މުނިފޫހިފިލުވުން

ޝާހްރުކް ޚާންއާއި ގުޅޭ އާންމުކޮށް ނޭނގޭ ވާހަކަތަކެއް : އޭނާގެ ފުރަތަމަ ނަމަކީ ޢަބުދުއްރަޙުމާން

ދެން އެމްވީ ، ދެން އޮންލައިން

ޝާހްރުކްޚާން އަކީ މުޅި ދުނިޔޭގައި މަޝްހޫރު ނަމެކެވެ. ބޮލީވުޑްގެ ''ރޮމޭންސް ކިންގް''ގެ ނަމުން މަޝްހޫރު ޝާހްރުކް ޚާނަކީ ، ފިލްމުން ބޮޑު އާމްދަނީއެއް ހޯދަން އެދޭ ޑައިރެކްޓަރުން އެންމެ ބޮޑަށް ބޭނުންވާ އެއް ފިލްމް ސްޓާރެވެ. ސްޕަރ ހިޓް އެތައް ފިލްމްތަކެއް ކުޅެފައިވާ ޝާހްރުކްއަކީ އިންޑިއާގެ އެވޯޑް ޝޯވތަކުގެ ވެސް އެންމެ ޑިމާންޑް ބޮޑު ހޯސްޓެވެ. އިންޑިއާގެ އެންމެ ބޮޑު ފިލްމު އެވޯޑް ކަމަށްވާ ފިލްމްފެއާގެ އެތައް ޝޯވއެއް ޝާހްރުކްވަނީ ހޯސްޓްކޮށްދީފައެވެ.

Ads by MWSC

ޝާހްރުކްގެ ވަރަށް ގިނަ މަޢުލޫމާތު ތަކަކީ އާންމުކޮށް ގިނަ މީހުންނަށް އެނގޭނެ މަޢުލޫމާތު ތަކެވެ. އޭނާ ކުޅެފައިވާ ފިލްމްތަކާއި އަނބިދަރީންގެ މަޢުލޫމާތުތައް ވެސް ނޭނގޭ މީހަކު މަދުވާނޭ ދެންނެވިޔަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. މި ބަލާލަނީ އާންމުކޮށް އޭނާއާއި ގުޅޭ ގޮތުން މީހުންނަށް ނޭނގޭ މަޢުލޫމާތެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ދެމަފިރިއަކަށް ލިބުނު ޝާހްރުކްޚާންއަށް ފުރަތަމަ ދިން ނަމަކީ ޢަބުދުއްރަޙްމާނެވެ. ނަމަވެސް އޭނާގެ މަދަރުސީ ހަޔާތް ފެށުމުން އޭނާއާއެކު މަދަރުސީ ޙަޔާތް ވޭތުކުރަމުންދިޔަ ދައްތަ ލާލާރުކް ޚާނާއި ނަން އެއްގޮތް ކުރުމަށްޓަކައި ޝާހްރުކްޚާންގެ ބައްޕަ އޭނާގެ ނަން ބަދަލު ކުރީއެވެ.

ޝާހްރުކްގެ ފިލްމީ ޙަޔާތް ފެށީ ދިއްލީއިންނެވެ. ފިލްމްތަކުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން އޭނާ ގެންދިޔައީ ޓީވީ ޑްރާމާ ސިލްސިލާ ކުޅެމުންނެވެ. އޭގެ ތެރޭގައި ދިލްދަރިޔާ ، ސާކަސް އަދި ފޯޖީ ހިމެނެއެވެ. ފޯޖީގައި ޝާހްރުކްޚާންއަށް ފުރަތަމަ ކުޅެން ލިބުނީ ކުޑަ ރޯލެކެވެ. ނަމަވެސް ސިފައިންގެ ދިރިއުޅުމުގެ ކަންކަން ދައްކައިދޭ އެ ސީރީސްގެ ޓްރެއިނިންއަށް ޝާހްރުކްޚާން ވަރަށް ބޮޑު ޝައުގުވެރިކަމެއް ދިނެވެ. ބައްޕަ ނިޔާވުމުން އާއިލީ ޒިންމާތައް އިތުރުވެ ސިފައިންގެ މީހަކަށް ވާން ބޭނުންވި ޝާހްރުކްއަށް އެ އުއްމީދު ފުރިހަމަ ނުކުރެވުމުން ސިފައިންގެ ތަމްރީންތަކަށް ޝައުގުވެރިކަން ދެވި ގަޑި ޖެހުމުގެ ކުރިން ހާޟިރުވެއެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ލީޑްރޯލް ޝާހްރުކްއަށް ލިބުނެވެ.

