ރިޕޯޓް

މާފަރު އެއަރޕޯޓުގެ ރަންވޭ ހެދުމަށްފަހު ބާކީވެފައި ހުރި ތާރުތައް މުޅި ބޮޑުމަގަށް ފައިބަނީ: ރައްޔިތުންގެ ކަންބޮޑުވުން

  • މާފަރު އެއަރޕޯޓަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބިޒީ އެއަރޕޯޓު
  • ތާރުތައް ވަނީ މީހުންގެ ގެވަޅުތަކަށް ވެސް ފައިބައިފަ
  • މިމައްސަލައާ ގުޅިގެން ކައުންސިލުގެ ބަސް
  • ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް
މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނ. މާފަރު އިންޓަރނެޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފަހު ރާއްޖޭގައި މިހާރު އޮތް އެންމެ ބިޒީ އެއަރޕޯޓެވެ. މި އެއަރޕޯޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީއިން ހަދައިފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު ތަރައްގީ ކޮށްފައިވަނީ، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ " އޭ320 " އާއި " ބޮއިންގ737 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށެވެ.

Ads by STELCO

މާފަރު އެއަރޕޯޓުގެ ރަންވޭގެ ދިގުމިނަކީ، 2200 މީޓަރެވެ. އަދި ފުޅާ މިނަކީ 40 މީޓަރެވެ. މި އެއަރޕޯޓަށް ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް 60 ހަކަށް ޖެޓު ޖައްސައެވެ.

ދާދި އިހަކަށް ދުވަހަކު މީސްމީޑިއާގެ އެކި މަންސަ ތަކުގައި ދައުރު ވަމުން ދިޔަ ފޮޓޯތަކާއި ވީޑިއޯތަކަކީ، މާފަރު އެއަރޕޯޓު ތަރައްގީ ކުރުމަށްފަހު އިތުރުވެފައި ހުރި، ތާރުތައް ބަހައްޓައިފައިވާ ސަރަހައްދަށް އެ ތާރުތައް ފައިބައިފައިވާ މަންޒަރެވެ. މާފަރުގެ ބައެއް ރައްޔިތުން މި ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށް ބުނެފައިވަނީ، މިކަމާ ޒިންމާވާނެ ފަރާތެއް ނެތް ކަމަށެވެ.

"ދެން"އާ ވާހަކަ ދައްކަމުން މާފަރުގެ ރައްޔިތަކު ބުނެފައިވަނީ މި ތާރުތައް ހުރީ ކައުންސިލާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެތާރުތައް އެތަނުގައި ހުންނަތާ އެތައް ދުވަސްތަކެއް ވެފައި ވާކަމަށާއި، މިހާރު އެތާރުތައް އެ ސަރަހައްދުގެ ބޮޑުބަޔަކަށް ދިޔާ ވެގެން ފައިބައިފައިވާ ކަމަށެވެ. އަދި ރަށުުގެ ބޮޑު މަގަށާއި، ބައެއް ފަރާތްތަކުގެ ގެވަޅުތަކަށް ވެސް މިތާރުތައް އެޅެމުން ދާކަމަށް އޭނާ މައުލޫމާތު ދެއެވެ.

މީގެއިތުރުން މިތާރުތަކުގެ ތެރޭގައި ކަކުންޏާއި އެނޫންވެސް ދިރޭތަކެތި ތާށިވެ މަރުވެފައިވާ މަންޒަރު ފެންނަ ކަމަށާއި، މިކަމުގެ ސަބަބުން ތިމާވެއްޓަށް ވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ބުނީ، އެ ތާރުތަކަކީ ކައުންސިލުން ހަވާލުވެފައި ހުރި ތާރުތަކެއް ކަމުގައެވެ.

އަދި އެތާރުތައް ނީލަން ކިޔުމުގެ ގޮތުން މީގެ ކުރިން ގެޒެޓު ކޮށް ބަޔަކު އެތާރުތައް ގަތުމަށް ޓަކައި އަގު ހުށަހަޅައިފައި ވީ ނަމަވެސް ކޮވިޑާ ގުޅިގެން ފަހުން ނުގަންނަ ގޮތަށް ހަމަޖެހި، މިހާރު އެމްޓީސީސީ އާއި ގުޅިގެން އެ ތާރުތައް ރަށުން ބޭރުކޮށް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މާޖިދު މިހެން ވިދާޅުވެފައިވާއިރު، އެ ތާރުތައް ނީލަން ކިޔުމަށް 2 ފަހަރެއްގެ މަތިން ގެޒެޓުކޮށްފައި ވެއެވެ. އަދި އެ އިއުލާނުތައް މިހާރު ވެސް ގެޒެޓުުގައި ފެންނާން އެބަ ހުއްޓެވެ.

އިޢުލާން 1

އިޢުލާން 2

މާފަރު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 1026 ފީފާ ތާރު ނީލަން ކިޔުމަށް އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން 27 އޯގަސްޓް 2020 ގައި ވެސް މި ތާރު ފީފާތައް ނީލަން ކިޔުމަށް ކައުންސިލުން އިއުލާން ކޮށްފައިވެއެވެ. މިދެ އިއުލާނުގައި ވެސް އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ތާރުތައް ވިއްކާލެވޭނެ ކަމަށް ބުނެފައިވެއެވެ.

މިއަދު މާފަރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ތާރުތައް ވިއްކާނުލެވި އެތަނުގައި ހުރުމެއް ނޫނެވެ. ތާރުތައް ބަހައްޓައިފައިވާ ހިސާބަށް އެތާރުތައް ފައިބަމުން ދާތީ، އެކަންބޮޑުވުމެވެ. މާފަރު ރައްޔިތުންގެ އުއމީދަކީ މާފަރު ކައުންސިލާއި، ކަމާ ބެހޭ އެހެން ފަރާތްތައް ވެސް ގުޅިގެން މިކަމަށް އެންމެ އަވަސްވީ ގޮތެއްގައި ހައްލެއް ހޯދައިދިނުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!