ޚަބަރު

ނަތީޖާ ހާސިލު ކުރެވޭނީ ކޮންމެ ކަމެއްގައި ހެޔޮ ނިޔަތާއެކު އިޚްލާސްތެރިކަން އިސްކޮށްގެން: ނައިބު ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޖުތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް ވާސިލުވެވޭނީ، އަދި ބޭނުންވާ ރަނގަޅު ނަތީޖާ ހާސިލް ކުރެވޭނީ، ކޮންމެ ކަމެއް ވެސް ހެޔޮ ނިޔަތާއެކުކޮށް އަދި އެކަމެއްގައި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދަގެނާ،"ގެ ނަމުގައި ހުވަދުއަތޮޅު އުތުރުބުރީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސަސް ހުޅުއްވައިދެއްވުމަށް ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެކި ބޮޑެތި މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. މި ގޮތުން، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ޚާއްޞަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ރައީސް ޞާލިޙު އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަޤްޞަދެއްގައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މި ކަމުން ވެސް ދޭހަކޮށްދޭކަން ފާހަގަކުރައްވާ ނައިބު ރައީސް އިތުރަށް ވިދާޅުވީ، މުޅި ސަރުކާރުން ވެސް މި މަސައްކަތާ ކުރިމަތިލައިގެން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތާއި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައެވެ.

"ދަގެނާ" ގެ ނަމުގައި މިއަދު ހުޅުވައިދެއްވި ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމަޢާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިއީ، މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައިނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީއާ ހަމަޔަށް ވާޞިލުވުމަށް ލިބުނު އިތުރު ފުރުޞަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދަގެނާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިއްޖެ ނަމަ، މިއީ މުޅި ރާއްޖެއަށް ވެސް މަންފާ ލިބިގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!