ފިލްމީ މަސައްކަތްތައް ކުރުމުގެ ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންކަޖު އުދާސްގެ ކޮންސަޓްތަކުގައި އެހީތެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ގޮނޑި ޖެހުމުގެ ކަންކަމުގައި ވެސް އޭނާ މަސައްކަތް ކުރިއެވެ.

ސީރީސް މަސައްކަތް ކުރަމުންދިޔަ ޝާހްރުކް އޭރު ބޮޑެތި ފީޗަރ ފިލްމްތަކަށް ޝައުޤުވެރިކަމެއް ނެތެވެ. ނަމަވެސް މަންމަ ނިޔާވުމުން ފީޗަރ ފިލްމް ކުޅެން ނިންމާ ބޮމްބޭއަށް ބަދަލުވިއެވެ.

ބޮމްބޭއަށް ދިޔައިރު އަތުގައި ހުރި ފައިސާކޮޅުން ޚަރަދު ފޫބައްދާލެވުނީ ދެތިން ދުވަހުއެވެ. އޭގެ ފަހުން ޝާހްރުކްވަނީ ރެއިލްވޭ ސްޓޭޝަންގައި އެތައް ރެއަކު ނިދާފައެވެ. ބޮމްބޭއަށް ގޮސް ރަހުމަތްތެރިންނާއެކު ހޭދަ ކުރަމުން ދިޔަ ވަގުތުގައި އެއްދުވަހަކު ރަޙުމަތްތެރިންނާއެކު މެރިންޑްރައިވްގައި އިނދެ ޝާހްރުކް ވަނީ އޭނާގެ މިއަދުގެ ހަގީގަތް ،އުއްމީދުގައި އޮތް ކަން ރަޙުމަތްތެރިންނާ ހިއްސާ ކޮށްފައެވެ. އެގޮތުން ''ކޮންމެ ވެސް ދުވަހަކު މި ބޮމްބޭގެ ވެރިކަން ކުރާނަން''ކަމަށް ޝާހްރުކް ވަނީ ރަޙުމަތްތެރިން ގާތު ބުނެފައެވެ.

ޝާހްރުކްގެ ބޮމްބޭގެ މަސައްކަތް ފެށުނީ ސާކަސް ކިޔާ ސީރީސްއަކުންނެވެ. އެ ސީރީސް އުފެއްދި ޑައިރެކްޓަރ އަޒީޒް މިރުޒާ ވަނީ އޭނާއަށް އެ ސީރީސްއިން ފުރުސަތުގެ ދިނުމުގެ އިތުރަށް ،ރެއިލްވޭ ސްޓޭޝަންގައި ނިދަމުން ދިޔަ ޝާހްރުކްއަށް އޭނާގެ އޮފީހުގައި ނިދޭ ގޮތް ހަދައިދީފައެވެ. އަދި އޭގެފަހުން ޝާހްރުކްއަށް އަޒީޒް މިރުޒާ ވަނީ ކުއްޔަށް ގެއެއް ނަގައިދީފައެވެ. މި ކަންތައް ތަކާއި ގުޅިގެން ޝާހްރުކް ވަނީ އޭގެ ބަދަލު ހެޔޮ ގޮތުގައި ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން އަޒީޒް މިރްޒާގެ ދެ ފިލްމް ކަމަށްވާ ޔެސް ބޮސްއާއި ޕިރްބީ ދިލްހޭ ހިންދުސްތާނީ ޝާހްރުކް ކުޅެދިނީ އެއްވެސް އަގެއް ނުނަގައެވެ. މީގެ އިތުރުން ޝާހްރުކްގެ ފިލްމް އުފައްދާ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ ހިއްސާ ވެސް އަޒީޒް މިރްޒާއަށް ޝާހްރުކް ވަނީ ދީފައެވެ.

