ޚަބަރު

ރަހީނު ކުރި މީހަކު ސަލާމަތްވާން ގެއެއްގެ ތިންވަނަ ފަންގިފިލާއިން ފުންމާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ ހެންވޭރު ގެއެއްގައި މީހަކު ރަހީނުކޮށް، އެމީހާގެ އަތުން ފައިސާތަކެއް ފޭރެން އުޅުމުން، ސަލާމަތްވާން އެގޭގެ ތިންވަނަ ފަންގިފިލާއިން ފުންމާލައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިރޭ 8:30 ހާއިރު ހެންވޭރު މާވަޑި ހޮޓާ ހުންނަ ކަސްތޫރި ގޯޅީގައި ހުރި ގެއެއްގައެވެ.

އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ އެމީހާ ރަހީނުކުރަން މަސައްކަތް ކުރީ ހަތަރު މީހަކު ވެގެން ކަމަށް އެނޫހަށް އެނގިފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަންޒަރު ދުށް ބަޔަކު އެނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހާ ރަހީނު ކުރަން މަސައްކަތް ކުރުމުން، ތިން ވަނަ ފަންގިފިލާއިން މަގުމައްޗަށް ފުންމާލީ ކަމަށެވެ. އެމީހާ އެގެއިން ފުންމާލުމާއެކު ރަހީނުކުރަން އުޅުނު މީހުންވެސް ވަނީ އެގެއިން ނިކުމެގެން ގޮސްފައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

"އެމީހާ ފުންމާލީ ތިން ވަނަ ފްލޯއިން. މެދު އުމުރެއްގެ މީހެއް އެއީ. ފުންމާލައިގެން އޭނާ އެހެން މީހެއްގެ ފަހަތުން ދުއްވައިގަތްފަހުން އެގެއިން އެހެން ބަޔަކު ނިކުމެގެން ދިޔަ ހަމަޖެހިލައިގެން،" މަންޒަރު ދުށް ބަޔަކު އެނޫހަށް މައުލޫމާތު ދީފައިވެއެވެ.

ރަހީނު ކުރަން އުޅުމުން ސަލާމަތްވާން ފުންމާލި މީހާ ބުނީ، އެމީހުން އޭނާގެ ދެ ފޯނާއި ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ.

"އަންހެނެއްވެސް ހުރި، ދެ ފޯނާއި ވޮލެޓް ނެގީ އަހަރެންގެ. ފުލުހުންނަށް ކިޔައިދީފިން އެމީހުން ތިބި ގޮތް. ގުޅައިގެން އައީ މިތަނަށް." އެމީހާ އެނޫހަށް ކިޔައިދީފައި ވެއެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިމައްސަލައިގައި އަދި ފުލުހުންގެ ފަރާތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!