ރިޕޯޓް އެޑްވަޓޯރިއަލް ވިޔަފާރި

ވިހި އެކާވީސް ވެގެން ދާނީ މިފްކޯއިން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކޮށްދޭ އަހަރަކަށް!

    • މަސްވެރިން ބާނާ މަސް ނުކިރި ގިނަ ދުވަހު އޮންނަން ޖެހެނީ ކީއްވެ؟
    • ކޮވިޑާއި ގުޅިގެން މަހުގެ އަގަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލުތައް
    • 2020ގައި މިފްކޯއަށް ދަސްވި ބައެއް ކަންކަން
މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Mifco, Fauzi, މިފްކޯ، ފައުޒީ
މިފްކޯގެ އެމްޑީ ފައުޒީ/ ފޮޓޯ: ދެން އިމޭޖްސް

މަސްވެރިކަމާއި، މަހާ ބެހޭ ބާވަތްތައް އުފައްދާ ޕްރޮސެސްކޮށް އަދި މާކެޓް ކުރުމުގައި، ރާއްޖޭގައި އެންމެ އިސް ދައުރެއް އަދާ ކުރާ ކުންފުންޏަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެވެ. ޕަބްލިކް ކުންފުންޏެއް ކަމަށްވާ މިފްކޯ އެންމެ ފުރަތަމަ އިންކޯޕޮރޭޓް ވެފައިވަނީ 1993 ވަނަ އަހަރު، ނޮވެމްބަރު 1 ގައެވެ.

Ads by MWSC

ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ކުރިއަރުވާ، ކޮންމެ ދިވެއްސެއްގެ ވެސް ލޭ ނާރާ ގުޅިފައިވާ މަސްވެރިކަން ކުރިއެރުވުމަށް އެންމެ އިސް ދައުރެއް އަދާކުރާ އެއް ފަރާތަކީ މިފްކޯ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މިކުންފުނި ރަނގަޅަށް ހިންގުމުގައާއި މަސްވެރިންނަށް އިންސާފުވެރި އުޖޫރަ ދިނުމުގައި މިފްކޯއިން ޢަމަލުކުރަމުން އަންނަ ގޮތުގެ މައުލޫމާތު އެނގުމަކީ މިވަގުތު އެތައް ދިވެހީންނެއް އެދޭނެ ކަމެކެވެ.

އެގޮތުން މިފްކޯ އިން މިއަހަރު ހިންގި އެކިއެކި ޕްލޭންތަކާއި ކުރިއަށް އޮތް އަހަރު ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން، އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ "ދެން" އަށް ޚާއްސަ ބަސްދީގަތުމެއް ދެއްވާފައެވެ.

މިފްކޯއިން މިއަހަރު ދީފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން ކުރު ޚުލާސާއެއް ދެއްވަމުން އިސްމާޢިލް ވިދާޅުވީ ފާއިތުވީ 14 އަހަރަށް ބަލާއިރު ޖުމްލަ ގޮތެއްގައި މަސްވެރިކަން އެންމެ ރަނގަޅީ ފާއިތުވީ ދެ އަހަރު ކަމަށެވެ. މިފާއިތުވީ އަހަރަކީ މި ދެއަހަރުގެ ތެރެއިން ވެސް މިފްކޯ އަށް މަސްވެރިން އަތުން އެންމެ ރަނގަޅަށް މަސް ގަނެވުނު އަހަރު ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

"2019 އަހަރު މަސްވެރިން އަތުން 48،494 ޓަނު މަސް އަޅުގަނޑުމެން ކަލެކްޓު ކުރިން. އަދި މަސްވެރިންނަށް 903 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އާއި ކައިރި ކުރާ އަދަދަކަށް) މަސްވެރިންނަށް ފައިސާ ދެވުނު. 2020 ވަނަ އަހަރު 49،404 ޓަނު މަސް ކަލެކްޓްކޮށް، މަސްވެރިންނަށް 879.6 މިލިއަން ރުފިޔާ ދެވިއްޖެ" އިސްމާއިލް ވިދާޅުވިއެވެ.

މީގެއިތުރުން އިސްމާއިލް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރި ފެސިލިޓީތަކުގެ ކެޕޭސިޓީގެ މިންވަރަށް ބަލާއިރު ވަރަށް ގިނަ ކަންކަން މިފްކޯގެ ފަރާތުން ރަނގަޅު ކޮށްފި ކަމަށެވެ. އޭގެ ތެރޭގައި އުތުރުގެ މަސްވެރިކަމާއި އެންވެރިކަން ވެސް ރަނގަޅުކަން ފާހަގަ ކުރައްވަމުން އިސްމާއިލް ވިދާޅުވީ ދެކުނުގެ މަސްވެރިން ވެސް އުތުރުގައި ހަރަކާތްތެރިވާ ކަމަށެވެ. މަސްވެރިކަން ރަނގަޅުވާއިރު ފެލިވަރާއި ކޫއްޑޫގައި ދިމާވި ޕަވަރ ކެޕޭސިޓީއަށް ހައްލު ހޯދައި ކޮންމެ ތަނަކަށް އިތުރު 1 ވެގެވޮޓްގެ ޖަނަރޭޓަރ އިތުރު ކޮށްފައިވާ ކަމަށެވެ.

"ޕަވަރ ކެޕޭސިޓީ ނެތިގެން ކޫއްޑޫގައި ބްރޭނާއި ކޯލްޑްސްޓޯރާއި އައިސްޕްލާންޓް އެއްކޮށް ނުޖެއްސޭ. އެހެން އައިސްޕްލާންޓް ޖެއްސޭވަރަށް އަޅުގަނޑުމެން އެތަނުގެ ކެޕޭސިޓީ ވެސް ރަނގަޅު ކޮށްފިން. އުތުރުގައި ވެސް ފެލިވަރުގައި އަޅުގަނޑުމެން ކެޕޭސިޓީ އިތުރަށް ރަނގަޅުކޮށް އެތަނަށް އިތުރު ޖެނެރޭޓަރ ގެންދެވިފައި ވާނީ" އިސްމާއިލް ވިދާޅުވިއެވެ.

"ރަނގަޅު މަސްވެރިކަމެއްގައި އަބަދުވެސް ގޮން ޖެހުންތަކެއް ހުރޭ"

އިސްމާއިލް ވިދާޅުވީ ރަނގަޅު މަސްވެރިކަމެއްގައި އަބަދުވެސް ފެލިވަރަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ބަލާއިރު މިދިޔަ އަހަރު މިފްކޯ މެދުވެރިކޮށް މިވަނީ ވަރަށް ބޮޑު ފައިދާއެއް އެދާއިރާއަށް ކޮށްފައެވެ. އެގޮތުން 2020 އަހަރު ފެލިވަރު ބަނދަރުން އެކަނި 12،000 ޓަނު މަސް ގަތް ކަމަށް މިފްކޯއިން ބުނެފައިވާއިރު 2019 ވަނަ އަހަރު ގަނެފައިވަނީ 9،484 ޓަނެވެ. އެހެންކަމުން މަސްވެރިކަން އާދަޔާ ޚިލާފަށް މިދިޔަ އަހަރު ރަނގަޅު ކަމަށާއި ބޮޑެތި ދޯނި ފަހަރުން މަސް ނެގޭ މިންވަރު ވެސް ވަނީ އިތުރު ވެފައިކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ފައުޒީ "ދެން" އަށް އިންޓަރވިއު ދެއްވަނީ. ދެން އިމޭޖްސް ރައުފާ ރަޝީދް

މަސްވެރިން ބާނާ މަސް ނުކިރި ގިނަ ދުވަހު ތިބެން ޖެހެނީ ކީއްވެ؟

މަސްވެރިންގެ ބައެއް ކަންބޮޑުވުންތައް ހުރިއިރު ފާހަގަ ކުރެވޭ އެއް ކަންބޮޑުވުމަކީ، މަސް ކިރަން ބޯޓު ފަހަރު ދޮށަށް ގޮސް، މަސް ނުކިރި ކިޔުގައި ގިނަ ދުވަހު އޮންނަން ޖެހުމެވެ. މިކަމާ ގުޅޭގޮތުން އިސްމާއިލް ވިދާޅުވީ އުތުރުގެ މަސްވެރިކަން ރަނގަޅުވާއިރު، ފެލިވަރުގައި އެއްވެސް ވަރަކަށް ފްރީޒިންގ ކެޕޭސިޓީއަކާއި ސްޓޯރޭޖް ކެޕޭސިޓީ އެއްވެސް ނެތް ކަމަށެވެ.

"ސްޓޯރޭޖް ކެޕޭސިޓީގައި ގާތްގަނޑަކަށް މިހުންނަނީ 700 ޓަނު، އެއީ އަނެއްހެން ބުނަންޏާ އެއްވެސް އެއްޗެއް ނޫން. އެހެންވީމަ މަސްވެރިން ގެންނަ މަސް އެންމެ ފުރަތަމަ އަޅުގަނޑުމެން އެބަޖެހޭ ފްރީޒް ކުރަން. އެއަށްފަހު އަޅުގަނޑުމެން ސްޓޯރަށް މިލަނީ." އިސްމާއިލް ވިދާޅުވިއެވެ.

ދެކުނުގެ މަސްވެރިކަމަށް ބަލާއިރު ކޮންމެ ދުވަހަކުވެސް މަސް ކިރައިގެން ކަނޑަށް ދެވެއެވެ. އެގޮތުން ކޫއްޑޫގައި 534 ޓަނު ގަނެވޭ ކަމަށާއި އައްޑޫގައި ހުޅުމީދޫ ފެކްޓަރީގައި 100 ޓަނު މަސް ދުވާލެއްގެ މައްޗަށް ގަނެވޭ ކަމަށް ވެސް މިފްކޯއިން ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ.

"ދެކުނުގައި އެބަހުރި ވަސީލަތްތައް. އުތުރުގައި ކުރިން އެޑިވެލޮޕްމަންޓުތައް ނައިސް ހުރީމަ އެކަންބޮޑުވުންތައް އަންނަނީ." އިސްމާއިލް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ދެކުނުގައި ވެސް މިހުރި ހުރިހާ ކަމެއް ހިމެނިގެން އެހުރިހާ ރަހަތަކާ އެއްކޮށް ފެލިވަރު ވެސް ތަރައްޤީވެ ނިމިގެން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ވެސް ޙައްލެއް ލިބޭނެ ކަމަށް"

އުތުރުގެ މަސްވެރިންނަށް އުފާވެރި ޚަބަރެއް ވެސް އިސްމާއިލް ވަނީ ދެއްވާފައެވެ. އެގޮތުން މިފްކޯގެ ސީއީއޯ ވިދާޅުވީ ފެލިވަރު ތަރައްޤީ ކުރާއިރު އިތުރު އާ ކޭނަރީއެއް ވެސް ގެނައުން ހިމެނޭ ކަމަށާއި އޭގެ ސަބަބުން  މަސް ކިރުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ލިބި، އިތުރު ކަލެކްޝަން ކެޕޭސިޓީ ލިބިގެން ދާނެ ކަަމަށެވެ.

"މަސް ސްޓޯރޭޖް ނެތީމަ ދެކުނަށް އުުފުލަން މިޖެހެނީ ކޫއްޑޫއާ ހަމައަށް. އެހެންވީމަ ކޮޅަކަށް 36 ގަޑިއިރު ހޭދަވޭ. އެނބުރި އަންނަން ވެސް އެވަގުތު ނަގާއިރު މަސް ހުސްކުރަން ވެސް ވަގުތު ނަގާނެތާ. ދާއިރު ދެކުނުގެ މަސްވެރިކަން ވެސް ރަނގަޅުވެ ކޫއްޑޫގައި ވެސް އެބައޮތް ކެރިއަރެއް. އެހެންވީމަ ކޫއްޑޫ ބަނދަރުގައި އެތާށި ކަމެއް ވެސް އެބަހުރި." އިސްމާއިލް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މަހުގެ އަގަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލުތައް

ކޮވިޑުގެ ހާލަތާ ކުރިމަތިވިއިރު، ދުނިޔޭގެ ބާޒާރުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތައް ހުރިއެވެ. އެގޮތުން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދިޔަ ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮވިޑާ ގުޅިގެން ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވިއެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށް ކޮވިޑްގެ ސަބަބުން ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ.

