ޓެކްސް ނެގުމަކީ ހުއްދަކަމެއް: ޝަހީމް

ޓެކްސް ނެގުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޓެކްސް ނެގުމަކީ ޙަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވުމާ ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް ކަމަށެވެ.
”ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރުފް ވެފައިވާ މާލީ ނިޒާމެއް. ދައުލަތުގެ ވާޖިބަކަށް ވާން ވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރި ގޮތުގައި ޓެކްސްގެ ބޭނުން ކުރުން” ޝަހީމް ވިދާޅުވިއެވެ.
އިލްޔާސް ޖަމާލްގެ ވިދާޅުވެފައި ވަނީ ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި ޓެކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.