ޚަބަރު

މަސައްކަތް ކުރާކަން އަންގައިދޭން ދެން ޖެހޭނީ ފޮޓޯ ހިއްސާކުރަން: ނަހުލާ

ކޮވިޑް-19އާ ގުޅިގެން މިހާރު އޮފީހަށް ވަޑައިނުގެންނެވުނަސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށާއި އެކަން ހާމަކޮށްދޭން ދެން ޖެހޭނީ ފޮޓޯ ހިއްސާކުރަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓަރު ނަހުލާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިރޭ ހާޒިރު ކޮށްފައެވެ.

ވާޗުއަލް ކޮށް ބޭއްވި މި ބައްދަލުވުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ މިނިސްޓްރީގެ އާއްމު މަސައްކަތްތައް ދުވާލުގެ ވަގުތުގައި ކުރެއްވުމުގެ އިތުރުން ސިވިލް އޭވިއޭޝަނާ ބެހޭ މަސައްކަތްތައް ރޭގަނޑު ވަރަށް ދަންވަންދެން ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖެ އަށް ފްލައިޓްތައް ޖެއްސުމާއި މުދާ އުފުލުމާއި ހުރިހާ ކަމެއް ވެސް ބައްލަވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތުގައި މިނިސްޓްރީގެ އެހެން ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން އެކި ކަންކަމުގައި ނަހުލާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުނުކުރައްވާ ކަަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަރަށް ގިނަ އަތޮޅުތަކެއްގެ ކައުންސިލު މެމްބަރުންނާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި އަދި ބަޔަކު ބައްދަލުކުރައްވަން އައިކަން އެނގިހުރެ ބައްދަލުނުކޮށް ނުވާނެކަމަށެވެ.

"އެޕޮއިންޓްމަންޓް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހުރެދާނެ. އެކަމަކު ވެސް ފަހުން ވަގުތުދީގެން ފަހުން ނަމަވެސް ވާނީ ބައްދަލުކޮށްފަ. ދެން އަނެއްކާ ވެސް ދަންނަވާލަން ޖެހޭނީ، އަޅުގަނޑަށް މީޓިންތަކުގެ ފޮޓޯ ނުނެގުނީމަވީ ގޮތެކޭ މިއީ. ކުރިއަށް އޮތް ތަނުގައި އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިބޭފުޅުންނަށް ފެނިޥަޑައިގަންނަވާ ގޮތަށް ދެމުންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން މިނިސްޓަރު ނަހުލާ ގެއްލިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އެކަމަނާ އަށް ފާޑުކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!