ނަމަވެސް މިދަތި ދުވަސްވަރުގައި ވެސް ހީވާގި ކަމާއެކު މަސައްކަތް ކުރި އެއްބަޔަކީ މަސްވެރިންވެ. އެމީހުން ދިޔައީ މަސްވެރިކަމުން ނަފާ ހޯދުމަށާއި، އިގުތިސާދު ހިފެހެއްޓުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަދި ހިތްވަރާއެކު މިފްކޯއާއެކު މަސްވެރިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިފްކޯއިން އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް މިފްކޯގެ ހުރިހާ ސެންޓަރު ތަކުގެ ހުރިހާ އޮޕަރޭޝަނެއް ކުރިއަށް ގެންދެވުނު ކަމަށާއި އެކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ މަސްވެރިންގެ ފަރާތުންކަން މިފްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

"މިއޮޕަރޭޝަން ތަކުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ބަދަލު ކުރަން ޖެހުނު. ކޮވިޑް ގެ ގައިޑްލައިންތަކާއި އެއްގޮތަށް. އަޅުގަނޑުމެން ބޭނުންވި ބައެއް ކަންކަންވެސް ބަދަލު ކޮށްގެން އޮޕަރޭޝަން ކުރިއަށް ގެންދިޔައީ. އެހެންވީމަ މަސްވެރިން ބާނާ މަސް ކިރުމާއި ފްރީޒް ކުރުމާއި ސްޓޯ ކުރުމަށްފަހު ޔޫރަޕްގެ ބޯޑަރުތަކާއި ހަމައަށް އެކްސްޕޯޓު ކުރުން އަޅުގަނޑުމެންނަށް އޮތީ." އިސްމާއިލް ވިދާޅުވެފައިވެއެވެ.

"މިފްކޯ އިން ގެންދިޔަ އޮޕަރޭޝަން، އަނެއްހެން ބުނަންޏާ، ބޮޑު ކަމަކަށް މިޕެންޑަމިކްގައި އޮތީ"

ރާއްޖޭގެ މަސްވެރިން ވަރަށް ރަނގަޅު ނަމޫނާއެއް މިދުވަސްވަރު ދެއްކިކަން ވެސް މިފްކޯއިން ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ.

މަސްވެރިކަމަކީ ތަފާތު މާކެޓަކަށްވުމާއެކު މަސްވެރިކަމުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި އަންނަނީ އެކި ފަހަރު އެކި ގޮތަށެވެ. އެގޮތުން ތެލުގެ އަގާއި މަސް ކިރުމުގެ އަގަށްވެސް އެކި ފަހަރު އެކި ބަދަލު އަންނަކަން އިސްމާއިލް ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެން ތިބޭނީ މަސްވެރިންނާއެކު އަބަދުވެސް، އެމީހުންގެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން ހައްލު ހޯދައިދޭނަން" އިސްމާއިލް ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި މިހާރު މަހުގެ އަގު ދަށްކޮށް ފެނުނަސް އަޅުގަނޑު އުންމީދު ކުރަނީ ވީހާވެސް އަވަހަށް މިއަށް ހައްލެއް ލިބޭނެ ކަމަށް."

ބާޒާރުގައި ރޯމަސް މިހާރު ހުރި އަގަށް ބަލާއިރު، އެންމެ ރަނގަޅު އަގެއް މިހާރު ވެސް ދެމުންދަނީ މިފްކޯ އިންނެވެ. އެގޮތުން ރޯމަސް ކިލޯއަކަށް މިފްކޯއިން 16 ރުފިޔާ ދޭއިރު މިފްކޯއިން މަސްވެރިންނަށް މަސްކިރާފައި ވަނީ ބާޒާރުގައި މަސް ލިބެން ހުންނަ އަގަށް ބަލައިގެން ނޫންކަން ވެސް ފާހަގަ ވެއެވެ.

"ފާއިތުވީ ހަތް ވަރަކަށް އަހަރު އެކަން ކުރީ އެހެން ބަލައިގެނެއް ނޫން" އިސްމާއިލް ވިދާޅުވިއެވެ.

