މާޗް މަހު އިންތިހާބު ނުބޭއްވިއްޖެނަމަ، ކެނޑިޑޭޓުންގެ ހައްގުތަކެއް ގެއްލޭނެ: އާދަމް ޝަރީފް

އަންނަ މާޗު މަހު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވިއްޖެނަމަ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު ވެސް އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ މެދުވެރިކޮށް ގާނޫނު އިސްލާހު ކުރުމުގެ ބާރު ވެސް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
“ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ ސީރިއަސް މައްސަލައެއް. މާޗް މަހު އިންތިހާބު ނުބާއްވައިފިނަމަ ކެންޑިޑޭޓުންގެ ހައްގުތަކެއް ގެއްލޭނެ” އާދަމް ޝަރީފްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލަނީސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.