ލ. ގަމު މަސްވެރިންނަށް މިރެއިން ފެށިގެން މަހަށް ދިއުމުގެ ހުއްދަ ދީފި

ލ. ގަމު މަސްވެރިންނަށް މިރެއިން ފެށިގެން މަހަށް ދިއުމުގެ ހުއްދަދެވިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ލ އަތޮޅު ފޮނަދޫން ކޮވިޑު-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ފޮނަދޫއާއި އެރަށާ ގުޅިފައިވާ ގަމަށް އަރައިފޭބުން މަނާކޮށް ރަށް މޮނިޓަރިންގް ގެ ހާލަތަށް އިއްޔެ ވަނީ ގެނެސްފައެވެ.
އެހެންނަމަވެސް މިރެއިން ފެށިގެން ގަމުގައި ދިރިއުޅޭ މަސްވެރިން މަހަށް ދިއުމަށް ހުއްދަ ދޫކުރެވިފައިވާކަމަށް ލ. ގަމު ކައުންސިލުން ވަނީ އަންގާފައެވެ. މަހަށް ދިއުމުގެ ހުއްދަ ދޫކުރެވުނު ނަމަވެސް އެހެން ރަށަކަށް އޮޑި ނުވަތަ ދޯނި ބަނދަރު ކުރުމަކީ މަނާކަމެއް ކަމަށާއި، މަހަށް ފުރުމުގެ ކުރިން އެރަށު ކައުންސިލްގެ ހޮޓްލައިނަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ގަމު ކައުންސިލުން ވަނީ އެދިފައެވެ.
ފޮނަދޫ ކްލަސްޓަރއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫގެ އިތުރުން އެ ރަށާ އެއްފަސް ވެފައިވާ ގަން ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް އިއްޔެ އެޗްޕީއޭ އިން ވަނީ ބުނެފައެވެ.