2020ގައި މިފްކޯއަށް ދަސްވި ބައެއް ކަންކަން

ފާއިތުވި 2020ވަނަ އަހަރަކީ ވަރަށް ގިނަ ކަންކަން ބަދަލު ކޮށްލި، އަދި ނުރައްކާތެރި ބައްޔެއްގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކަށް ބަލައިގެން އުޅެން ޖެހުނު އަހަރެކެވެ. އެގޮތުން މިފްކޯއިން މިއަހަރުވެސް މަސްވެރިން ބާނާ މަސްކިރައި، ފައިސާ ދީފައިވާއިރު، ސަމާލުކަންދިން ކަންތައްތަކެއް ވެސް ވެއެވެ. ކުރިއާ ޚިލާފަށް މަސްވެރިންނަށް މިހާރު މިފްކޯ އިން ފައިސާ ދެނީ ހަފްތާއަކު އެއް ފަހަރުއެވެ.

"ކުރީގައި ނަގުދު ފައިސާ. މިތަނުން އުފުލަނީ ދަބަސްތަކުގައި، ރަނގަޅު ޕްރެކްޓިސް އެއް ނޫން ނަގުދު ފައިސާ ގެންގޮސް ސެންޓަރުތަކުގައި ބަހައްޓައިގެން ދިނުމަކީ. އެހެންވީމަ މިކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އަޅުގަނޑުމެން އެކިކަންކަން ކުރާ ގޮތް ބަދަލު ކުރަން މަޖުބޫރުވެފައި މިއޮތީ. ކުރީގައި އަޅުގަނޑުމެން ތަޢާރަފްކުރިން މަސްވެރިންނަށް (ބީއެމްއެލް އާއި ގުޅިގެން) މަސްވެރިޔާ ކާޑެއް. އެއީ ޑިޖިޓަލް ވޮލެޓެއް. މިހާރު އެހެންވީމަ އަޅުގަނޑުމެން އެކާޑަށް ފައިސާ ޖަމާ ކުރަމުން މިދަނީ. އުންމީދަކީ މިފްކޯ ގެ ޚިދުމަތް މިއަށްވުރެ ވެސް ރަނގަޅު ކުރުން" އިސްމާއިލް ވިދާޅުވެފައިވެއެވެ.

މިފްކޯގެ ޚިދުމަތްތަކަށް އަންނަ ބައެއް ބަދަލުތަކާއި "ވިހި އެކާވީހަށް" ކޮށްފައިވާ ޕްލޭންތައް!

ފެށުނު އާ އަހަރާއެކު މިފްކޯއިން ވެސް ދެމުން އަންނަ ޚިދުމަތްތަކަށް ބަދަލު ތަކެއް އައިސް، އެޚިދުމަތްތައް އިތުރަށް ފުޅާވެ ކުރިއަރާނެ ފަދަ ޕްލޭންތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ. އެގޮތުން މިފްކޯއިން އެންމެ ބޮޑަށް ވިސްނާފައި ވަނީ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދީ، މަސްވެރިންނަށް ފައިދާ ވާނެ ފަދަ ގޮތަކަށް، އަދި ޒަމާނާ އެއްގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން ކުރިން ބިލް ހެދުމަށް ސީރިއަލް ނަމްބަރު ޖަހައިގެން ގެންގުޅުނު ބިލް ފޮތްތައް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ބިލް ހެދުމާއި މަސްވެރިންގެ އިތުރު ޚިދުމަތްތަކަށް (މިސާލަކަށް އައިސް ދޫކޮށްފައި ދޭ ބިލާއި، ތެޔޮ ދޫކޮށްފައި ދޭ ބިލު ހެދުން) ވެސް މިފަދައިން ބަދަލު ކުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ. މިފަދައިން ބަދަލު ކުރުމުން ބިލްތަކުގެ ހިސްޓްރީ މަސްވެރިންނަށް ވެސް ފަސޭހައިން ބަލާލެވޭނެކަން މިފްކޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

"މަސް ކިރުވާފަ އޮޑިވެރިޔާއަށް ވެސް ނޮޓިފިކޭޝަން ދާ ގޮތަށް އަޅުގަނޑުމެން ތަރައްޤީ އެބަ ކުރަން އަޅުގަނޑުމެންގެ މަސްކިރުމުގެ އިންތިޒާމުތައް. ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ލުއި ފަސޭހަކޮށް ޚިދުމަތް ދޭން އަޅުގަނޑުމެން ތައްޔާރު ވަމުން މިދަނީ." އިސްމާއިލް ވިދާޅުވިއެވެ.

