ޚަބަރު

މަޝްހޫރު ދާޢީ ޠާރިޤް ޖަމީލް ވެއްޓި ވަޑައިގެން ވަރަށް ބޮޑަށް ޒަޚަމްވެއްޖެ! ޢާއިލާއިން އެދެނީ އެންމެންގެ ހެޔޮދުޢާ އަަށް!

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނުގެ މަޝްހޫރު ދާޢީ ޠާރިޤް ޖަމީލް ، އެމަނިކުފާނު ދިރިއުޅުއްވާ ގޭތެރެއަށް ވެއްޓިވަޑައިގެން ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޠާރިޤް ޖަމީލް ވެއްޓިވަޑައިގެން، އެމަނިކުފާނުގެ މޫނުފުޅަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. އަދި ވެއްޓިވަޑައިގަތުމުގެ ސަބަބުން ދެ ގަޑިއިރު ވަންދެން ލޭފައިބާ، އެމަނިކުފާނުގެ ހާލުކޮޅު ވަނީ ވަރަށް ދެރަވެފައެވެ. އަދި އިތުރު ސީރިއަސް އަނިޔާތަކެއް ވެސް އެމަނިކުފާނަށް ލިބިފައިވެއެވެ.

އުމުރުފުޅުން 67 އަހަރުގެ ޝެއިޚް ޠާރިޤް ޖަމީލް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްލާމް ދީން އުނގަންނަވާދެއްވާ، މީސްތަކުން އިސްލާމްދީނަށް ހޭލުންތެރި ކުރުވުމުގައި އެމަނިކުފާނުގެ ޒުވާން ދުވަސްވަރުން ފެށިގެން ވެސް މަސައްކަތް ކުރައްވާ ބޭކަލެކެވެ. އެމަނިކުފާނަކީ ޕާކިސްތާނުގެ އިތުރުން މުޅި އިސްލާމީ އުއްމަތުގައި ވެސް ޤަދަރު ލިބިގެންވާ ޢިލްމް ވެރިއެކެވެ. ދީނުގެ ޢިލްމް އުނގެނިވަޑައިގަތުމުގެ ޝައުޤުވެރިކަން ވަރަށް ޅައުމުރުގައި އޮތް ނަމަވެސް ޢާއިލާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެމަނިކުފާނަށް އެކަމުގައި ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިލާން ޖެހުނެވެ. އެގޮތުން ބައްޕާފުޅު އެކަމާ ނުރުހި ޢުމުރުފުޅުން އެންމެ 19 އަހަރުގައި ގެއިން ނެރެލިއެވެ.

ޕާކިސްތާންގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖުނައިދު ޖަމްޝީދުގެ ޙަޔާތް ބަދަލުވެގެން ދިޔުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޝައިޚް ތާރިޤްއަކީ ދީނަށް ގޮވާލެއްވުމުގައި ކެތްތެރި އަދި ޙިކްމަތްތެރި ބޭފުޅެކެވެ. އަދި އެކި ދާއިރާތަކުގައި މަޝްހޫރު ވަރަށް ގިނަ މީހުންގެ ލޯތްބާއި އިހްތިރާމް އެމަނިކުފާނަށް ލިބިފައިވަޑައިގެންފައި ވެއެވެ. އެގޮތުން ތާރިޤްއާއި ބޮލީވުޑްގެ ސްޕަރ ސްޓަރ އާމިރުޚާން އާއި ޙައްޖުން ދިމާވި ފަހުން އެދެމީހުންގެ ދެމެދުގައި ވެސް ޚާއްޞަ އެކުވެރިކަމެއް އުފެދިފައިވެއެވެ.

ޝެއިޚް ޠާރިޤް ޖަމީލްގެ އާއިލާއިން އެދިލައްވަނީ ވީހާވެސް ގިނަ ފަރާތްތަކުން އެމަނިކުފާނަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ދެއްވާ، އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރެއްވުމަށެވެ.

ﷲ ، ޝައިޚަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އަދި ދީނަށް ނަޞްރު ދިނުމުގައި ޝައިޚްގެ ޢުމުރު ދިގު ކުރައްވާ ބަރަކާތް ލައްވާށި! އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!