ޝާހްރުކް އަކީ ފެށުނީއްސުރެ ފިލްމީ ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޖެހިލުން ކުޑަ ފަންނާނެކެވެ. އެގޮތުން ކަބީހާ ކަބީނާ ގެ ވާހަކަ ރީތިވެ އެފިލްމަށް ގަޔާވެ ، ފިލްމް ކުޅެދިން އަގުން ފިލްމްގެ އެހެން ޚަރަދުތައް ހަމަޖެއްސުމަށް އެދި އޭނާ އެފިލްމް ކުޅެގެން ނެގީ އެންމެ 50 ހާސް ރުފިޔާ އަށެވެ. މީގެ އިތުރުން ފިލްމްގެ ޓިކެޓް ވިއްކުމަށް ސިނަމާ ބޭރުގައި ވެސް އޭނާ ހަރަކާތްތެރިވިއެވެ.

ޝާހްރުކްގެ ގަނޑުވަރެއް ފަދަ ގެ ''މަންނަތު''އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އެ ގެ ގަންނަން އޭނާ ބޭނުންވިއެވެ. އެގޮތުން ގެ ގަތުމަށް ބޭނުންވާ ފައިސާ އެއް ކުރުމަށް ފިލްމް ކުޅޭ އަގު ކުޑަކޮށް ގިނަ ފިލްމްތަކެއްގައި އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ދުވާލަކު 18 ގަޑިއިރު މަސައްކަތުގައި ހޭދަ ކުރިއިރު ، އޭރު ގިނަ ދުވަސް ދުވަހު ނިދީ ވެސް ފިލްމް ސެޓްތަކުގައެވެ. މީގެ އިތުރުން ސުޕަރހިޓް ފިލްމް ޑޮން-2 ގައި އިމާރާތަކުން ފުންމާލި މަންޒަރު ވެސް އޭނާ ވަނީ އަމިއްލައަށް ކުޅެފައެވެ. ހަމައެހެންމެ ފިލްމް ދިލްސޭގެ މަޝްހޫރު ލަވަ ''ޗަންޔަ ޗަންޔަ''ގައި ދުއްވާފައި ދިޔަ ރެއިލްމަތީގައި ނަށަމުން ދިޔަ އެންމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނެށި ނަމަވެސް އޭނާގެ ނެށުން ތަފާތު ކަމަށާއި ގިނަފަހަރު ޝޫޓް ނުކޮށް ލަވަ ނިންމާލުމަށް ބުނެ ، އޭނާ ނަށަމުން ދިޔައީ ރައްކާތެރިވުމަށް އެއްވެސް ވާގަނޑެއް ފަދަ އެއްޗެއް ބޭނުން ނުކޮށެވެ.

ޝާހްރުކްއަށް ފުރުސަތު ލިބި ދޫކޮށްލި ބޮޑެތި ފިލްމްތަކުގެ ތެރޭގައި ނަޔަކް ،ސްލަމްޑޯގް މިލިއަނަރ އާއި މުންނާބާއީ އެމްބީބީއެސް ހިމެނެއެވެ. މުންނާބާއީ އެމްބީބީއެސް ބެލުމަށްފަހު ޝާހްރުކް ބުނެފައިވަނީ އެފިލްމް ދޫކޮށްލެވުނު ކަމީ ނަސީބެއް ކަމަށާއި ސަބަބަކީ ސަންޖޭދަތަށްވުރެ މޮޅަށް އެރޯލް ކުޅެވޭނެ އެހެން މީހަކު ނުހުންނާނެ ކަމަށެވެ. އަދި ސްލަމްޑޯގް މިލިއަނާގައި އަނިލްކަޕޫރު އަދާކުރި ރޯލް ދޫކޮށްލީ ހޮލީވުޑްގެ ފުރަތަމަ ކުޅޭ ފިލްމްގައި ސަޕޯޓިން ރޯލެއް ކުޅެން ބޭނުން ނުވާ ކަމަށް ބުނެއެވެ. ނަމަވެސް މިފިލްމް ވެސް ޝާހްރުކްއަށް ކަމުގޮސް ފަހުން އޭނާ ވަނީ އެފިލްމްގެ މާކެޓިންގައި މަސައްކަތް ކޮށްދީފައެވެ.

