އެލްޓީ، ބްރަދަހޫޑް ޓާފް އަތުލީ އެންގުމަކާ ނުލާ، ދެ ޓީމުގެ އެތައް ކަންބޮޑުވުމެއް!
މާލޭގެ ވިލާ ކޮލެޖް ކުރިމަތީގައި އޮންނަ ފުޓްސަލް ދަނޑަކީ ލިޓްލް ޓައުން (އެލްޓީ) ސްޕޯރޓްސް ކުލަބާއި ބުރަދަރ ހުޑް ސްޕޯރޓްސް ކުލަބަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި އެ ދެ ޓީމާ ދެމެދު އެގްރީމެންޓެއް ހެދުމަށް ފަހު ދީފައިވާ ދަނޑެކެވެ.
ދަނޑު ހަވާލު ކުރި އިރު ހަމަ އެކަނި އަޅާފައިވަނީ ދަނޑުގެ ބައުންޑަރީ އެވެ. އެހެންކަމުން ރަނގަޅު ފެންވަރަކަށް ޓާރފް އަޅައި ދަނޑު ހެދީ، އެ ދެ ކުލަބުގެ އަމިއްލަ ހަރަދުގައެވެ. އަދި އެ ލޮކްޑައުންގެ ކުރިން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ކުޅެން ދާ ދަނޑެކެވެ.
ނަމަވެސް އެ ބިމަކީ ސަރުކާރުން މިހާރު ދަރުމަވަންތަ ސުކޫލު އެޅުމަށް ނިންމާފައިވާ ބިމެކެވެ. އަދި އެ މަސައްކަތް ކުރުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކޮށްފައެވެ. އެ ގޮތުން އެސްޖޭ ކޮންސްޓްރަކްޝަން ގެ ފަރާތުން މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ މި ފަނޑު ރޫޅުމުގެ މަސައްކަތް ފަށާފައެވެ. އަދި ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސުތައް ނައްޓާ އަދި ދަނޑުގެ ބޮޑު ބައެއްގެ ޓާރފްތައް ވެސް ވަނީ ނަގާފައެވެ. ނަމަވެސް އެލްޓީ ސްޕޯރޓްސް އަދި ބްރަދަހޫޑް ސްޕޯރޓްސް އިން އެޑިއުކޭޝަން މިނިސްޓްރީ މިނިސްޓްރީ އަށް ހެދިފައިވާ އެގްރީމަންޓް ދެއްކުމުން ، އެ ފަދަ ކަމެއް ދެން ނުހިނގާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަން ގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.
އެސްޖޭ ކޮންސްޓްރަކްޝަން އިން މަސައްކަތް ހުއްޓާލުމުން، އެލްޓީ ސްޕޯރޓްސް އަދި ބްރަދަރހުޑް ސްޕޯރޓްސްގެ އަމިއްލަ ހަރަދުގައި އަލުން މަސައްކަތްކޮށް އަލުން ކުޅެވޭ ފެންވަރަށް ދަނޑު ވަނީ މަރާމާތު ކޮށްފައެވެ. އަދި ދަނޑުގައި އަލުން ވަނީ އައު ޓާރފް އަޅާފައެވެ. އަދި މިކަން ކުރުމަށް ޓަކައި ދެ ޓީމުގެ އަތުން 20 ވަރަކަށް ހާސް ރުފިޔާގެ އަދަދެއް ވަނީ ހޭދަވެފައި ކަމަށް ބްރަދަހުޑް އެސް.ސީ ގެ މެނޭޖަރ މުހައްމަދު ޖަޒްލާން މައުލޫމާތު ދިނެވެ.
އެހެން ނަމަވެސް މިހަފުތާގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހަވާލު ކޮށްގެން އަނެއްކާވެސް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ދަނޑަށް ވަދެ، ދަނޑުގެ ވަށައިގެން ޓިނު ޖަހާފައެވެ. އަދި މި ފަހަރުވެސް ދަނޑަށް ވަދެ މި މަސައްކަތް ކޮށްފައި މިވަނީ ދަނޑުގެ ވެރިފަރާތަށް އެންގުމަކާ ނުލާކަމަށް ވެސް "ދެން" އަށް މައުލޫމާތު ދެމުން ޖަޒްލާން ބުންޏެވެ.
މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާ މި ދެ ޓީމާ ދެމެދު ވެވިފައިވާ އެއްބަސް ވުމުގައި ވާގޮތުން ސަރުކާރުގެ ބޭނުމެއްގައި ދަނޑު ބޭނުންވި ކަމުގައި ވިޔަސް މީލާދީ ގޮތުން 6 މަސް ކުރިން އެ ކަން ދަނޑުގެ ވެރި ފަރާތަށް ލިޔުމަކުން އަންގަން ޖެހޭނެއެވެ. އަދި މިގޮތަށް ދެ ޓީމަށް އެންގުމަކާ ނުލާ ދަނޑުގައި މަސައްކަތް ކުރަން ފެއްޓުމަކީ ދެ ޓީމުގެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މާޔޫސް ވެ ކަންބޮޑުވެފައި ވާ ކަމެކެވެ.
"މި ފަހަރުވެސް އަޅުގަނޑުމެން ވާނީ މިކަމަށް ހައްލެއް ހޯދައިދިނުން އެދި އެޑިއުކޭޝަން އަށް ވެސް ދަންނަވާފަ، އަދި މަޖިލީހުގެ މެންބަރެއްގެ ފަރާތުންވެސް އެކަމަށް އަޅުގަނޑުމެން ވާނީ އެދިފައި. އަދި ހަމަ އެއްވެސް ހަބަރެއް ނުވޭ." ޖަޒްލާން ބުންޏެވެ.
މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އަށް ވެސް ވާނީ ދަންނަވާފައި ކަމަށާއި ނަމަވެސް އެ ދަނޑަކީ އެ މިނިސްޓްރީ އާ ގުޅުމެއް އޮތް ދަނޑެއް ނޫން ކަމުން އެ މިނިސްޓްރީ އަށް އެކަމާމެދު ކުރެވޭނެ ކަމެއް ނޯއްނާނެ ކަމަށް އަސްހަދު ވިދާޅުވިކަމަށް ޖަޒްލާން ބުންޏެވެ.
އިތުރަށް "ދެން" އާ ވާހަކަ ދައްކަމުން ޖަޒްލާން ބުނީ މި ކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި ދަނޑު އަތުލާނަމަ ދަނޑަށް ހިނގާފައިވާ ހަރަދު ދިނުމަށްވެސް އެއްބަސް ވުމުގައި ވާ ކަމަށެވެ. އަދި މިކަމާމެދު ސަރުކާރުން އިހުމާލު ވަމުން ދާކަމީ ހިތާމާކުރާ ކަމެއް ކަމަށާއި، އެ ގޮތަށް ކަންތައް ކުރަންވީ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި އެ އެއްބަސް ވުމަކީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއް ނަމަވެސް އެއަށް އިހުތިރާމް ކުރެއްވުމަށާއި މިފަދަ ކަންކަން ސިޔާސީ ކަމަކަށް ނުހެއްދެވުމަށް ޖަޒްލާން ވަނީ އެދިފައެވެ.
މާލޭގައި ހެދިފައިވާ މަދު ދަނޑުތަކުގެ ތެރެއިން މި ދަނޑަކީ އަބަދުވެސް ވަރަށް ގިނަ ބަޔަކު ކުޅެން ގޮސް އުޅޭ ދަނޑެކެވެ. އަދި މި ދަނޑަށް ކުޅެން ދާ ޝެޑިއުލް އަބަދުވެސް ފުލްވެފައި އޮންނަ އިރު މި ދަނޑު ރޫޅާލުން ވާނީ އެ ފަރާތްތަކަށް ވަރަށް ބޮޑު ކަންބޮޑު ވުމަކަށެވެ.