ޚަބަރު

ގުޅީފަޅު ހިއްކާތީ ފަރުތަކަށް ގެއްލުންވާ މައްސަލަ މަޖިލީހަށް!

ދެން އެމްވީ ، ދެން އޮންލައިން

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް ލިބެމުންދާ ގެއްލުންތައް ހައްލެއް ހޯދައިދިނުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

Ads by MWSC

މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެމްބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ވިލިމާލޭގެ ފަރަކީ ވިލިމާލޭ ރައްޔިތުންގެ އިތުރުން، ގްރޭޓާ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި، ސްނޯކްލްކޮށް ތަފާތު އެކިއެކި މޫދު ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

އަދި މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ސްކޫލް ކުދިން ތަފާތު އެކި ހަރަކާތްތަކަށް ބޭނުންކުރަމުންދާ އަދި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުންކުރެވޭ ގޮތަށް އޮތް ހަމައެކަނި ފަރު ކަމަށެވެ.

އެހެންކަމުން މި ފަރަކީ އިޖުތިމާއީގޮތުން އަދި އިގްތިސޯދީ ގޮތުން ބަލާއިރުވެސް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ވިލިމާލޭ ރައްޔިތުންނަށް ނުހަނު މުހިންމު ފަރެއް ކަމަށްވާއިރު، މިފަދަ ފަރުތައް ހަލާކުވިޔަ ނުދީ ބެލެހެއްޓުމަކީ ދިވެހި ދައުލަތުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކަމެއްކަން ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އެ ސިޓީގައި ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކުންފުނިން މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ފެށުމާއެކު ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން، ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އެކަން އެހެންވާނެ ކަމަށް އެ ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އީއައިއޭ ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެކަން ހުއްޓުވުމަށްޓަކައި ނުވަތަ އެކަމުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށް އީއައިއޭ ރިޕޯޓުގައި ލަފާދީފައިވާއިރު، ބޮސްކާލިސްގެ ފަރާތުން ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވިލިމާލޭ ފަރަށް ލިބެމުންދާ ކަމަށް މިކަމުގެ ތަޖުރިބާކާރު ބޭފުޅުން ހާމަކުރަމުން އަންނަ ކަމަށެވެ.

އެހެންވެ ވިލިމާލޭ ފަރަކީ ވިލިމާލޭގެ ރައްޔިތުންގެ އިތުރުން މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ މީހުންވެސް ބޭނުންކުރާ ފަރަކަށްވެފައި، އެ ފަރު ހަލާކުވުމަކީ ދާއިރާގެ ރައްޔިތުންނަށް ލިބޭނެ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަމަށާއި އަދި މަސައްކަތް ކުރިއަށް ދަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ނުވާތީ އަދި އެ މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލައި، ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އުޝާމް ވިދާޅުވެ އެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ ފަޅު ހިއްކާއިރު ކަނޑަށް ފޭދިގެންދާ ވެލީގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުުން ފާޅު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!