މުނިފޫހިފިލުވުން

ލޮކްޑައުންގައި ވެސް ފޯރިގަދަ މުބާރާތްތަކެއް، ހޯދަން ޖެހެނީ ގިނަ ރިއެކްޓް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިހާރަކަށް އައިސް ވަރަށް ގިނައިން ރައްޓެހިންގެ މެސެޖުތައް އާދެއެވެ. ރައްޓެހިން އެކަންޏެއް ނޫނެވެ. ނުދަންނަ ފަރާތްތަކުން ވެސް މެސެޖު ކުރަނީ އެވެ. ފޮނުވާލަނީ ޕޯސްޓެއްގެ ލިންކެކެވެ. އެދެނީ ރިއެކްޓެއް ކޮށްދިނުމަށެވެ. ބައެއް ފަހަރަށް "ލަވް" ރިއެކްޓެވެ. އަދި އަނެއްބައި ފަހަރަށް "ވާއު" ރިއެކްޓެވެ. ކޮންމެއަކަސް މާ ގިނައިން މި ކަހަލަ މެސެޖު އަންނާތީ މި ވާނުވާ އެއް ބަލާލާ ހިތް ވެއްޖެއެވެ.

Ads by STELCO

މި ވާގޮތަކީ ތޯއެވެ؟ މީސް މީޑިޔާގައި ބޮޑެތި މުބާރާތްތަކެއް ކުރިއަށް ދަނީ އެވެ. އެކި ރައުންޑްތަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތްތައް ހާދަހާ ފޯރިގަދައޭ އަޅުގަނޑުވެސް ހިތަށް އެރިއެވެ. ކޮންމެ ރައުންޑެއްގައިވެސް މޮޅު ވަނީ އެންމެ ގިނަ ރިއެކްޓު ލިބޭ ޓީމެކެވެ. އަދި މަދުން ރިއެކްޓު ލިބޭ ޓީމުތައް މުބާރާތާ އަލްވަދާޢު ކިޔަން ޖެހެއެވެ. މިހެން ގޮސް އެންމެ ގިނައިން ރިއެކްޓް ލިބޭ 2 ޓީމެއް ފައިނަލް ރައުންޑް ގައި ވާދަކޮށް އެއްވަނަ ޓީމުވެސް ހޮވަނީ މިހެންނެވެ.

މި ޕޯސްޓް ތަކަށް ރިއެކްޓު ކުރުމަށް ފުރުސަތު ލިބެނީ ވަކި ވަގުތަކާ ހަމައަށެވެ. އަދި އެ ވަގުތު ހަމަވުމަށް ފަހު ދެން ކުރާ ރިއެކްޓުތަކެއް ނަތީޖާ ކަނޑައަޅާއިރު ނުގުނާނެއެވެ. މި މުބާރާތްތައް އެކި "ފީލްޑް" ގެ ފަރާތްތަކުގެ މެދުގައި ފޯރިގަދަ ކަމާއެކު ދަނީ ކުރިއަށެވެ. އެ ގޮތުން ފުޓްސަލް ޓީމުތަކާއި ކުޅުންތެރިން އަދި ޕަބްޖީ ޓީމުތަކާއި، ފޮޓޯ ގްރާފަރުން ފާހަގަ ކުރެވެއެވެ. އަދި މި ނޫނަސް އެހެން ބައެއް ފަރާތްތަކުގެ މެދުގައި ވެސް މި މުބާރާތް ކުރިއަށް ދެއެވެ.

މިގޮތަށް ރިއެކްޓު ކޮށްދިނުމަށް އެދި ބައެއް ފަހަރަށް ރުފިޔާ ދީފައިވެސް އެދޭ ކަމަށް މީސްމީޑީޔާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ޕޯސްޓްތަކެއް މި ދޭތެރެއިން ވަނީ ދައުރުވެފައެވެ. އަދި މިގޮތަށް ރިއެކްޓު ކޮށްދޭން އެދިގެން ކޮށްދޭ ރިއެކްޓަކަށް ފައިސާ ދޭ ނަމަ މިހާރު މުއްސަނދި ވެދާނެކަމަށް ބުނެވެސް މަޖަލަކަށް ހަދައި މީހުން ވަނީ މީސް މީޑިޔާގައި ވާހަކަ ދައްކާފައެވެ. ޔަގީނުންވެސް ލޮކްޑައުންގެ މިހާލަތުގައިވެސް ޓީމުތަކުގެ މެދުގައި ވާދަވެރިކަމުގެ ރޫހެއް ބޭއްވުމަށް މިފަދަ މުބާރާތް ތަކުން އެހީތެރިވެދެއެވެ.

ބައެއް ފަހަރަށް މި މުބާރާތްތަކުން ކާމިޔާބު ވާ ފަރާތްތަކަށް ފައިސާގެ އިނާމު އަދި މި ނޫނަސް އެހެން އިނާމުތައް ވެސް ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!