަނެކަކާ ވާހަކަ ދައްކާލުމަށް ކޮފީއަކަށް ދިއުމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ ކައިރިން ދެމީހުން އެކުގައި ދިޔައީ ކާނިވަލަށެވެ. ކާނިވަލުގައި ހުންނަ ލެމަން ގްރާސްގެ ސިޓްރަން ރެސްޓޯރަންޓަށް އަހަރެމެން ކޮފީއެއް ބޯން ވަނީމެވެ. ދެމީހުން ވެސް އެކަކު އަނެކެއްގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރަމުން ދިޔައީމެވެ. ދުވަސްވަރަކީ އަހަރެމެންނާއެކު ސުކޫލްގައި އުޅުނު ގިނަ އެކުވެރިން ކައިވެނި ކުރަމުން ދިޔަ ދުވަސްވަރަކަށް ވާތީ ކައިވެނި ކުރަން ނޫޅެންތޯ އަހަރެން އޭނާއާ ސުވާލު ކޮށްލީމެވެ. އޭނާ މީގެ ކުރިން ރަަށު ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގިހުރެއެވެ.

އޭނާ ދިން ޖަވާބުން އަހަރެން ވަރަށް ހައިރާން ވިއެވެ. އެ ޖަވާބަކީ އަހަރެން އަޑުއަހަން އެންމެ ބޭނުންވި ޖަވާބެއް ވެސް ނޫނެވެ. އޭނާ ބުނީ އޭނާ ރައްޓެހި ވެގެން އުޅުނު ފިރިހެން ކުއްޖާ އޭނާއަށް ބޭވަފާތެރިވީ ކަމުގައެވެ. އޭނާއާ ލޯބީގެ ގޮތުން ގުޅިގެން ހުރެ އެހެން އަންހެނުންނާ ނަހަމަ ގުޅުންތައް ބޭއްވީ ކަމަށެވެ. އެތައް އޮޅުވާލުން ތަކެއް އޮޅުވާލީ ކަމަށެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރު ވެސް އޭނާއާ ދިމާވެއްޖެ ނަަމަ އަނިޔާ ކުރާ ކަމަށެވެ. މައްސަލައެއް ޖެހިއްޖެ ނަމަ ހަޑި ހުތުރުބަހުން ވާހަކަދައްކާ އޭނާއާ ދިމާއަށް ހެއްދެވި ނުހެެއްދެވި އަށް ގޮވާ ކަމަށެވެ.

އެ ވާހަކަތަކަކީ އަހަރެންނަށް އައު ވާހަކަތަކެއް ނޫނެވެ. މީގެ ކުރިން ވެސް އެ ފިރިހެން ކުއްޖާގެ އެކަހަލަ އަޑުތަކެއް ރަށުތެރޭގައި ވެސް ވަނީ އަރާފައެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމުގައި ވެސް ރަށުތެރޭގައި ކިޔައި އުޅެއެވެ. ކޮންމެއަކަސް އެ ވާހަކަ ކިޔައިދީ ނިމުނު އިރު އޭނާގެ މޫނުމަތީގައި ހުރި އުޖާލާކަން ވެސް ހުރީ ގެއްލިފައެވެ. މިހާރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. ހީވަނީ ގާތްތިމާގެ މީހަކު ދުނިޔެއާ އަލްވަދާއު ކިއުމުން އެކަމާ ދެރަވެގެން އުޅޭހެންނެވެ.

އަހަރެން އޭނާ ގާތުގައި ސުވާލު ކޮށްލީމެވެ. އެހެން މީހަކާ ލޯބީގެ ގޮތުން ގުޅޭކަށް ނޫޅެން ތޯއެވެ. އޭނާއަށް ބޭވަފާތެރިވީ ކެހިވެރިޔާގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ނުކުރަންތޯއެެވެ. ހަރުދަނާ ރަނގަޅު އޭނާ ދެކެ ލޯބިވާ މީހަކު ހޯދަން މަސައްކަތް ނުކުރަން ތޯއެވެ. އޭނާ އަހަރެންނަށް ދިން ޖަވާބުން އަހަރެންގެ ގާތަށް ވަރަށް ރުޅިއައެވެ. ސަބަބަކީ އެއީ އަހަރެން ގަބޫލުކުރާ ކަމަކަށް ނުވާތީއެވެ. އަދި ފިރިހެނަކަށްވެ ހުރެ އެ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫންކަން ޚުދު އަހަންނަށް ވެސް އެނގޭތީއެވެ.

އޭނާ ބުނީ އިތުރު މީހަކާ ލޯބީގެ ގޮތުން ގުޅެން އޭނާ ބޭނުން ނުވާ ކަަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ހުރިހާ ފިރިހެނުން ވެސް އެއް ގޮތެވެ. ރަނގަޅު ހަމަ އެކަކު ވެސް ނޫޅޭ ކަމަށް އޭނާ ބުންޏެވެ. ފިރިހެނެއް ވެއްޖިއްޔާ ހުންނާނީ ހަމަ އެގޮތް ކަމަށާއި ހަދާނީ ހަދާނެ ގޮތެއް ކަމަށް ބުންޏެވެ. އަދި ދުވަހަކު ވެސް ތެދުބަހުން ވާހަކަ ނުދައްކާނެ ކަމަށާއި އޮޅުވާލާނެ ކަމަށް ވެސް ބުންޏެވެ.

އެވާހަކަތައް އަޑު އެހުމަށްފަހު އަހަރެން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. އޭނާއަށް ހެޔޮއެދޭ ގާތް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. އެންމެ މީހަކު ކުރި ކަމެއްގެ ސަބަބުން ހުރިހާ ފިރިހެނުން ކުށްވެރި ނުކުރުމަށް އަހަރެން އެދުނީމެވެ. އަދި ދުނިޔެމަތީގައި ހެޔޮލަފާ ޞޯލިހު ފިރިހެނުން ވެސް އުޅޭކަމަށް ވިސްނައިދިނީމެވެ. ވަފާތެރި އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރަން ދަންނަ މީހުން އުޅޭކަން ވެސް ވިސްނައި ދިނީމެވެ. އެހެންނަމަވެސް އެ ދުވަހު އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރިއެވެ.

ދެމީހުން ކޮފީ ނިންމާފައި ދިޔައިރު ވެސް އޭނާގެ ގަބޫލުކުރުން ހުރީ ހަމަ އެގޮތަށެވެ. ފިިރިހެނުންނަކީ ވިޔާނުދާ ބައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އަދި އޭގެ ތެރޭގައި ހަމަ ހުރިހާ ފިރިހެނުން ވެސް ޝާމިލު ވެއެވެ. އަހަރެން އެ ދުވަހު އޭނާއާ ވަކިވެ ގެއަށް ދަމުން ވެސް އޭނާ ގާތުގައި ބުނީ އެގޮތަށް ނުވިސްނުމަށެވެ.

ދުވަސްތައް ތަކުރާރުވަމުން ދެއެވެ. އިރު ހަނދާއި ތަރިތައް އޭގެ ވާޖިބު ކޮންމެ ދުވަހަކުމެ އަދާކުރަމުން ދެއެވެ. އަހަރެންނާއި އެ ރަހުމަތްތެރިޔާ ކޮންމެވެސް ވަރަކަށް ފޭސްބުކް މެސެންޖާރ އިން ވާހަކަ ދައްކަމެވެ. އޭނާގެ ފޭސްބުކުން ވެސް އަބަދުވެސް ފެންނަނީ "ޑިޕްރެސިން" އެއްޗިއްސެވެ. ލޯތްބަކީ ދުނިޔޭގައި ވާ އެއްޗެއްކަން މިހާރު އޭނާ ގަބޫލު ނުކުރާކަން އަހަރެންނަށް ހަމަ ރަނގަޅަށް އެނގުނެވެ.

ދުވަސްކޮޅެއް ފަހުން އޭނާ އެފަދަ ޕޯސްޓުތައް ކުރާލެއް މަދުވާން ފެށިއެވެ. އަދި އެއް ދުވަހަކު އޭނާގެ އިންސްޓަގްރާމް ސްޓޯރީ އިން އޭނާ ފިިރިހެނަކާއެކު ނަގާފައިވާ ފޮޓޯއެއް ލާފައިވާތަން އަހަންނަށް ފެނުނެވެ. ހަމަ ގައިމު ވެސް އެއީ ރަހުމަތްތެރިންނެއް ނޫނެވެ. އެ ދެމީހުންގެ ދެމެދުގައި އޮތީ ލޯބީގެ ގުޅުމެއްކަން އަހަންނަށް ޔަގީން ވިއެވެ. ކޮންމެއަކަސް އަހަރެން އެނގޭ ކަމަކަށް ނުހަދަމެވެ. އޭނާ އަމިއްލައަށް ފެނިގެން އަހަރެންގެ ގާތުގައި ބުނޭތޯ އަހަރެން ހުރީމެވެ.

އަހަރެން އޭނާއާ ދޭތެރެއަކުން ވާހަކަ ދައްކަމެވެ. ނަމަވެސް އޭނާ އެފަދަ ވާހަކައެއް ނުބުނެއެވެ. އަދި އެފަދަ ވާހަކައެއް ނުވެސް ދައްކައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެ ފޮޓޯ ފެނުނުތާ ގާތްގަނޑަކަށް މަހެއް ފަހުން އޭނާ އަހަރެންނަށް ގުޅިއެވެ. އަދި ދިން ހަބަރަކީ އަހަރެން ހަގީގަތުގައި ވެސް ވަރަށް އުފާވި ޚަބަރެކެވެ. އޭނާ ކައިވެނި ކުރަން އުޅޭކަމުގެ އުފާވެރި ހަބަރެވެ. އަދި އަހަންނަށް ކާޑު ފޮނުވާނެ ކަމުގައި ބުންޏެވެ.

