ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ބަނަ ވެފައިވާ ޙަޔާތް ބަދަލު ކޮށްލީ ދިރިއުޅުމަށް އައި އެންމެ އެކުވެރިއެއްގެ ސަބަބުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަވަނަވަމުން އަންނަ ދުނިޔެއާއެކު ދިރިއުޅުމުގެ ވަގުތުތައް ދިޔައީ ޖެހުނު ވައިރޯޅިއެއް ހެންނެވެ. ޙަޔާތުގެ އެކި މަރުޙަލާތަކުގައި އެކި އެކި ތަޖުރިބާ ކުރެވެމުން ގޮސް ދިރިއުޅުން ބިނާ ކުރެވުނީ ވަކި ކޮން ކަމަކަށް ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. މަޖަލާ ސަކަރާތުގައި ހޭދަކުރެވޭ ވަގުތުތައް އިތުރުވީއެވެ. ދުނިޔޭގެ އަރާމާއި ލައްޒަތަށް އަހަރެންގެ ނަފުސު ހުށަހެޅި އެހެން ޙަޔާތެއް އަދި އެބައޮތް ކަން ވެސް ހަނދާން ނެތުނީއެވެ.

Ads by STELCO

ނަތީޖާއަކަށް ވީ ޝިރުކުގެ ހާއްޔަކަށް އަހަރެން ވެއްޓިގެން ދިއުމެވެ. ހީލަތްތެރިން ކައިރި ކުރެވި، ދުނިޔޭގެ ވަގުތީ އުފަލުގައި އަހަރެންގެ ނަފުސު “ބިޒީ” ވެގެން ދިއުމެވެ. އެކި އެކި ހަފުލާތަކާއި ދިމާކޮށް މަސްތުގެ އެތައް ބާވަތެއް އަހަރެންނަށް ބޭނުން ކުރެވެން ފެށުމެވެ. އަހަރެންގެ އާއިލާއެއް އޮތްކަން އަހަރެންނަށް ހަނދާން ނެތުނީއެވެ. ބެހިގެން ދީނާ ދުރަށް ދެވެން ފެށީއެވެ.

ބިރަކާ ނުލާ މަޖާ ކުރަމުންދާއިރު، އެލިބޭ އަރާމާއި ލައްޒަތާ ހިތްހަމަ ޖެހުމަކީ މި ވަގުތީ ދުނިޔޭގެ ވަގުތީ އުފަލެއްކަން އަހަރެން ގަބޫލު ކުރަން ބޭނުން ނުވީއެވެ. މަޑުމަޑުން އަހަރެން ދިޔައީ އަހަރެންގެ ޙަޔާތަށް ކިލަނބުކަން އިތުރު ކުރަމުންނެވެ. އެހެން ނަމަވެސް އަހަރެންގެ މުޅި ޙަޔާތް ބަދަލު ކޮށްލީ ދިމާވި އެންމެ އެކުވެރިއެއްގެ ސަބަބުންނެވެ.

އެ އެކުވެރިޔާއަކީ މިދުނިޔޭގައި އަހަރެންނަށް އެކަލާނގެ ދެއްވި މާތް ނިޢުމަތެކޭ ބުނުމަކީ ވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ދޮގަކަށް ނުވާނެއެވެ. ވެއްޓިފައިވާ ޝިރުކުގެ ނުބައި އަނދަވަޅުގަނޑުން އަހަރެން މިއަދު ތެދުވެ ހުރުމުގެ ފަހަތުގައި ވަނީ އެ އެކުވެރިޔާގެ މިންނެތް މަސައްކަތެވެ. އާނއެކެވެ. މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ.

މިއީ ވަގުތީ ފާލަމެކެވެ. މިތަނުން ލިބޭނީ ވަގުތީ އަރާމާއި ވަގުތީ ހިތްހަމަޖެހުމެވެ. ދާއިމަށް ދެމިގެންދާނޭ އެއްވެސް ކަމެއް އަދި އެއްވެސް އެއްޗެއް މި ދުނިޔެއަކު ނުވާނެއެވެ. މިއަދު އަހަރެންގެ މާ ގިނަ ރައްޓެހިންތަކެއް ނުތިބޭނެއެވެ. އަދި މާގިނަ ރައްޓެހިން ގެންގުޅޭކަށް ވެސް ބޭނުމެއް ނޫނެވެ. ބަދަލުގައި ހެޔޮ އެދޭ އެންމެ ރަޙުމަތްތެރިއެއް ހުރުން މާ ރަނގަޅެވެ.

ކުރެވުނު އެންމެހާ ކުށްތަކަށް އަހަރެން ތައުބާ ވާން ބޭނުމެވެ. ކުރެވުނު ކުށްތަކާމެދު މިއަދު އަހަރެން ވިސްނާލި ކަމުގައި ވީނަމަވެސް އެކަމާ ލަދުގަނެ ހިތާމަ ކުރަމެވެ. މާތްالله ގެ ހަޟްރަތުން އެކަމަށް ތައުބާވެ އެފަދަ ނުބައި ޢަމަލުތަކެއްގައި އަހަރެންނަށް ޝާމިލު ވެވުނީތީ އެކަމާ އަހަރެން އެކަލާނގެ ހަޟްރަތަށް ބިރުވެތި ވަމެވެ.

އެކުވެރިޔާއެވެ. މިއަދު އަހަރެންނަށް ތެދުމަގު ދައްކައި ދިނުމުގައި އެކުވެރިޔާގެ މަސައްކަތް އަހަރެން އަބަދުމެ ހަނދާން ބަހައްޓާނަމެވެ. އަގުބޮޑު ހަދިޔާއަކަށް ވުރެ އެތައް ހާސް ދަރަޖައެއް ބޮޑު އަދި އެހާމެ މާތް ހަދިޔާއެއް އެކުވެރިޔާ މިއަދު އަހަރެންނަށް ދީފިއެވެ. އެއީ އަހަރެންގެ ލޯ ހުޅުވައިދިން ކަމެވެ. ތެދުމަގުގެ އަލި އަހަރެންނަށް ފެންނާނޭ ގޮތަށް އަހަރެންނަށް މަގުގެ ރާސްތާ ކިޔައިދިނުމެވެ.

ލޯބިވާ އެކުވެރިޔާއެވެ. އަހަރެން އަބަދުވެސް ކުރާ އުއްމީދަކީ ތިޔަ އެކުވެރިޔާ އަބަދުވެސް ތިގޮތުގައި އަހަރެންނަށް ދީނުގައި ސާބިތުވުމަށް ހިތްވަރުދިނުމުގައި އަހަރެންނާއެކު ހުރުމެވެ. ދުޢާއަކީ މި އެކުވެރިކަމުގައި މާތްالله ބަރަކާތް ލައްވާ ތިޔަ އެކުވެރިޔާއަށް ހެޔޮ ރަޙުމަތް ލެއްވުމެވެ. އާމީން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!