"ޒަމާނާ އެއްކޮށް މިފްކޯ ގެ ވަސީޅަތްތައް ތަރައްޤީ ވާނެ"

މިފްކޯއިން މިހާރުވެސް ވަރަށް ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ އޮޕަރޭޝަނެއް ވެސް ހިންގަނީ ވަރަށް ބޮޑުބައި ތެލަށް ޚަރަދު ކޮށްގެންކަން މިފްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. މިހުރިހާ ކަމަކަށް ވެސް ޙައްލު ގެނެވޭތޯ މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

"މިފެށުނު އަހަރު މަސައްކަތްތައް ފެށޭނެ. ފުރަތަމަ ދެމަސް ތެރޭގައި އަޅުގަނޑުމެން އުންމީދު ކުރަނީ މަސައްކަތްތަށް ފެށޭނެ ކަމަށް. ވަރަށް ބައިވަރު ޕްރޮޖެކްޓުތައް ހިންގަން އަޅުގަނޑުމެން ނިންމާފައިވޭ" އިސްމާއިލް ފާހަގަ ކޮށްފައިވެއެވެ.

"ގާތްގަނޑަަކަށް 50 މިލިއަން ޑޮލަރާ ކައިރިކުރާވަރުގެ ޕްރޮޖެކްޓުތައް މި އަހަރު މިފްކޯއަށް އެބައާދޭ"

މިޕްރޮޖެކްޓުތަކަށް ފަންޑު ކޮށްދީފައިވާ އެއް ފަރާތަކީ ސައުދީ ފަންޑެވެ. މިފްކޯގެ ސީއީއޯ މައުލޫމާތު ދެއްވާފައިވާ ގޮތުގައި ސައުދީ ފަންޑުން ހިންގަނީ ކަނޑޫގިރި އާއި ކޫއްޑޫގެ ޕްރޮޖެކްޓުތަކެވެ. މީގެއިތުރުން ގދ. ތިނަދޫ އާއި މ. މުލީގައި ކޯލްޑް ސްޓޯރެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް އެފަންޑުގެ އެހީގައި ކުރިއަށް ދާނެ ކަމަށް އިސްމާއިލް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިންޑިއާ އެގްޒިމް ބޭންކުގެ ފަރާތުން ފެލިވަރު ތަރައްޤީ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

"ފެލިވަރުގައި ވެސް މިވަގުތު ވަރަށް ގިނަ ގޮންޖެހުންތައް ހުރުމުން، އެތަން ވެސް މިޕްރޮޖެކްޓުތަކުން ވަރަށް ރަނގަޅު ހާލަތަކަށް ގެނެވޭނެ. އެތަނުގައި ރަނގަޅު ކެރިއަރެއް ވެސް ކައިރި ކުރެވޭނެ މަގަތު ފާލަމަކާއި އަދި ކޯލްޑް ސްޓޯރު ވެސް ތަރައްޤީކޮށް އެތަނުގައި ފްރީޒިންގ ކެޕޭސިޓީ 200 ޓަނަށް ގެނެވޭނެ. އަދި އިތުރު އާރްއެސްޑަބްލިޔު ގައި 80 ޓަނު ބެހެއްޓޭނެ. ޖުމްލަކޮށް އެތަނުގައި 300 ޓަނަށް ވުރެ ގިނައިން މަސް ކަލެކްޓް ކުރެވޭނެ އިންތިޒާމު މި ޕްރޮޖެކްޓު ތެރެއިން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އުންމީދަކީ ދެކުނުގައި ވެސް އަދި އުތުރުގައި ވެސް އޮންނަ ހުރިހާ މަސް ދޯންޏަކަށް ވެސް ހަމަ ޕްރައިވެޓް ސެކްޓަރ ގައި ހުރި ވަސީލަތްތަކާއި އަދި މިފްކޯގައި އަލަށް ގާއިމް ކުރެވޭ ވަސީލަތްތަކާއެކު މަސްވެރިންނަށް ހައްލެއް ލިބިގެން ދިޔުން" އިސްމާއިލް މައުލޫމާތު ދެއްވާފައިވެއެވެ.

"ރާއްޖެއިން ބާނާ ހުރިހާ މަހެއް ރާއްޖޭގައި ހިފެހެއްޓި އަދި އެއަށް ޕްރޮސެސް ކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ ކަމަށް ވަންޏާ ރާއްޖޭގެ މަހަށް ހަމަ އަގު ލިބޭނެ."

ރާއްޖެއިން ކުރާ މަސްވެރިކަމަކީ ތަފާތު މަސްވެރިކަމެކެވެ. ރާއްޖޭގައި މިކުރާ މަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި ކްލީން އަދި ގްރީން ފިޝަރީޒެކެވެ. އެއީ ފަހަރަކު މަހެއް ބާނާތީއެވެ. އެހެން ޤަައުމުތަކުން ދާ ޖައހައިގެން މަސްވެރިކަން ކުރިނަމަވެސް ރާއްޖޭގައި ކުރަނީ ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމެއްކަން މިފްކޯއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިހާރު މިއޮތް ހާލަތުން އަރައިގަނެވޭނީ ކިހިނެއް އަދި މަސްވެރިންނަށް މިފްކޯ ގެ ފަރާތުން ދޭން ބޭނުންވާ މެސެޖު

މިހާރު ރާއްޖެ މިއޮތް ހާލަތު ބަދަލު ކުރުމަށް ނުވަތަ ރަނގަޅު ކުރުމަށް ސަރުކާރާއެކު މިފްކޯ އިން ވެސް ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓުތައް ފެށުމަށް މިފްކޯ އިން ދަނީ ތައްޔާރު ވަމުންނެވެ. މިއީ މަސްވެރިކަމުގެ ޙަޔާތުގައި ވެސް ނުފެށޭ ވަރުގެ ބޮޑެތި ޕްރޮޖެކްޓުތަކެވެ. މިޕްރޮޖެކްޓުތަކުގެ އަގު 50 މިލިއަން ޑޮލަރަށް ވުރެވެސް އިތުރުވާނެ ކަމަށް މިފްކޯއިން ވެސް ވަނީ ބުނެފައެވެ.

"ފާއިތުވީ 24 ވަރަކަށް އަހަރު ތެރޭގައި ކޫއްޑޫގައި މަސްވެރިކަމުގެ މާބޮޑު ތަރައްޤީއެއް އައިސްފައެއް ނުވޭ. އެހެންނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ސަރުކާރުން މިހާރު ހުރި ޕްލޭނުތަކާ އެއްކޮށް އިރާދަ ކުރެއްވިއްޔާ، މިފްކޯގެ ތަރައްޤީ ޕްލޭން ނިމޭއިރު މަސްވެރިންގެ ހުރި ހުރިހާ ކަންބޮޑުވުމަކަށް އިރާދަކުރެއްވިއްޔާ ހައްލެއް ލިބޭނެ." އިސްމާއިލް ވިދާޅުވިއެވެ.

"މިފްކޯ އަކީ މަސްވެރިންގެ އުންމީދުތަކާ ގުޅިފައިވާ ކުންފުންޏެއް."

މިފްކޯއިން އަބަދުވެސް ބަލަނީ މަސްވެރިންނާ ގާތުން މަސައްކަތް ކުރެވޭތޯކަން ފާހަގަ ކުރައްވަމުން އިސްމާއިލް ވިދާޅުވީ މިފްކޯ އޮންނާތީ މަސްވެރިންނަށް ނުހަނު ލުއި ފަސޭހަތައް ވާ ކަމަށެވެ. އަދި މިސިނާޢަތުގައި މިފްކޯ އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އަދި މަސްވެރިންނަށް ދޭން އޮތް މެސެޖަކީ އިތުބާރު ކުރައްވާށޭ އަޅުގަނޑުމެންނަށް. މަސްވެރިން އޮންނާނީ މިފްކޯ އާއި އެއްކޮށޭ. ދެވޭ ޚިދުމަތްތައް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ރަނގަޅުކޮށް ތަރައްޤީ ވެސް ކުރާނަމޭ. އަދި ލުއި ފަސޭހަކޮށް މަސްވެރިންނަށް ޚިދުމަތް ދެވޭނެ އިންތިޒާމު ވެސް އަޅުގަނޑުމެން ހަމަ ޖައްސާނަމޭ" މަސްވެރިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވާނެ ކަމުގެ ޔަގީންކަމާއެކު މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!