ރައީސް ނަޝީދުވަނީ ފާޅުގައި ﷲ ގެ ދީނަށް ފުރައްސާރަ ކޮށްފައި: ޑރ އިޔާޒް

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ފާޅުގައި ﷲ ގެ ދީނަށް ފުރައްސާރަ ކޮށްފައި ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ﷲ ސުބްހާނަހޫ ވަތަޢާލާގެ ދަރިކަލެއްގެ ލަޤަބު އީސާގެފާނަށް ދީ ކްރިސްޓިއަނުން ފާހަގަ ކުރަމުން އަންނަ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު އެ ފަރާތްތަކަށް އަރިސްކުރުމާ ގުޅިގެން ގިނަ ދީނީ އިލްމުވެރިން ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނައިރު ގިނަ ސިޔާސީ ފަރާތްތަކެއް އަންނަނީ ނަޝީދު ދިފާއު ކުރައްވަމުންނެވެ.
މިގޮތުން ރައީސް ނަޝީދަކީ އަބަދުވެސް ދީނީ ކަންކަމަށް ލޯބިކުރާ ފަރާތެއް ކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޑރ. އިޔާޒު ވިދާޅުވީ މުނާފިގުންގެ ރައީސް އަބްދުالله ބިން އުބައްޔު ބިން ސަލޫލު ވެސް ބޭރު ފުށް ވަރަށް ރީތި ކޮށްގެން އުޅުނު ކަމަށެވެ.
“ އޭނާ އާ ހިލާފަށް މުހައްމަދު ނަޝީދު ވަނީ ފާޅުގައި الله ގެ ދީނަށް ފުރައްސާރަ ކޮށްފައި” ޑރ. އިޔާޒް ވިދާޅުވިއެވެ.
ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ އެހެން އެއްވެސް ބޭފުޅަކު މިދުވަހާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަވެއެވެ. އަދި މިދުވަހަކީ އިސްލާމްދީނުގައި ފާހަގަކުރުން ހުއްދަކުރާ ދުވަހަކަށް ނުވާއިރު، މިކަމުގައި ބައިވެރި ނުވުމަށް ދުރާލައި އިލްމުވެރިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.