ކޮވިޑަށް ޓެސްޓްކުރުމުގެ ހުއްދަ އައްޑޫ އެއިމްސް އަށް ނުދިން
ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހުއްދަ ހޯދަން އައްޑޫ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އެދުމުން، އެ ހުއްދަ ނުދޭން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
އެއިމްސް އަދި ހެޕީ މާކެޓްގެ މެނެޖިން ޑިރެކްޓަރު ރިޓަޔާޑް އަލީ އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހުއްދަ އަށް އެދުމުން އަނގަ ބަހުން އެ ހުއްދަ ދެވެން ނެތްކަން ހެލްތް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ކްލިނިކުން އެ ހިދުމަތް ދިނުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއިމްސްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތް ހެދުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންދާކަން އިހުސާން ޓްވިޓާގައި އިއުލާންކުރެއްވީ މިދިޔަ މަހުގެ 28 ގަ އެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ އެއިމްސްގައި ގަޑިއަކު 36 ސާމްޕަލް ޓެސްޓްކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.
ރާއްޖޭގައި އަދި މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރަމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެެވެ.