ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެމީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 20 އަހަރާއި 18 އަހަރުގެ ދެ ދިވެހިންނެވެ.
މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖެނުވަރީ މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ނައިފަރު ބަނދަރު ސަރަހައްދުންނެވެ.
މާލެއިން ފުރައިގެން ނައިފަރަށް އައި ދޯންޏަކުން އެރަށަށް ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް އެދެމީހުން ހުއްޓުވައި، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގު ކުރަމުންނެވެ.