ޚަބަރު

ރާއްޖޭގެ ފްރަންޓްލައިން ވޮލިންޓިއަރެއް ދުލުން: 3 ހަފްތާ ވަންދެން މަސައްކަތްކުރިއިރު ޝުކުރު އަދާކުރީ އެންމެ މީހެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ފައްސިވާ މީހުންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ، މިއާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުހިންމުކަން ގިނަ ބަޔަކަށް އިހްސާސް ކުރެވެން ފެށުނެވެ. ރާއްޖޭގައި މިހަލަ ބަލިމަޑުކަމަކަށް ފަރުވާ ދިނުމަށް އެކަށީގެންވާ މިންވަރަށް ސިއްހީ ހިދުމަތްތެރިން ނެތްކަން އެނގުނެވެ. ހާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އަދަދު ބޭނުންވާ މިންވަރަށް ވުރެ ދަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

އެހެންކަމުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މެޑިސިންނާއި ޑޮކްޓަރުކަން ކިޔަވަން އުޅޭ ދަރިވަރުން ރާއްޖެ ގެނެސް، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ދިނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ވޮލަންޓިއަ ކޮށް މި މަސައްކަތަށް ނިކުމެފައެވެ.

"ޑޮކްޓަރ.އެމްވީ" ގައި ޝާއިރު ކޮށްފައިވާ އެފަދަ ވޮލަންޓިއަރެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. މޯލްޑިވްސް ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ބެޗުގައި ތައުލީމު ހާސިލް ކުރަމުންދާ އަސްރާ އިސްމާޢީލް ވަނީ އޭނާ ފްރަންޓްލައިންގެ ތަޖުރިބާ އެ ނޫހާ ހިއްސާ ކޮށްފައެވެ.

އުމުރުން 23 އަހަރުގެ އަސްރާ ބުނީ އޭނާ ފްރަންޓްލައިންގައި ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވި ތިން ހަފްތާއެއްހާ ދުވަހު ގިނަ ކަންތައްތަކެއް ދަަސްވެ ގިނަ ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ.

އަސްރާ ބުނީ ވޮލިންޓިއާކޮށް ސާމްޕަލް ނެގުމުގައި އޭނާ ހަރަކާތްތެރިވެފައި ވަނީ މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ކަމަށާއި އާއްމުގޮތެއްގައި ޕީޕީއީގައި އުޅެންޖެހުނު ނަމަވެސް ރެންޑަމް ސާމްޕަލް ނެގުމަށް ހަޒްމަޓް ސޫޓް ލައިގެން ވެސް އުޅެންޖެހޭކަމަށެވެ.

ހަޒްމަޓް ސޫޓް ފަރުމާކޮށްފައިވާ ގޮތުން ހަށިގަނޑުން ތަނެއް ކަހާލަން ބޭނުންވިޔަސް ކަހާވެސް ނުލެވޭ ކަމަށާއި، އެއީ ވަރަށް ހިތަށް އުނދަގޫވި ތަޖުރިބާއެއްގެ ގޮތުގައި އަސްރާ ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ ބުނީ ބައެއް ފަހަރު ރޯދައަށް ހުރެ ސިޑިން ހަ ވަނަ ފްލޯއަށްވެސް އަރަންޖެހޭ ކަމަށާއި އެމްބިއުލާންސްގައި ދަތުރުކުރިޔަސް، ރެންޑަމް ސާމްޕަލް ނަގާއިރު، ގިނަފަހަރު އުޅެންވެސް ޖެހޭނީ ހިނގާފައި ކަމަށެވެ.

"ރޯދަ މަހު ހާރުވެސް ނުކައި، ދަންވަރު ގަޑީގައި ސާމްޕަލް ނަގަން ދިޔަ ގެއަކުން ސާމްޕަލް ނަގާ ނިންމާފައި އަޅުގަނޑުމެން ތެންކިއުއޭ ބުނީމަ، ސާމްޕަލް ދިން ބޭފުޅާ ވިދާޅުވި ތިމަންނަ މެންނޭ ހަގީގަތުގައި ތެންކިއު ބުނަންވީ. ޤައުމަށް ތިކޮށްދޭ ކަންތައްތަކަށް ވަރަށް ބޮޑަށް ތެންކިއުއް" އަސްރާ ބުންޏެވެ.

އަސްރާއާ އެކު އެ މަސައްކަތުގައި އުޅުނު އެހެން ކުދިންނާ ހިލާފަށް އަސްރާ ދިރިއުޅެމުންދިޔައީ އޭނާގެ ފިރިމީހާ އާއެކު ވަކިންނެވެ. މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ފުރުސަތު އޮތުމުން މަސައްކަތުގައި އުޅެފައި ގެއަށް ދާއިރު، ހިތަށް އުނދަގޫވެ، ހިތުގައި ބިރުވެރިކަން އޮންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ސާމްޕަލް ނަގާ ނިންމާފައި ފެންވަރައިގެން ގެއަށްވެސް ދަނީ. އެކަމަކުވެސް ފުރަތަމަކޮޅު ވަރަށް ޖެހިލުންވި." އަސްރާ ބުންޏެވެ.

އަސްރާ ބުނީ ވޮލިންޓިއާ ކުރުމުގައި ރާއްޖޭގެ މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ މެޑިކަލް ސްކޫލްގެ ޑީން ޑރ. ޝީޒާ އަލީ އެވެ. އެގޮތުން އޭނާ ވަނީ ގަވާއިދުން ވޮލިންޓިއާ ކުދިންގެ ހާލު ބައްލަވައި ހިތްވަރު ދެއްވާފައި ކަމަށް އަސްރާ ބުންޏެވެ.

މެޑިސިން ސްކޫލްގެ ކްލާސްތައް އޮންލައިންކޮށް އަލުން ފެށުމާއެކު އަސްރާ މިހާރު ހުރީ ކިޔެވުމަށް އެއްކޮށް ވަގުތު ހުސްކޮށްގެންނެވެ. އެހެންނަމަވެސް އަދިވެސް ހިދުމަތުގައި ދެމިހުންނަން ބޭނުންވާކަމަށް އަސްރާ ވަނީ ބުނެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!