ޚަބަރު

ކައުންސިލު އިންތިހާބުގެ "މަރުތަޅު" ނުނައްޓަނީ އިންތިހާބު ލަސްކުރަން ބޭނުންވާތީ: އިދިކޮޅު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

އަންނަ މާޗު މަހު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމަށް ހުރަސް އެޅި "މަރުތަޅު" އެޅުވިފައިވާ މައްސަލަ ސަރުކާރުން ހައްލު ނުކުރަނީ އިންތިޚާބު ލަސްކުރަން ބޭނުންވާތީ ކަމަށް އިދިކޮޅުން މިއަދު ބުނެފިއެވެ.

Ads by STELCO

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުން ދިޔުމާ ގުޅިގެން، މިއަހަރު ބޭއްވުމަށް ކުރިން ހަމަޖެހުނު ކައުންސިލު އިންތިހާބު ބޭއްވުން ވަނީ ފަސް ކުރެވިފައެވެ.

އެގޮތުން އިންތިޚާބު ލަސްކޮށް މިއަހަރު ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެސް ފާސްކުރި އެ ގާނޫނުގައި ވެއެވެ.

ޚާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން، އަންނަ މާޗު 6 ނުވަތަ 13 ގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުން ދިޔަނަމަވެސް އެތާރީޚުގައި އިންތިހާބު ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދިއެއް ނެެތެވެ.

ގާނޫނުގައިވާ ތަރުތީބާ އެއްގޮތަށް އިންތިޚާބު އިންތިޒާމް ކުރެވޭނީ އެންމެ ލަސްވެގެން ޖެނުއަރީ 5 ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. އެކަމަކު އެޗްޕީއޭ އިން އެ ޔަގީންކަމެއް އިލެކްޝަންސް ކޮމިޝަނަކަށް ނުދެ އެވެ.އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވެސް އެދިފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވެން ނެތް ނަމަ، ފާސްކުރި ޤާނޫނު އިސްލާހު ކުރެއްވުމަށެވެ.

އިންތިހާބާ ގުޅޭގޮތުން މިފަދަ ކަންބޮޑުވުންތަކެއް ފެތުރިގެން ދިޔުމާއެކު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިއީ އިންތިޚާބުގައި "މަރުތަޅު" އެޅިފައިވާ ހާލަތެއް ކަމަށާއި ސަރުކާރު ބޭނުން ނަމަ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެމްބަރުން ލައްވައި މައްސަލައަށް ހައްލު ހޯދިދާނެ ކަމަށެވެ.

"ސުޕަ މެޖޯރިޓީ އޮންނަ އިރު ސަރުކާރުން އެދެފި ނަމަ ލޯކަލް ކައުންސިލް އިންތިހާބުގެ މަރުތަޅު މަޖިލީހުން ނައްޓައި ނުލެވޭނެތޯ،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގު ކުރައްވައި އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!