ޑރ. އިޔާޒަކީ އެއް ދީނެއްގެ މީހުންގެ ތެރޭގައި ވެސް އުޅެން ނޭނގޭ މީހެއް: އިންތި
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފަކީ އެއް ދީނެއްގެ މީހުންގެ ތެރޭގައި ވެސް އުޅެން ނޭނގޭ މީހެއް ކަމަށް މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
"ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ޑރ.އިޔާޒު ސިފަކުރައްވައިފި" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމެއް ޓްވީޓް ކުރައްވަވާ އިންތި ވިދާޅުވެފައި ވަނީ، "ޑރ.އިޔާޒަކީ އެއް ދީނެއްގެ މީހުންގެ ތެރޭގައި ވެސް އުޅެން ނޭނގޭ މީހެއް" ކަމަށާއި "އެ ނޫން މުޖުތަމަޢެއްގައި އުޅެން ޖެހިއްޖެ ނަމަ" އުޅެން ޖެހޭނެ ހާލަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
އިންތިގެ މި ޓްވީޓަށް ޑރ.އިޔާޒް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ، އިމްތިޔާޒް ފަހުމީ އުޅުއްވަނީ އަމިއްލަ ޕާޓީގެ ތެރޭގައި ވެސް އެކަކު އަނެކަކަށް ވަގަަށް ގޮވަމުންނާއި އެނޫން ވެސް ހަމަނުޖެހުންތަކުން ސަލާމަތް ނުވެވިގެން ކަމަށާއި އަދި އެވަރުގެ ބޭފުޅަކަށް މުޖުތަމައުގެ ވާހަކަ ދައްކަވާނީ ކިހިނެތްތޯއެވެ.
"ކްރިސްމަސް" ފާހަގަ ކުރަމުންދާ ފަރާތްތަކަށް އެދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން ޑރ.އިޔާޒު ވަނީ މީގެ ކުރިން ވެސް ތިމާގެ ނުލަފާ ކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫ ޖަހާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުން ކަމުގައި ވިދާޅުވެފައެވެ. މިއާއެކު އެމްޑީޕީގެ ގިނަ މެންބަރުންގެ ފާޑު ކިޔުން އިޔާޒަށް ވަނީ އަމާޒުވެފައެވެ.