ޚަބަރު

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހޭ 33 މީހަކު ފޮނުވާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭން ބޭރަށް ސިއްހީ ފަރުވާ ހޯދުމަށް ކޮންމެހެން ދާންޖެހޭ 33 މީހަކު ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، ކޮވިޑާ ގުޅިގެން ބައިނަލްޢަގްވާމީ ދަތުރުފަތުރުގެ ކަންކަން ހުއްޓިފައިވީ ނަމަވެސް، ބޭސްފަރުވާގެ ކަންކަމަށް ކޮންމެހެން ރާއްޖޭން ބޭރަށްދާންޖެހޭ މީހުންނަށް ރާއްޖޭން ބޭރަށް ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

އެގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ އިންޑިއާ އާއި ސްރިލަންކާގެ ސަރުކާރާއި ވާހަކަދައްކަމުން ގެންދާކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ރާއްޖޭން ބޭރަށް ދާންޖެހޭ ވަރަށް ގިނަ ޢަދަދެއްގެ މީހުން އެބަތިބިކަމަށާއި ނަމަވެސް މިހާރުގެ ޙާލަތަށް ބަލާ މިގޮތަށް ރާއްޖޭން ބޭރަށް ދިވެހިން ފޮނުވުމުގައި އެންމެ ބޮޑަށް ބަލާނީ މިވަގުތު ރާއްޖޭން ލިބެންނެތް ފަރުވާއެއް ހޯދުމަށް އަދި ކްރިޓިކަލް ޙާލަތުގައި ތިބި ދިވެހިން ކަމަށެވެ.

އެގޮތުން ރޭޑިއޭޝަންގެ ޚިދުމަތާއި، ކޮންމެހެން ހަދަންޖެހޭ އެކި ކަހަލަ ސަރޖަރީތައް ހެދުމަށް ބޭރަށް ދާންޖެހޭ ފަރާތްތަކަށް އިސްކަންދޭނެކަމަށާއި، މިގޮތުން ފާހަގަވި 33 ފަރާތެއް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މަރިޔަމް ޝަފީޤް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން އާސަންދައިން އާއްމު ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރުނާންނާނެހެން އޮންލައިންކޮށް ދެވޭނެ ޚިދުމަތްތައް އޮންލައިންކޮށް ދެމުންދާކަމަށެވެ. އަދި އާސަންދަ ކަސްޓަމާ ސަާވިސް ސެންޓަރުގައި އެކުންފުނީގެ މުވައްޒަފުން ފުރަބަންދުގައި ތިބެގެންވެސް ޚިދުމަތްދެމުންދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!