ކޮވިޑް19: އިންޑިއާ ގައި 12 މީހުން މަރުވީ ހޮސްޕިޓަލުގެ އިހުމާލުން
ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އިތުރުވެ ފަރުވާ ނުދެވި ވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ. ނަމަވެސް އިންޑިއާ ގެ ކޮވިޑް19 ގެ ހާލަތު އެހާ ހިސާބަށް ގޮސްފައިނުވާއިރު ދާދި ފަހުން ވަނީ މުންބާއި ހޮސްޕިޓަލެއްގައި އިހުމާލުން ކޮވިޑް19 ޖެހުނު 12 މީހަކު މަރުވި މައްސަލައެއް ފެންމަތިވެފައެވެ.
ރިޕޯޓުތައް ބުނާތައް މި 12 މީހުން ވެސް މަރުވެފައިވަނީ އޮކްސިޖަން ނުދެވުމުގެ ސަބަބުންނެވެ. އެމްބީސީ އިން ހިންގާ ހޮސްޕިޓަލެއް ކަމުގައި ވާ ޖޯގެޝްވަރީ ޓްރޯމާ ހޮސްޕިޓަލުން މަރުވި މި 12 މީހުންވެސް މަރުވެފައިވަނީ އެއް ސަބަބަކާއި ގުޅިގެން ކަމަށް ވުމާއެކު އެކަމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ފާއިތުވި ދެ ހަފްތާގައި މަރުވި މި 12 މީހުން ވެސް މަރުވެފައިވަނީ އެކަށޭނެ އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ.
ޖޯގެޝްވަރީ ޓްރޯމާ ހޮސްޕިޓަލަކީ 200 އެނދު ހުންނަ ކޮވިޑް ފެސިލިޓީއެކެވެ. އަދި އެ ތަކުގައި ތިބި 90 އިންސައްތަ ބަލި މީހުންނަކީ އޮކްސިޖަން ބޭނުންވާ ހާލަތުގައި ތިބި ބަލި މީހުން ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެ ހޮސްޕިޓަލުގައި އޮކްސިޖަން ހުރީ އޭގެ ތެރެއިން 15 އިންސައްތަ މީހުނަށް ބޭނުންވާ ވަރަށް ކަމުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޑޮކްޓަރުން މި މައްސަލަ ހޮސްޕިޓަލާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއެކު އެ ހޮސްޕިޓަލުން މިހާރުވަނީ 500 ސިލިންޑަރުގެ އޮކްސިޖަން އޯޑަރުކޮށްފައެވެ.