45 ބިލިއަންގެ ބަޖެޓަކުން 215 މިލިއަން މަސްވެރިންނަށް ކަނޑައެޅުން ލަދުވެތި: ސައީދު

ރެކޯޑު އަދަދަކަށް ބޮޑު ، 45 ބިލިއަން ރުފިޔާގެ ބަޖެޓަކުން އެންމެ 215 މިލިއަން މަސްވެރިކަމަށް ކަނޑައެޅުމަކީ ލަދުވެތިކަމެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބި މިއަދު އިހަވަންދޫ މަސްވެރިން ކުރި އިހުތިޖާޖާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ ރައީސުން ޗުއްޓީ ހައްދަވަން ނުތިއްބަވާ މަސްވެރިންގެ އަޑު އައްސަވާ ވަގުތުން ވަގުތަށް ފައިސާ ދިނުމަށް ގޮވާލައްވާ ކަމަށެވެ.
އަދި ބޮޑު ބަޖެޓުގައި ސިޔާސީ ހަރަދު މަސްވެރިންނަށް ދޭން ޖެހޭ ހަރަދަށް ވުރެ ބޮޑު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އިހަވަންދޫގެ މަސްވެރިން މިއަދު އެރަށުގެ ބަނދަރު ސަރަހައްދުގައި އިހުތިޖާޖް ކުރަމުންދާއިރު، މި ދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން، މިފްކޯގެ މަސްފެކްޓްރީ ހިމެނޭ ފެލިވަރުގައި ވެސް ވަނީ އިހްތިޖާޖް ކޮށްފައެވެ. އެމީހުން މައިގަނޑު ގޮތެއްގައި ގޮވާލަނީ ބާނާ މަސްކޮޅު ހަލާކު ނުވަނީސް ކިރުވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށާއި، މަސްވެރިންނަށް ހޯދައިދޭން މި ސަރުކާރު ވަޢުދުވެފައިވާ ހަމަ އަގު ހޯދައި ދިނުމަށެވެ.