"ރޮނާލްޑޯއަށްވުރެ މެސީ މޮޅު! ބަހުސްކުރާނެ ޖާގައެއް ނެތް!"
ދުނިޔޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ކާކުތޯ އަހައިފިނަމަ އެންމެ ގިނަ ބައެއްގެ ވޯޓު ލިބޭނެ ދެ ކުޅުންތެރިންނަކީ ލަޔަނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކޮންކުޅުންތެރިއެއްތޯ އަހަފިނަމަ ދާންޖެހޭނީ ބޮޑު ބަހުސަކަށެވެ. ސޯޝަލް މީޑީޔާގައި ޕޯސްޓެއްކޮށްފިނަމަ އެތައް މިލިއަން ބަޔަކު ޝުއޫރުތައް އޮއްސާލައެވެ.
މި ދެ ކުޅުންތެރިންގެ މޮޅު ވާހަކަ ނުދައްކާ މީހެއް މަދެވެ. މެސީގެ ސަޕޯޓަރުން ،އޭނާ 6 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދިކަމަށް ބުނާއިރު، މި އެވޯޑް 5 ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ ސަޕޯޓަރުން ބުނަނީ ތިން ކުލަބެއްގައި ރޮނާލްޑޯ މި އެވޯޑު ހޯދުމަކީ އޭނާގެ ހުނަރުވެރިކަން މާ ބޮޑަށް ފެންނަ ސަބަބެއް ކަމަށެވެ.
ދާދިފަހުން އިނގިރޭސި ޤައުމީ ޓީމްގެ ކުރީގެ ތަރި ގެރީ ލިނެކާވެސްވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ލިނެކާގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިއަކީ މެސީއެވެ. އަދި އެއީ ބަހުސްކުރަންޖެހޭ ކަމެއްކަމަށްވެސް އޭނާ ނުދެކެއެވެ.
ލިނެކާ ބުނީ އޭނާއަކީ ދެ ކުޅުންތެރިންނަށްވެސް ސަޕޯޓްކުރާ މީހެއްކަމަށާއި، ނަމަވެސް ރޮނާލްޑޯއަށްވުރެ މެސީ މޮޅުކަމަށް އޭނާ ގަބޫލުކުރާކަމަށެވެ. ސަބަބަކީ އެއް ކުލަބެއްގައި ހުރެ މެސީ ހޯދި ކާމިޔާބީތަކެވެ. ބާސެލޯނާގެ ޓީމް ކިތަންމެ ދަށް ސީޒަނެއްގައިވެސް މެސީގެ ފޯމަށް ބަދަލެއް ނައުމެވެ. އޭނާ ލަނޑުގެ އަދަދަށް ތަފާތުތަކެއް ނައުމެވެ. އަދި ކޮންމެ ފެންވަރެއްގެ ކުޅުންތެރިން އޭނާއާއިއެކު ކުޅުނަސް މެސީ އޭނާގެ ފޯމު ދެމެހެއްޓުމެވެ.
އަނެއްކޮޅުން މެސީއަށް ކާމިޔާބު ލިބެނީ ހަމައެކަނި ބާސެލޯނާއަށް ކުޅޭތީއޭ ބުނާ ވާހަކަތަކަށް ރައްދުދެމުން ލިނެކާ ބުނީ މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ އެވާނީ ވަރަށް ބޮޑު ބޭއިންސާފަކަށް ކަމަށެވެ. ސަބަބަކީ ކުޑައިރުއްސުރެ މެސީއަށް ބޭސްފަރުވާކޮށްދީ އޭނާ މީހަކަށް ހަދައިދިން ކުލަބު ދޫކޮށްލުން ވާނީ އެކުލަބަށް "ހަރާންކޯރުވުން"ކަމަށެވެ. އަނެއްކޮޅުން ބާސެލޯނާ ކަހަލަ ކުލަބެއް ދޫކޮށްލައި މެސީ ދެން ކުޅޭނެ އެ ފެންވަރުގެ ބޮޑު ކުލަބެއް ނެތުމެވެ.
ލިނެކާގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއީދުކުރެއެވެ. އެކަމަކު ޔަގީންވާ އެއްކަމަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ގަދަ ދޭއްގައި ޖާގަ ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ކުޅުންތެރިންނަކީ މެސީއާއި ރޮނާލްޑޯކަމެވެ. އެއްވަނައިގެ ބަހުސް ހުއްޓޭނެ ގޮތެއް ނެތްކަން ޔަގީނެވެ.