ލޯބީގެ ހުށަހެޅުމަށް އާނއެކޭ ބުނި ނަމަވެސް ދެން ކުރިމަތިލާން ޖެހުނީ މާ ބޮޑު ނުރައްކަލަކާ!
ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ލޯތްބަކީ ވަަރަށް މުހިންމު އެއްޗެއް ކަން ޔަގީނެވެ. އަދި ހަމަ ގައިމު ވެސް ކޮންމެ އަންހެން ކުއްޖެއްގެ ވެސް ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއްދުވަހަކީ އޭނާ ހިތްއެދޭ މީހަކު އޭނާއަށް ލޯބި ހުށަހަޅާ ދުވަހެވެ. ނުވަތަ އޭނާއަށް ކައިވެންޏަށް ހުށަހަޅާ ދުވަހެވެ.
އޮސްޓްރިއާގެ ދެ ލޯބިވެރިންނަށް މި ފަހަރު ކުރިމަތިލާން ޖެހިފައި މިވަނީ ވަރަށް ތަފާތު ކަމަކާއެވެ. މި ދެ ލޯބިވެރީން ގިނަ ދުވަސްތަކެއް ވަންދެން ލޯބިވެރިންގެ ގޮތުގައި ވަފާތެރިކަމާއެކު ތިބި ދެމީހުންނެވެ. ކޮންމެއަކަސް މިދެމީހުންގެ ތެރެއިން މި އަންހެން މީހާ އިންތިޒާރު ކުރަމުން ދިޔައީ ފިިރިހެން ކުއްޖާ އޭނާގެ ގާތުގައި އިންނަން އަހާނެ ދުވަހަކަށެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެ ހުވަފެން ހަގީގަތަކަށްވީ ނިމިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ފިރިހެން މީހާ އަންހެން މީހާއަށް ލޯބި ހުށަހެޅީ ވަރަށް ފުރިހަމަ މަންޒިލެއްގައެވެ. ފަރުބަދަތައް ގިނަ އޮސްޓްރިއާގެ ފަރުބަދައެއްގެ މައްޗަށް އެރުމަށްފަހުގައެވެ. ދެމީހުންވެސް އެ ހަމަހިމޭން މާހައުލުގައި ހޭދަކުރަމުން ދިޔައީ އުފާވެރި ވަގުތުތަކަށެވެ. ފިިރިހެން މީހާ ލޯބި ހުށަހެޅުމުން އަންހެން މީހާ އުފަލުން "އާނއެކޭ" ބުންޏެވެ.
އެ އުފާވެރި ވަގުތުތައް ބަދަލުވެގެން ދިޔައީ އެކަމުގެ ސިގްނަލެއް ވެސް ނުދީއެވެ. ސްނޯއިން ފުރިފައިވާ އެ ފަރުބަދަ މަތިން އަންހެން މީހާ ކައްސާލައިގެން ވެއްޓުނީއެވެ. ނުރައްކާތެރި ހާދިސާއަކަށް އެ އުފާވެރި ވަގުތުތައް ބަދަލުވެގެން ދިޔައީއެވެ. 650 ފޫޓު މަތިން އަންހެން މީހާ ވެއްޓުމުން، ފިރިހެން މީހާ މަސައްކަތް ކުރީ އޭނާ ސަލާމަތް ކުރުމަށެވެ. އެހެން ނަމަވެސް ފައިބަން އުޅުމުގެ ތެރޭގައި ކަންދިމާކުރި ގޮތުން އޭނާވެސް 50 ފޫޓު މަތިން ކަހާލައިގެން ވެއްޓުނީއެވެ.
މިދެމީހުންވެސް ވަނީ ސަލާމަތް ވެފައެވެ. ސަބަބަކީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ސްނޯ ހުރުމުގެ ސަބަބުންނެވެ. އެމީހުން ސަލާމަތް ކުރި އެގައުމުގެ ފުލުހުން ބުނީ އެތަނުގައި ސްނޯ ގިނަ އަދަދަކަށް ފައިބާފައި ހުރުމަކީ އެމީހުންގެ ނަސީބު ކަމަށާއި އެހެން ނޫން ނަމަ އެ މީހުން ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ފިރިހެން މީހާ ވެއްޓުނީ ފަރުބަދައިގެ މެދެއްހާ ހިސާބަށް ކަމުން އޭނާ ސަލާމަތް ކުރީ ހެލިކޮޕްޓަރެއް ބޭނުން ކޮށްގެންނެވެ. އަދި އަންހެން މީހާ ފެނުނީ ހަމަބިމަށް ވެއްޓިފައި އޮއްވައެވެ. އަދި އޭނާ ފެނުނު އިރު އެއްވެސް ހަރަކާތެއް ނެތެވެ. މީގެ އިތުރުން އޭނާގެ މައިބަދަ ވެސް ބިއްދައިގެން ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދެމީހުންނަށް ވެސް މިހާރު ވަނީ ސިއްހީ ފަރުވާ ދެވިފައެވެ. އަދި ދެމީހުންގެ ހާލު ވެސް އަންނަނީ ރަނގަޅު ވަމުންނެވެ