އޮސްޓްރިއާގެ ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5ވަނަ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު މިހާރު ދަނީ އެގައުމަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޗާންސެލަރ ސެބާސްޓިއަން ކަރޒްއާއި ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާއި ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގްއާ ވެސް އިއްޔެ ބައްދަލު ކުރައްވައިފައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ޗާންސެލަރ ސެބާސްޓިއަން ކަރޒްއާ ބައްދަލުކުރައްވައި، އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެ މަނިކުފާނަށް މިނިސްޓަރ ޝާހިދު ވަނީ ދެއްވައިފައެވެ. އަދި ހަމައެހެންމެ، ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގްއާ ބައްދަލުވުމަށް ފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަ ކުރައްވައި، އެގައުމުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތަށް" ލިބޭނެކަމުގެ ޔަޤީންކަން އޮސްޓްރިއާއިން ދެއްވިކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޮސްޓްރިއާގެ ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާ އިއްޔެ ބައްދަލުކުރައްވާ ބައިނަލްއަޤްވާމީ ސުލްހަ ދެމެހެއްޓުމަށް ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ވިއެނާގައި ހުންނަ އދގެ މަރުކަޒުގެ އިސްވެރިންނާއި، އަދި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.