ކުޅިވަރު

ޗެމްޕިއަން ތަށި އުފުލާލީ ތިން ފޫޓު ދުރުގައި ތިބެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާއި ގުޅިގެން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑުތައް ހިފެހެއްޓުމަކީ މިވަގުތު އެންމެ ބޮޑަށް ސަމާލުކަންދޭ ޖެހިފައިވާ ކަމެވެ. މެދު ކެނޑުމަކަށްފަހު ޔޫރަޕްގެ ފުޓްބޯޅައިގެ ހަރަކާތްތައް މަޑުމަޑުން ފަށަމުން އަންނައިރު، ޓީމްތަކުންވެސް އަންނަނީ މިކަމަށް ސަމާލުކަން ދެމުންނެވެ. ބައެއް ލީގުތައް ފަށާފައިވާއިރު، މެޗު ފެށުމުގެ ކުރިން އޮންނަ ސަލާމް ކުރުމެއް މިހާރު ނޯވެއެވެ. ބެންޗުގައި ތިބޭ ކުޅުންތެރިންވެސް ތިބެނީ އެކަކު އަނެކަކާއި ތިން ފޫޓު ދުރުގައެވެ. އަދި ފަރިތަކުރުންތަކުގައި ވެސް އިޖުތިމާއީ ގައިދުރުމިން އަންނަނީ ދަމަހައްޓަމުންނެވެ.

Ads by STELCO

ދާދިފަހުން ނިމުނު އޮސްޓިއަން ކަޕްގެ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި ރެޑްބުލް ސާލްޒްބާގުން ތަށި އުފުލާލީ ތަފާތު ގޮތަކަށެވެ. ފަހެއް ސުމަކުން ފައިނަލް މެޗު ކާމިޔާބުކޮށް އެޓީމުން ތަށި އުފުލާލިއިރު ފެނުނީ އާންމުކޮށް ފެންނަ ކަހަލަ މަންޒަރެއް ނޫނެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ ތިން ފޫޓު ދުރުމިން ބަހައްޓައިގެންނެވެ. އެހެން ފަހަރު ފަހަރު އެންމެން އެއްކޮށް "ބޮނޑިވެ ގަނެގެން" ތަށި އުފުލާލުމުގެ ބަދަލުގައި އެންމެންވެސް ތިބީ އިޖުތިމާއީ ގައިދުރުމިނުގެ އުސޫލުތަކާއި އެއްގޮތަށް ދުރުދުރުގައެވެ.

މިކަންކުރުމަށް ތަށި ދިންއިރު ތިރީގައި އަޅާފައި އޮތް ބެނާގައި ހުރީ ބޮޅު އަޅާ ފާހަގަ ޖަހާފައެވެ. ކެޕްޓަން ތަށި އުފުލާލުމަށްފަހު ފަހަރަކު ކުޅުންތެރިއަކަށް ދިޔައީ ޕާސްކުރަމުންނެވެ. އަނެއްކޮޅުން ދަނޑުގައި ސަޕޯޓަރުން ނެތުމަކީވެސް ކާމިޔާބީގެ ހަގީގީ އުފާވެރިކަން ނުފެނުނު އެއް ސަބަބެވެ. މި ވީޑިއޯ އާންމުވުމާއިއެކު ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ލީގުކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ލިވަޕޫލުންވެސް އުފުލާލަން ޖެހޭނީ މިގޮތަށްކަމަށްބުނެ އަންނަނީ ޖޯކު ޖަހަމުންނެވެ. މިގޮތަށް ތަށި އުފުލާލުމަށްވުރެ އެއްގޮތަކަށްވެސް އުފާފާޅު ނުކުރުން ވެސް މާ ރަނގަޅުވާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!