ވިޔަފާރި

ދިވެހިންގެ އަވަދިނެތި ދިރިއުޅުމާއި ގުޅޭ ގޮތަށް ރިއްފަތާއި ޝިޔާޒު ގެނެސްދިން ޚިދުމަތާއި މީރު ރަހަތައް ، ''ގްރޭބް އެންޑް ގޯ"

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލެއަކީ މީހުން އަބަދުމެ އަވަދިވެ ނެތި އުޅޭ ތަނެކެވެ. ވަޒީފާ އަދާ ކުރުމާއި އަނބިދަރީންގެ ކަންކަމާއެކު ހުސް ވަގުތަކީ އަމުދުން ހޯދާލަން އުނދަގޫ އެއްޗެކެވެ. ނަމަވެސް އުފާވެރި ކަމަކީ ވަރަށް ގިނަ މީހުންނަކީ ވަގުތު ހުސްކޮށްގެން ޢާއިލީ ބައްދަލުވުންތަކާއި ރަޙުމަތްތެރިންނާއެކު ވަގުތުކޮޅެއް ހުސްކުރާ މީހުންނެވެ. ހިތްގައިމު ކެފޭތަކުގައި ޢާއިލާއާއެކު ހޭދަކޮށްލާ ނާސްތާގެ ވަގުތުތަކާއި ރަޙުމަތްތެރިންނާއެކު އޮންނަ ކޮފީގެ ވަގުތު ތަކަކީ ޔަގީނުންވެސް ''އުފެއްދުންތެރި'' އަދި އަގުހުރި ވަގުތުކޮޅެކެވެ.

Ads by Sosun Fihaara

މިފަދަ މީހުންގެ މެދުގައި މިހާރު މަޤުބޫލުކަން އުފެދުމުން އަންނަ އެއް ތަނަކީ ''ގްރޭބް އެންޑް ގޯ'' އެވެ. ޢަލީ ރިއްފަތާއި ޝިޔާޒްގެ 15 އަހަރުވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ހޭދަ ކުރި ކޮފީގެ ވަގުތު ތަކުގައި އުފަންކުރުވި ''ގްރޭބް އެންޑް ގޯ''ގެ ޚިޔާލަކީ ދިވެހީންގެ އަވަދިނެތި ދިރިއުޅުމާއި ގުޅޭ ގޮތުން ، ތަފާތު ކެއުންތަކާއި ހިތްހަމަޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ޚިޔާލެކެވެ.

ގްރޭބް އެންޑް ގޯ ފެށިގެން އައި ގޮތާއި ގުޅޭ ގޮތުން ''ދެން'' އާއި ވާހަކަ ދައްކަމުން ރިއްފަތު ވިދާޅުވީ އޭނާއާއި ޝިޔާޒްގެ ވެސް އަބަދުވެސް ވިޔަފާރީގެ ވިސްނުން ހުންނަ ކަމަށާއި ގްރޭބް އެންޑް ގޯގެ ވިސްނުމަކީ ދެމީހުންގެ ވިސްނުމުގެ ތެރެއިން އުފަންވި ޚިޔާލެއް ކަމަށެވެ.

'' ޝިޔާޒްއާއި އަޅުގަނޑާއި ދިމާވަނީ 15 އަހަރު ކުރިން ކިޔަވަން އުޅުނުއިރު ، އޭގެ ފަހުން ދެމީހުން ވެސް ދިޔައީ ރާއްޖެއިން ބޭރަށް ، ދެން ކިޔެވުން ނިންމާފައި އައިސް ކޮފީ މޭޒުތަކުގައި ވެސް ދެކެވޭ ވިޔަފާރިއެއް ކުރާ ވާހަކަ ، އެގޮތުން ރާއްޖޭގައި އޮންނަނީ ވަރަށް ހެކްޓިކް ލައިފަށް ބަލާފައި މި ޚިޔާލު ފުޅާ ކުރީ " ރިއްފަތު ވިދާޅުވިއެވެ.


ރިއްފަތުގެ ޕާޓްނަރު ޝިޔާޒް ވިދާޅުވީ މި ޚިޔާލު ތަރައްޤީ ކުރީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހުގައި ކަމަށާއި ކުރިންސުރެ ވެސް ފްރެންޗައިޒްއެއް ރާއްޖެއަށް ތަޢާރަފް ކުރަން ބޭނުންވާތީ އެކަމުގެ މުހިންމުކަން ބޮޑުވި ކަމަށެވެ. އަދި އެންމެ ކުދިކުދި ކަންކަން ފުރިހަމަ ކޮށްލުމަށް މިދިރާސާއިން ވަރަށް ބޮޑަށް އެހީތެރިވެދިން ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

''ރާއްޖޭގައި ވަރަށް ފުޅާ ވިޔަފާރިއެއް ކެފޭ ރެސްޓޯރެންޓް ވިޔަފާރިއަކީ ، އެހެންވެ އަޅުގަނޑުމެން ބޭނުންވީ ތަފާތު ކަމެއް ގެންނަން ، އެހެންވެ ފްރެންޗައިޒްއަކަށް ދިޔުމަށް ބޮޑަށް ވިސްނީ" މަންޑަލާގެ ރާއްޖޭގެ ފްރެންޗައިޒް ގްރޭބް އެންޑް ގޯ ގެ ކާމިޔާބު ވިޔަފާރިއާއި ގުޅޭ ގޮތުން ޝިޔާޒް ވިދާޅުވިއެވެ.

