ޚަބަރު

"ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ލިބޭ، ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓެއް"

ދެން އެމްވީ ، ދެން އޮންލައިން

ކ. ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލަ ޕްރޮޖެކްޓެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެއެވެ.

އެކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާޔަށް ބޮޑު، ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ/އިޖުތިމާއީ ނަފާ ހީނަރު ކުރުވާ، ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި އަދި މިދަނޑިވަޅު މާލީގޮތުން ދެކޮޅު ނުޖެހޭ، އެހެނަސް ހިއްކާ ބައިގަނޑާ ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ޕްރޮޖެކްޓެއް ކަމަށެވެ.

"ގުޅީ ފަޅު ހިއްކަން ބޭނުންވާ 20 މިލިޔަން ކޮޑި މީޓަރުގެ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން. އެކަން އެމަގުން ނުހިނގާނެ ކަަަމަށް އުއްމީދުކުރަން." އަލީ ހުސައިން ވިދާޅުވިއެވެ.

އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބޭތީ އާއި އެކަމުގައި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އެ މައްސަލަ ބަލަން މަޖިލީހުގެ ތިމާވެށި ކޮމިޓީއިން ނިންމާފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެެ.

އެ މައްސަލައާ ގުޅިގެން ހޯދަން ޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އިދާރީ މޭޒުން ކުރަމުންދާ ކަމަށް މަޖިލީހުން ބުންޏެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު، އެންވަޔަރަމެންޓް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީއާއި، އީޕީއޭއާއި، ގުޅީފަޅު މަޝްރޫއުގެ އީއައިއޭ ކޮންސަލްޓެންޓުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަަށް މަޖިލީހުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!