ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުން އެހީވާނެ: ނަހުލާ
ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ދަތުރު ނުލިބި ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ލިބެމުން ދިއުމާ ގުޅިގެން އެ މީހުންށް ސަރުކާރުން އެހީވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓަރު ނަހުލާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ރޭ ހާޒިރު ސުވާލު ކޮށްފައެވެ.
ވާޗުއަލްކޮށް ބޭއްވެ މި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުގެ ކަންބޮޑުވުތަކާ ގުޅިގެން މެމްބަރުން ކުރެއްސި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް މުހިންމު ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިޢުލާންކޮށްފައިވާ އުސޫލްތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް އާ ވާހަކަދައްކައިގެން ޓްރާންސްޕޯޓު މިނިސްޓްރީއަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި އެކަންކަން ކުރަމުން ގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މާލެ ސަރަޙައްދު އެންމެ ފުރަތަމަ ލޮކްޑައުން ކުރުމުން ކޮންމެ ޓެކްސީ ސެންޓަރަކުން ހަ ޓެކްސީއަށް ހުއްދަދޭން ނިންމިނަމަވެސް އެ އަދަދު އިތުރުކުރުމަށް ސެންޓަރުތަކުން އެދުމުން ފުލުހުންނާއި މަޝްވަރާކޮށް ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް ހުއްދަދީފައިވާކަމަށެވެ.
މި ވަގުތަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުންދާންޖެހޭ ވަގުތުކަމުން ކޮންމެ ކަމެއްގައިވެސް ދަތިތަކެއް ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޮންމެ ފިޔަވަޅަކީވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބި ބޭފުޅުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާކަމަށް ތުހުމަތުކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވަނީ އެއްވެސް މުވައްޒަފަކާއި މެދު ތަފާތުކުރުން ނުގެންގުޅުއްވާކަމަށެވެ. ކޮންމެ ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކަށްވެސް ޒިންމާތަކެއް އަދި މަސްޢޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާނެކަމަށާއި، އެޒިންމާތައް އަދާކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅު ފުއްދުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ބައެއް މަސައްކަތްތައް މަޑުޖެހުނުނަމަވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.