ޑރ.ޝަހީމް، އިޔާޒަށް: މީހުންނަށް އެއްޗިހި ގޮވުން ހުއްޓާލައި ހެޔޮ އަމަލުތައް ގިނަ ކުރޭ
މީސް މީޑިއާގައި މީހުނަށް އެއްޗެހި ކިޔުން ހުއްޓާލައި، ހެޔޮ އަމަލު ކުރުން ގިނަ ކުރުމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، ޑރ. އިޔާޒް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައެވެ.
އިދިކޮޅުން ރޭ ކާނިވާ ސަރަހައްދުގައި “ވިސްނާ” ގެ ނަމުގައި ބޭއްވި ޖަލްސާގައި ޑރ.މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން ޑރ. އިޔާޒް ވިދާޅުވީ ޤައުމު އިސްލާޙް ކުރަން ރައީސް ޔާމީނަށް ފުރުސަތު ލިބުނީމާ އެކަން ނުކޮށް ކުރެއްވީ ވަރަށް ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.
“ މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮ އެދޭ އެންމެން ޖަލަށް ލައި، ވައްކަން އާންމުކޮށް، "ބެގް ބޮރޯ އޯރ ސްޓީލް “ގެ ސިޔާސަތު ފަތުރަން އުޅުއްވީމަ ވީގޮތް. ހަގީގަތް އޮޅުވާ ނުލައްވައި އެކަން ޤަބޫލު ކުރައްވާ ދޮގެއްތޯ؟” ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
މިއަށް ރައްދު ދެއްވައި ޑރ. ޝަހީމް ވިދާޅުވީ ޖަލުގައި ބަންދުވެފައި އޮތް މީހަކާ ދިމާލަށް މިނިވަން ހާލުގައި ހުރި މީހަކު އެއްޗިހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގެވެސް އައިބު ކަމެއްގެ ގޮތުގައި ފާހަގަ ވެފައި އޮންނަ ކަމެއް ކަމަށެވެ.
“ ޓްވިޓާގައި މީހުންނަށް އެއްޗިހި ގޮވުން ހުއްޓާލައި ހެޔޮ އަމަލުތައް ގިނަ ކުރޭ“ އިޔާޒަށް ނަސޭހަތްތެރިވެ ވަޑައިގެން ޝަހީމް ވިދާޅުވިއެވެ.
ޑރ. އިޔާޒު އަބަދުވެސް ފާހަގަވެފައި ވަނީ ވަރަށް ސިޔާސީ ، ދީނީ އިލްމުވެރިއެއްގެ ގޮތުގައި ކަމަަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ޓްވިޓާގައި ސިޔާސީ ފަރާތްތަކަށް ފާޑު ކިޔައި ރައްދު ދިނުމަކީ އަބަދުވެސް ޑރ. އިޔާޒް ކުރައްވާ ކަމެކެވެ.