ޚަބަރު

ރުގްޔާގެ ނަމުގައި މީހުންނަށް ގެއްލުންދޭ މީހެއްގެ ޝިކާރައަކަށް ވެފައިވާ މީހުން ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ރުގްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ފުލުހުން ބަލަން ފަށައިފި އެވެ.

Ads by STELCO

ރުގްޔާކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުންދޭ ކަމަށް ތުހުމަތު ކުރެވިފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަށެވެ.

ފުލުހުން މިއަދު އޭނާގެ ފޮޓޯ އާއްމުކޮށް ބުނީ ނަސްރުﷲގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އޭނާއަކީ ރުގްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުން ދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792358 އަށް ގުޅުމަށް ފުލުހުން އެދެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނަސްރުﷲ ވަނީ އެކި މީހުންނަށް ރުގްޔާ ކުރަމުންދާ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި އޭނާގެ ނަމުގައި ހަދާފައިވާ ޕޭޖެއްގައި ހިއްސާކޮށްފަ އެވެ. މި ޕޭޖުގައި ސިހުރު ޖެހިފައިވާ މީހުންގެ ސިހުރު ނައްތާ ވީޑިއޯތަކެއްވެސް ހިމަނާފައި ވެ އެވެ.

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށަހަޅާ ކަަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!