ފަތުރުވެރިން އިތުރުކުރަން ބޭނުންނަމަ ރާއްޖޭގެ ރިސޯޓްތަކަކީ ވަކިވަކިން އޮންނަ ރަށްތަކެއްކަން ބުނެދޭންޖެހޭ: ސޯނޫ
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ބޭނުންނަމަ، ރާއްޖޭގެ ރިސޯޓްތަކަކީ ވަކި ވަކިން އޮންނަ ރަށްތަކެއް ކަން ފަތުރުވެރިންނަށް ބުނެދޭންޖެހޭ ކަމަށް ސޮނެވޭ ރިސޯޓްސްގެ ބާނީ ސޯނޫ ސިވްދާސަން ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި ސޭފް ރި-އޯޕަނިން އެންޑް ރިވައިވިންގ އޮފް މޯލްޑިވްސް ޓްރެވަލް އެންޑް ޓޫރިޒަމް" ވެބިނާގައި ސޯނޫ ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ގައުމުތަކުން ދަނީ ދަތުރުފަތުރާއި ގުޅުންހުރި އެކި ކަހަލަ އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށާއި ރާއްޖެއިންވެސް މިފަދަ އެއްބަސްވުންތަކުގެ ބޭނުން ހިފުން މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު މިހާރަށްވުރެ ބޮޑަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ކޮންސެޕްޓް އޮންނަ ގޮތް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުން މުހިއްމު ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރިސޯޓަކީ ވަކިން އޮންނަ ރަށެއް، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާއިރު އެހެން މީހުންނާއި ދިމާވާ މިންވަރު ވަރަށް މަދުވާނެ، އެފަދަ މައުލޫމާތުތައް މި ދަނޑިވަޅުގައި ފަތުރުވެރިންނަށް ކިޔާދޭން ޖެހޭ،" ސޯނޫ ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަށް ހާއްސަ އިސްކަމެއް ދީގެން ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން އަންގައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ގައުމުތަކުން ދަނީ ޓްރެވަލް ބަބުލްތައް ހަދަމުން، މިހެން ހެދީމާ ފަތުރުވެރިން ދަތުރުކުރުމަށް އެގައުމުންތަކުން ހުއްދަދޭނީ އެ ބަބުލްގައި ހިމެނޭ ގައުމުތަކަށް އެކަނި، އަދި ޗައިނާފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްމު ގައުމުތަކުން ދަނީ ފާސްޓް ޓްރެކް ޓްރެވަލް އެރޭންޖްމަންޓްސްތައް ގައުމުތަކާއެކު ހަދަމުން، ރާއްޖެއަށް މީގެ ބޭނުން ހިފުން މުހިއްމު،" ސޯނޫ ވިދާޅުވި އެވެ.
ސޯނޫ އިތުރަށް ވިދާޅުވީ ގިނަ ފަތުރުވެރިން ބޭނުން ވަނީ ޖެޓުތަކުގައި ރާއްޖެއަށް އައިސް ޕްރައިވެޓް އައިލެންޑުތަކުގައި ޗުއްޓީ ހޭދަކުރަން ކަމަށެވެ. އަދި މި ފާއިތުވީ ދުވަސްތަކުގައި ޕްރައިވެޓް އައިލެންޑުތަކުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން ގިނަ ބަޔަކު މައުލޫމާތު ސާފުކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.