އޭނާ އަހަންނަށް ގުޅީ އަންގާރަ ދުވަހުއެވެ. އޭނާގެ ވަލީމާ އޮތީ އެ ހަފްތާގެ ހުކުރު ދުވަހުގެ ރޭގައެވެ. އޭނާ އަހަންނަށް ކާޑު ފޮނުވިއެވެ. އަހަރެން ހުރީ އޭނާގެ ކައިވެންޏަށް ދާން ކެތްމަދުވެފައެވެ. ނަމަވެސް އޭނާއަށް މެސެޖު ކުރުމަށްފަހު އޭނާ ކައިވެނި ކުރަނީ ކާކާތޯ އަހަރެން ސުވާލު ކުރީމެވެ. އޭގެ ޖަވާބު ފަހުން ދޭނެ ކަމުގައި ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން އިންތިޒާރު ކުރަމުން ދިޔަ ދުވަސް ވެސް އައިސްފިއެވެ. ހުކުރު ދުވަހު އަހަރެން ހުސްކޮށްގެން ހުރީ ހަމައެކަނި އޭނާގެ ވަލީމާއަށް ދިއުމަށް ޓަކައެވެ. ވަލީމާ ފެށެން އޮތީ 8:30ގައެވެ. އަހަރެން 9 ޖަހާލާހާއިރު އޭނާގެ ވަލީމާއަށް ދަރުބާރުގެއަށް ދިޔައީމެވެ. މުޅި ދަރުބާރުގެ އޮތީ ފެއަރީ ލައިޓުން ދިއްލާ އަޅާފައެވެ.

ވަލީމާ އޮތް މާލަމަށް ވަތް އިރު ފެނުނީ ނުހަނު ގުޅޭ ޖޯޑެކެވެ. ކައިވެނީގެ ހެދުމުގައި އަހަރެންގެ ރަހުމަތްތެރިޔާ ހުރިތަން ފެނުމުން އަހަރެން ނުހަނު އުފާވިއެވެ. ކުރެވުނީ ބަޔާން ކުރަން ނޭނގޭ އިހްސާސެކެވެ. އަހަރެން ގޮސް އެމީހުންނާ ސަލާމް ކޮށް އުފާވެރި ފާގަތި ދިރިއުޅުމަކަށް އެދުނީމެވެ. އަދި އަހަރެން ގެންދިޔަ ސިޓީ އުރަ އޭނާއަށް ދިނީމެވެ.

ވަލީމާ ނިންމާފައި އަހަރެން ގެއަށް ގޮސް ފޯނު ބަލާލީމެވެ. މެސެންޖާއިން އަހަރެންގެ ރަހުމަތްތެރިޔާ އަހަންނަށް މެސެޖު ކޮށްފައި އޮތެވެ. އެ މެސެޖުގައި ލިޔެފައިވެއެވެ.

" މިއަދު އަހަރެން އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ ތިބާއަށެވެ. ސަބަބަކީ އަހަރެން ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއްކަމަށް ހީކުރި ހީކުރުން ބަދަލުވީ ތިބާގެ ނަސޭހަތް ތަކުގެ ސަބަބުން ކަމަށްވާތީއެވެ. އަހަރެން މީހަކާ ލޯބީގެ ގޮތުން ގުޅުމަށް ޖެހިލުންވެފައި ހުއްޓާ ވެސް އެކަމަށް އަހަރެންނަށް ހިތްވަރު ދިނީ ތިބާ ކަމަށް ވާތީއެވެ. މިއަދު އަހަރެންގެ ފިރިއެއްގެ ގޮތުގައި އަހަރެންގެ އަތުގައި ހިފައިގެން މިހުރީ ރަނެއް މަލެއް ފަދަ ފިިރިހެނެކެވެ. ދުނިޔޭގައި ތެދުވެރި ވަފާތެރި އަދި އަންހެނުންނަށް އިހްތިރާމް ކުރަން ދަންނަ ފިރިހެނުން އުޅޭކަން މިއަދު އަހަރެން ގަބޫލު ކޮށްފީމެވެ. އާނއެކެވެ. ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫނެވެ"

މި ވާހަކަ އަހަރެން ތިޔަ ކިޔުންތެރިންނާ ހިއްސާ ކުރަން ބޭނުންވީ މި ވާހަކައިން އިބުރަތެއް ހާސިލު ކުރުމަށް ޓަކައެވެ. ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ކަމަށް ގަބޫލު ކުރާ އަންހެން ކުދިން މިއަދު ވަރަށް ގިނައެވެ. ދިރިއުޅުމުގައި ދިމާވާ އެންމެ ވިޔާނުދާ މީހެއްގެ ސަބަބުން މުޅި ފިިރިހެން ނަސްލަކީ ނުބައި ނުލަފާ ބައެއްގެ ގޮތުގައި ސިފަ ކުރުމަކީ ހެދޭ ގޯހެކެވެ. ފިރިހެނުންގެ ތެރޭގައި ވެސް އަދި އަންހެނުންގެ ތެރޭގައި ވެސް ވަފާތެރި ހެޔޮލަފާ ތެދުވެރި މީހުން އުޅޭނެކަން ދަންނާށެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!