މަންޑަލާއާއެކު ގްރޭބް އެންޑް ގޯގެ އެންމެ ސަމާލުކަން ދޭ ކަމަކީ އެތަނުން ވިއްކާ ތަކެތި ކޮލިޓީ ކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެގޮތުން ކަސްޓަމަރުން އެކަން ބަލައިގަންނާތީ ޚާއްޞަ އުފަލެއް ލިބޭކަމަށް ޝިޔާޒް ވިދާޅުވިއެވެ.


''އަޅުގަނޑުމެން ބެލީ އަޅުގަނޑުމެން ވިއްކާ ޕްރޮޑަކްޓް ވީހާވެސް ބޮޑަށް ކޮލިޓީ ކުރަން ، އެގޮތަށް ބަލާފައި ބަން ވެސް ހުންނާނީ ޕްރިމިއަމް ކޮލިޓީއެއްގައި ޚާއްޞަކޮށް ހައްދާފައި ، ވަރަށް އުފާވޭ އަސްލު ރިޕީޓެޑް ކަސްޓަމާސް އައިސްފައި މީރު ވާހަކަ ބުނީމާ ވަރަށް އުފާވޭ ، އޭގެ އިތުރުން ސްޓާފުން ވަރަށް ބޮޑަށް ޓްރެއިންކުރަން ހޮސްޕިޓަލިޓީގެ ދާއިރާއިން'' ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގަންނަކަން ފާހަގަ ކުރަމުން ޝިޔާޒް ވިދާޅުވިއެވެ.


ފުޅާވަމުން އަންނަ ގްރޭބް އެންޑް ގޯގެ ހަތަރު އައުޓްލެޓެއް މިހާރު މާލޭގައި ހުރެއެވެ. އެއީ މަޖީދީމަގުގައި ހުންނަ ގްރޭބް އެންޑްގޯ އަދި މެގަބައިޓް ގެ އިތުރުން އިންޑިއަން ކެއުމަށް ޚާއްޞަ ޑޮލްޗޭ ވިޓާ ގެ އިތުރުން ދުޅަހެޔޮ ކާނާއަށް ޚާއްޞަކޮށްގެން ހެމާރ ޖިމްގައި ހުންނަ ގްރޭބް އެންޑް ގޯ އެވެ.

އެކައުންޓިންގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ ރިއްފަތުއާއި މާކެޓިން ދާއިރާއިން ކިޔަވާ ވިދާޅުވި ޝިޔާޒުގެ ގްރޭބް އެންޑް ގޯގެ މި ވިޔަފާރިއަކީ ޒުވާން ވިޔަފާރި ވެރިންނަށް ވެސް އަދި ޚާއްޞަކޮށް އަލަށް ވިޔަފާރި ފަށަށް ބޭނުންވާ ޒުވާނުންނަށް ވެސް ރަނގަޅު ނަމޫނާއެކެވެ. އިންޓީރިއާ ވެސް ރީތި ގްރޭބް އެންޑް ގޯގެ ހުރިހާ މަސައްކަތަކީ ޝިޔާޒްއާއި ރިއްފަތުގެ އަމިއްލަ އަތުން ކޮށްފައިވާ މަސައްކަތްތަކެވެ.

''އަޅުގަނޑުމެން ބަޔަކާއި ވާހަކަ ދެއްކީމާ އެމީހުން ބުނީ ފުރަތަމަ އެއްލައްކަ ރުފިޔާ ދިނީމައޭ މަސައްކަތް ފަށާނީ ވެސް ، ދެން އަޅުގަނޑުމެން ނިންމީ އަމިއްލައަށޭ ކުރާނީ ހުރިހާ ކަމެއް ވެސް ، އެހެންވެ ރާނާ ސިމެންތި ޖެހުމާއި ކަރަންޓް ވައިރުގެ އިތުރުން މޭޒު ޖެހުން ވެސް ހުންނާނީ އަޅުގަނޑުމެން ދެމީހުން ކޮށްފައި" އަމިއްލައަށް ނުކުރެވޭނެ ކަމެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ފާހަގަ ކުރަމުން ޝިޔާޒް ވިދާޅުވިއެވެ.


ގްރޭބް އެންޑް ގޯ އިން ދަނީ މި ޙާލަތާއި ގުޅިގެން ކަސްޓަމަރުންނަށް ޑެލިވަރީއާއި ޓޭކްއަވޭގެ ޚިދުމަތް ދެމުންނެވެ. އަދި ފުރަބަންދު ނިމުމުން ޢާއިލާއާއި ރައްޓެހިންގެ ނާސްތާތަކަށް ފުރިހަމަ ޚިދުމަތްތަކާއެކު ތަފާތު މީރު ކެއުންތައް އަރުވައިދިނުމަށް ގްރޭބް އެންޑް ގޯއިން ތިބީ ތައްޔާރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!