ދީން

"ދީނުގެމަގު" : އިސްލާމްދީނުގެ ޢިލްމާއި މުހިންމު ދަރުސްތައް ހިމެނޭ ފައިދާހުރި މަޖައްލާއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

“ދީނުގެމަގު" މިއީ އިސްލާމްދީނުގެ ޢިލްމު، ދިވެހި ފަސްގަނޑުގައި ފެތުރުމުގެ މަތިވެރި މާތް މަޤްޞަދުގައި ޝާއިޢު ކުރެވެމުން ދިޔަ ހަފްތާ މަޖައްލާއެކެވެ. މިމަޖައްލާގައި އިސްލާމްދީނުގެ އާންމު މައުލޫމާތުތަކާއި، ފިލާވަޅުތައް ނުހަނު ސަރީޙަ އިބާރާތުން، ކޮންމެ އުމުރުފުރާއަކަށް ވެސް ވިސްނޭނޭ ފަދައިން ހިމަނާފައިވެއެވެ.

Ads by MWSC

މިމަޖައްލާ ޝާއިޢުކޮށް ރާއްޖޭގެ މުސްލިމު އަޚުންނާއި އުޚްތުންނާއި ހިއްސާ ކުރުމުގެ މާތް މަޤްސަދަކީ، ރައްޔިތުންނަށް ދީނީގޮތުން އައު ދަރުހަކާއި، އިރުޝާދެއް ކޮންމެ ހަފްތާއަކު ފޯރުކޮށްދިނުމެވެ.

މި މަޖައްލާ ފަރުމާ ކުރެވިފައި ވަނީ މުހިންމު މައުޟޫޢުތަކަށް ކުރު މަޒުމޫނުތަކެއް ހިމަނައިގެންނެވެ. ފަސޭހައިން ވިސްނޭހެން ސާދާ ޢިބާރާތުން ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވޭތޯ މި މަޖައްލާގެ ލިޔުންތެރިން ވަރަށްބޮޑަށް ބައްލަވާފައިވެއެވެ.

"ދީނުގެމަގު" މިނަމުގައި އެންމެ ފުރަތަމަ މަޖައްލާއެއް ޝާއިޢު ކޮށްފައި ވަނީ ދިވެހި ދައުލަތުގެ ފަރާތުންނެވެ. އެއީ، 1987ން 2008އަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހު ނެރުނު ހަފްތާ މަޖައްލާއެއްގެ ގޮތަށެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ އިސްލާމީ ދަޢުވަތުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ބަހަމުންގެންދެވި "ދީނުގެމަގު" ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް އޭރު ވަނީ ފޯރާފައެވެ. އަދި ކިއެއްތަ، މިމަޖައްލާއަކީ އެއިރު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ކިޔުމަށް ޝައުޤުވެރިކަން ބެހެއްޓި، ނޫންނަމަ އެކުދިންގެ މައިންބަފައިން ލައްވާ ކިޔުއްވި މަޖައްލާއެއްކަން ވެސް ފާހަގަވެއެވެ.

އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތް ކުރުން އެއީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުން ޖެހިފައިވާ ކަމެކެވެ. ވަކީން ޚާއްޞަ ގޮތެއްގައި ދިވެހި މުޖްތަމަޢަށް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިއްމުކަން މިއަދު ވަކިން ކުޑައެއް ނޫނެވެ.

މިރާއްޖޭގެ ހީވާގި ޢިލްމުވެރިން މިހާރުވެސް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތާއި ދީނުގެ ދަޢުވަތު ފަތުރުއްވަން ނުހަނު ބުރަކަމާއެކު، އެކަމަށް އެންމެ އެކަށީގެންވާ ގޮތްގޮތުގައި، މަސައްކަތްޕުޅުތަކެއް ކުރައްވައެވެ.

"ދީނުގެމަގު" މަޖައްލާއަކީ ވެސް އެ ސިލްސިލާއަށް އިތުރު ކޮށްލެވޭ ކުޑަ ބޮޅެކެވެ.

މި މަޖައްލާ ދެވަނަ ފަހަރަށް ވުޖޫދު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުން ނުހަނު އުފަލާއެކު މިމަޖައްލާ ނެރުއްވާ ޓީމުން ފާހަގަ ކުރައްވައެވެ. އަދި އެ މުވައްސަސާތަކުން މިކަމުގައި އުޅުއްވި ކޮންމެ މުވައްޒަފެއްގެ ވެސް މޫނު މަތިން ވެސް ފެނިފައި ވަނީ ހިނިތުންވުމާ އުފާވެރިކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ހޯމް މިނިސްޓްރީގެ ދަފްތަރުން 2019/2203ވަނަ ރަޖިސްޓްރީ ނަމްބަރުގައި މި މަޖައްލާ ޖާގަހޯދީ 2019ވަނަ އަހަރު ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. އަދި މިއަދު "ދީނުގެމަގު" މިވަނީ އައު ދަތުރަކަށް މިސްރާބު ޖަހާފައެވެ.

މާލޭ ސަރަޙައްދާއި، އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ވެސް "ދީނުގެމަގު" މަޖައްލާ މުޅިން ހިލޭ ބަހާއިރު، ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ އެހެން ރަށްތަކުގައި ވެސް މިމަޖައްލާ ހިލޭ ބެހުމުގެ މަސައްކަތް "ދީނުގެމަގު" ގެ ހީވާގި ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ދީނުގެމަގު" މަޖައްލާ ޝާއިޢުކުރަން ފުރަތަމަ ކަނޑައެޅި ތާރީޚަކީ 3 ޖަނަވަރީ 2020އެވެ. އެހެނަސް ދުނިޔޭގެ މަޝްރަޙަށް އައި ލޮޅުމުގެ އަސަރު މި މަސައްކަތައް ވެސް ކުރުމުން، މާތް ﷲ ގެ އިރާފުޅާއެކު، ލިޔުުންތެރިންގެ އައު ހިތްވަރުން މިމަޖައްލާ އަލުން ވުޖޫދަށް ގެނެވިފައި މިވަނީ މިއަދު 8 ޖަނަވަރީ 2021ގައެވެ.

އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާއަކީ މި މަސައްކަތްތަކީ މާތް ﷲ ރުހިވޮޑިގަންނަވާ މަސައްކަތެއް ކަމުގައި ވެގެންދިއުމެވެ. އަދި މިކަމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، މިއީ ޞަދަޤަ ޖާރިއާއެއް ކަމުގައި ވެގެން ދިއުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!