މިއުޒިކް ކުޅޭތާ 15 އަހަރުވި ފަތޯ އަށް ފްރީލޭންސަރުންނަށް ދޭ އެލަވަންސް އެއް ނުލިބުނު
ލަވަކިޔުންތެރިޔާ ފަތުހުއްލޯ ފަތުހުﷲ ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ، ފަތޯ ސަރުކާރުން ފްރީލޭންސަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލެވަންސް ހޯދުމަށް ލި ފޯމް ގަބޫލު ނުކުރި ކަމަށް އޭނާ ބުނެފިއެވެ.
ފަތޯ މިހެން ބުނެފައިވަނީ އޭނާ ފޭސްބުކު ގައި ހިއްސާކުރި ވީޑިއޯ އެއްގައެވެ.
އެ ވީޑިއޯ ގައި ފަތޯ ބުނި ގޮތުގައި އޭނާ ޖޮން ސެންޓަރުގެ އިންކަމް ސަޕޯޓު އެޕްލިކޭޝަން ހުށަހަޅާފައިވާނީ އޭނާއަކީ ފްރީލޭންސާ އެއްކަން ސާބިތު ކޮށްދީފައި ކަމަށެވެ. ނަމަވެސް ސަރުކާރުން އޭނާގެ އެޕްލިކޭޝަން ބަލައިގެންފައި ނުވާ ކަމަށާއި އެޕްލިކޭޝަން ބަލައިނުގަތީ ކީއްވެކަން ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފަތޯ ވަނީ އޭނާ ފްރީލޭންސް ކޮށް ކޮށްފައިވާ ބައެއް މަސައްކަތްތައް ވެސް އާންމުންނާއި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ރިސޯޓު މިއުޒިކް ކުޅެމުން އަންނަތާ 15 އަހަރުވެފައި ވާ ކަމަށާއި އަދި މިއުޒިކް ކޮމްޕޯސް ކުރަމުން އަންނަތާ 8 އަހަރުވެފައި ވާކަމަށެވެ.
ހަމައެހެންމެ ޕީއެސްއެމްނިއުސް ގެ ބެކްގްރައުންޑް މިއުޒިކު ހެދުމުގެ އިތުރުން ފާއިތުވި ރޯދަ މަސް ތަކުގެ ގިނަ ޕްރޮގްރާމްތަކަކަށް ވެސް އޭނާ ބެކްގްރައުންޑް މިއުޒިކް ހަދައިދީފައިވާނެ ކަމަށް ފަތޯ ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް ފަތޯ ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމާ ހަމައަށް ވެސް އޭނާ އައީ ތާޖް އެގްޒޯޓިކާ އާއި، ވެލައްސަރު އަދި ވައްކަރު ރިސޯޓުގައި ވެސް މިއުޒިކް ކުޅެމުން ކަމަށެވެ.
އަދި މި ހުރިހާ ސަބަބުތަކާއެކު އޭނާ އަކީ ފްރީލޭންސަރެއް ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް މިއަދު ސަރުކާރަކަށް އެކަމެއް ގަބޫލެއް ނުކުރެވުނު ކަމުގައި ފަތޯ ބުނެފައިވެއެވެ.