ހިޔާ މަޝްރޫޢުގެ ފްލެޓުތައް ޖުލައި މަސް ނިމޭއިރު ހަވާލުކުރަން ފަށަނީ

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގާއިމްކުރި "ހިޔާ" މަޝްރޫޢުގެ ފްލެޓުތައް އަންނަ ޖުލައި މަސް ނިމޭއިރު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ފްލެޓުތައް ހަވާލު ކުރުން ލަސްވެފައި ވަނީ ހާލަތު ބެލުމުގެ ކަންތައްތަކުގައި ލަސްތަކެއް އުޅުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކަ ކޮމެޓީގައި ވާހަކަ ދައްކަމުން މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.
މީގެއިތުރުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މިފްލެޓުތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ކުރަމުން އަންނަ މަސައްކަތް ކޮވިޑް19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ، މަސައްކަތް ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް ކަމަށެވެ. ނަމަވެސް އެމަސައްކަތްތަށް އަލުން މިހާރު ފެށިފައިވާ ކަމަށް ވެސް މިނިސްޓަރ އާތިފާ ވިދާޅުވިއެެވެ.
"އަޅުގަނޑު އެކްސްޕެކްޓް ކުރަން ހުޅުވިގެން އިރާދަ ކުރެއްވިއްޔާ މަސައްކަތް ފަށައިގަނެވިއްޖެއްޔާ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭނެ ކަމަށް" މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަގީންކަން، މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ.