ގަވާއިދުން އެތެރެވެގެން ނުގަވާއިދުން އުޅޭ "ބޮންދުން"ގެ އުނދަގޫ މާބޮޑު
ބަނގަލާދޭސީންގެ ވާހަކަ މިހާރު ވަރަށް ބާރަށް އެބަދެކެވެއެވެ. މިމައުޟޫޢުގައި ލައްކަ ވާހަކަ އަޅުގަނޑަށް ވެސް ލިޔެވިއްޖެއެވެ. ބިދޭސީންގެ ކިރުފެލާ ގެރިއަކަށް ރާއްޖެ ހަދައިގެން އުޅޭ ވާހަކައިން ފެށި މިސިލްސިލާ ލިޔަމުން މިގެންދަނީ ހުއްޓާ ގޮތަކަށް ނޫނެވެ. ކޮޅެއްގައި ޖެހި މައްސަލަ ހައްލުވަންދެން މިވާހަކަ ދައްކާށެވެ. އުފާވާކަމަކީ ރާއްޖޭގެ މާސް މީޑިއާގެ ސަމާލުކަން ކޮވިޑް19 އާއި އެއްވަރަށް ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ފޯކަސްވެފައި ވާތީއެވެ. މީސްމީޑިއާގެ މައިގަނޑު އެއް ވާހަކައަކަށް މިވާހަކަ ވެފައިވާތީއެވެ. މިކަން ހައްލުނުކޮށް ފިނި ކޮޓަރީގައި ސަރުކާރުގެ ވެރިން ގޮނޑިހޫނުކުރަން ނުތިބެވޭ ވަރަށް ސަމާލުކުރުވަން މަސައްކަތް އެއްވާނެއްގައި ކުރެވޭތީއެވެ.
ބިދޭސީ މަސައްކަތު މީހުންނާއި ގުޅުވައިގެން ހައްތަހާވެސް އިވެނީ ޤަވާާޢިދާއި ޚިލާފަށް އުޅޭމީހުންގެ ވާހަކައެވެ. ޤަވާޢިދާއި އެއްގޮތަށް ހުރިހާކަމެއް ފުރިހަމަ ކޮށްގެން އައިސް އުޅޭމީހުންގެ ފަރާތުން ދިވެހިންނަށް ޖެހޭތަކުލީފާ ލިބޭގެއްލުމުގެ ވާހަކައެއް މަދުންނޫނީ ނީވެއެވެ. ހައްދެއް ނެތްވަރުގެ ބޮޑެތި ޖަރީމާ ހިންގުމާއި ގެއްލުން ދިނުމުގައި މިދެންނެވި ބައިގަނޑުގެ އުނދަގުލެއް ވަކިން ކުޑައެއް ނޫނެވެ. ދޭގެއްލުމެއް ވަކީން ސަހަލެއް ނޫނެވެ. އެހެންކަމުން ހުއްދަ ލިބިގެން ގަވައިދުގެތެރެއިން އައިސް އުޅޭ މީހުންނާ މެދުވެސް ޣާފިލުވެގެން ތިބެވޭކަށް ނެތެވެ. ހީލަތްތެރިކަމާއެކު އެތައް ވިޔާފާރިއެއް ބަނގުރޫޓުކޮށް އެތައް ޢާއިލާއެއް ރޫޅައިލުމުގައި ބޮންދުންގެ ދައުރު ވަރަށްވެސް ފުޅަލެވެ. މިކަންކަމުގައި އަރާ ތިބެނީ ހުއްދަލިބިގެން އައިސް ވަތުބަތާނަޔަށް ވަދެތިބޭ "ބާއީން"ނެވެ. ބިދޭސީ މަސައްކަތު މީހުންގެ ވާހަކަ ދައްކާއިރު މިބައިމީހުންގެ ވާހަކަވެސް ނުދައްކާ ތިބެވޭކަށް އަމުދުން ނެތެވެ.
ފިހާރަތަކާއި މަސައްކަތު ސައިޓުތަކާއި ގޭގެއާއި ހަމަޔާ އުސޫލުގެތެރެއިން ގެންނަ ބޮންދުންގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. ޤަވާޢިދުން ބޭރުމީހަކު ގެނައުމަށް ވަޒީފާ ދޭފަރާތުން ބޮޑެތި ތަކުލީފްތަކެއް އުފުލައެވެ. އެޖެންސީން ބުނާވަރަކަށް ފައިސާދެއެވެ. ސަރުކާރަށް ދައްކަންޖެހޭ ޑިޕޮސިޓް ދައްކައެވެ. ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންނާއި ބޭރުން ކުރަންޖެހޭ ހުރިހާކަމެއް ނިމި ބޮންދު މީހާ އަތުޖެހޭއިރު އޮންނަނީ ދެވަރުން އެއްވަރުވެފައެވެ. މައްސަލައެއް ނެތްތާއެވެ. ބިދޭސީ މަސައްކަތު މީހަކު ލިބުމުން ވާނެ ފައިދާއާއި ލުއި ބޮސްއަށް އެބަފެނެއެވެ. ކެއުމާއި ބުއިމާ ބޭސްފަރުވާއާއި އަހަރީ ޓިކެޓާއި ދަތުރު ޚަރަދު ދީގެންވެސް ބޮންދުން އެބަ ގެންގުޅެން ޖެހޭ ވިއްޔާއެވެ. އެމީހުންތިބުމުން މަސައްކަތަށް ހާދަ ފަސޭހައެވެ. ވަރަށް ހޭލާ ހުރެ ބޮސް އަތުންފައިން ކަމެއް ނުކުރާވަރަށް ބޮންދު ޒިންމާތައް ނަގައެވެ. ހީވާގިކަމާއި ޒިންމާދާރުކަމުން ބޮސްއަށް ދުނިޔެ އޮޅުވާލައެވެ. ބޮސްގެ އިތުބާރު ހޯދައެވެ. ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނާއި މަސައްކަތަށް ރަނގަޅުކަމުން ތިންހަތަރު މަހުގެ މުސާރަ އެޑްވާންސްކޮށް ހޯދައެވެ. އޭރު އަނެއް ކޮޅުން މޮޅު އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ބޮސްއަށް ދޮންކަޅު އަންގާ ނުލާ ކުރަމުން ދެއެވެ. ރަނގަޅަށް ފެނަށް ދިރި މަގުތައް ހުޅުވުމުން ފިލައި ރައްކާވެއެވެ. ބޮސް އެނގޭނީ މަސައްކަތު ނުނިކުމެގެން ގުޅާއިރު ނުގުޅުނީމައެވެ. ޚަބަރު ބަލާއިރު ބަހައްޓާފައި ހުންނަތާ ބޮންދެއް ނުހުރެއެވެ. އެކީގައި ނިދާ އެހެން ބޮންދުންނަށް ވެސް ރަންފުތު ބޮންދު ދިޔައިރެއް ދިޔަތަނެއް އެނގޭ ކަމަކަށް ނުވާނެއެވެ.
ފުލުހަށާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރިޔަސް ފިލި ބޮންދު ހޯދައެއް ނުދެވެއެވެ. ހޯދާނުދެވޭތާ އެ ބޮންދުގެ ބަދަލުގައި ބޮންދަކު ގެންނާނެ ކޯޓާއެއް ވެސް ނުލިބެއެވެ. ދެއްކި ޑިޕޮސިޓް ފައިސާ ވެސް ނުލިބެއެވެ. ފިލި ބޮންދު ހޯދައިގެން ނުގެންނަހާ ދުވަހަކު މީހަކު ނުގެނެވޭތާ ޑިޕޮސިޓް ފައިސާކޮޅު ވެސް ނުލިބި ގަވާއިދުން އުޅެ ޖެހެނީ ހަން ކެނޑޭށެވެ.
މިފާޑުގެ އެހެން ވާހަކައެކެވެ. ފިހާރަ ފިހާރަޔަށް ގެނެސްގެން އުޅޭ ބޮންދުން ގެ ވާހަކައެކެވެ. ކުނިކަހާ މުދާ އަތުރާ ހަދަން ގެނައި ބޮންދުގެ އިތުބާރު ބޮޑުވެގެން ގޮސް ފައިސާ ކައުންޓަރަކީ ބޮންދުގެ އެއްޗަކަށް ވެއެވެ. ގެންނާނެ މުދަލާއި މުދާ ވިއްކާނެ އަގާއި ލިބޭފައިސާ ބެލެހެއްޓުމާއި ޓެކްސާއި ދައްކަން ޖެހޭތާކަށް ފައިސާ ދެއްކުމަކީ ބޮންދުބާއީގެ އިޚްތިޔާރުގައި އޮންނަ ކަމަކަށް ހަދާލައެވެ. ވެރިޔަކީ ބޮންދުބާއީއޭ ހީވާވަރަށް ބޮސް ހުންނަނީ ބާއީގެ ދަށުވެ ނިމިފައެވެ. ވާނީ އެހެންތާއެވެ. ބޮސްއަށް ކުރަން ޖެހޭކަމެއް ނޯވެއެވެ. ގޭތެރޭގެ ކަންތައްތަކާއި ދަރިންގެ ކަންތައްތަކާއި ދައްތަގެ ހުރިހާކަމެއްވެސް ބަރާބަރަށް އަކުރުން އަކުރަށް ބޮންދުބާއީ ކުރޭވިއްޔާއެވެ. ބޮސް ފިކުރެއް ކުރާނެ ކަމެއް ނެތްތާއެވެ. ބެންކޮކަށް ދަތުރު އަޅާލަ އަޅާލައި ހުރީމާ ވީތާއެވެ. ގައި މޮޑެލާ ކްލަބަށް ޖައްސާލައި އުޅެންވީތާއެވެ. ބޮސްއަށް ޖެހޭ އޮޔެއް ވައެއް އޮތީއެއް ނޫނެވެ. ބޮންދުބާއީ ހުންނަނީ ހިތް ފުރިފައެވެ. ހެވިދިލިފައެވެ.
ބޮސް ނިދިން ހޭލާއިރު ބޮންދުބާއީގެ ޖެހުނުތާ ލަކުނުވެސް ނުހުރެއެވެ. ލޯހުޅުވާ ބަލައިލާއިރު ފިހާރައިގެ ވަތްގަޑުގައި ފުލެއް ނުހުރެއެވެ. އަނބިމީހާ ހުންނަނީ ވަރިފަށުގައެވެ. ބައެއްފަހަރަށް ދަރިންކޮޅު ވެސް ތިބެނީ ސިކުވެ ރޭޕުވެފައެވެ. ހަތަރު އުދަރެސް ފެނު ޖެހިފައެވެ.
މިހާރު މިއޮތީ ފިލާ ބޮންދުންނަށް ހިތްފުރޭވަރަށް ފައިސާ ހޯދައިގެން ޚަރަދެއް ނުކޮށް ގައުމަށް ދާން ރަނުގެ ފުރުސަތެކެވެ. ލިޔެކިޔުންތައް ނައްތާލައި އަންޑޮކިއުމެންޓް މީހެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ޚަރަދުގައި ދެވޭނެގޮތް ވެފައެވެ. ފުރުޞަތުގެ ބޭނުން ފިސާރި ރަނގަޅަށް ބޮންދުން އެބަހިފައެވެ. ރައްޔިތުންގެ ދިފާޢުގައި ދައުލަތުން ނެގޭނެ ޒިންމާއެއް ހަމަ ނެތީހެއްޔެވެ. އަޅެފަހެ މީ ދެން ކީއްކުރާ ރާއްޖެއެއް ހެއްޔެވެ.