އެހެން ސްޓާރުން ދޫކޮށްލުމުން ޝާހްރުކްއަށް ފުރުސަތު ލިބުނު ކާމިޔާބު ފިލްމްތަކުގެ ތެރޭގައި އޭނާގެ ފުރަތަމަ ފިލްމް ދީވާނާ އާއި ޗަކްދޭ އިންޑިއާ ހިމެނެއެވެ. ދީވާނާއިން ސާހްރުކްއަށް ފުރުސަތު ލިބުނީ އަރްމާންކޮލީ އެފިލްމް ދޫކޮށްލުމުންނެވެ.ޗަކްދޭ އިންޑިއާގެ ޑައިރެކްޓަރު އެފިލްމް ފުރަތަމަ ހުށަހެޅީ ސަލްމާންޚާން އަށެވެ. ނަމަވެސް ފިލްމްގެ ކްލައިމެކްސް ބަދަލު ކުރަން ސަލްމާން އެދި އެކަމަށް އެއްބަސްވުމަކަށް ނާދެވި ސަލްމާން އެފިލްމް ދޫކޮށްލީއެވެ.

ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމް ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ އިން ފުރުސަތު ލިބުމުން އޭނާ ވަނީ އެފިލްމް ދޫކޮށްލުމަށް ވިސްނާފައެވެ. އެފިލްމަކީ ލޯބީގެ ވަރުގަދަ ފިލްމަކަށް ވެފައި އެ ދުވަސްވަރު އޭނާ ބޮޑަށް ކުޅެމުންދިޔައީ ނުބައި ރޯލްތައް ކަމަށް ވުމުން އެފިލްމް އޭނާ އާއި ނުގުޅޭ ކަމަށް ޑައިރެކްޓަރ ގާތު ބުންޏެވެ. ނަމަވެސް ޑައިރެކްޓަރ އަދިތްޔާ ޗޯޕްޅާއާއި އޮތް ގާތް ގުޅުމުގެ ސަބަބުން ފިލްމް ކުޅެން އެއްބަސްވީއެވެ. އެފިލްމް ހިމެނިގެން ދިޔައީ ހުރިހާ ރެކޯޑްތަކެއް މުގުރާލި ފިލްމަކަށެވެ.

ޝާހްރުކް ޚާންގެ ފިލްމް މައިނޭމް އިޒް ޚާންގައި އޭނާ އަދާކުރި އޯޓިޒަމް މީހެއްގެ ރޯލް އަދާ ކުރުމަށް އޭނާ ވަނީ ގިނަ ތަމްރީންތަކެއް ހަދާފައެވެ. އެގޮތުން ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޯޓިޒަމް ކުދިންނާއެކު ދެ ހަފްތާ އޭނާ ހޭދަ ކުރިއެވެ. ހަމައެހެންމެ އެ ދުވަސްވަރު އޭނާ ގޭގައި ވެސް އުޅުނީ އޯޓިޒަމް މީހެއްގެ ގޮތަށެވެ.

ހިންދޫއެއް ކަމަށްވާ ގޯރީއާއި ކައިވެނިކޮށް ހޭދަ ކުރި ފުރަތަމަ މަސް ދުވަހުގެ ތެރޭގައި މުސްލިމެއް ކަމަށްވާ ޝާހްރުކްއަށް ފަސް ފިލްމުން ފުރުސަތު ލިބުނެވެ.އެހެންވެ އޭނާ ދެކޭ ގޮތުގައި އޭނާގެ ކައިވެންޏަކީ ނަސީބުވެރި ކައިވެންޏެކެވެ.

ޝާހްރުކްއަކީ ޗެރިޓީގެ މަސައްކަތަށް ވެސް އިސްކަންދޭ ފަންނާނެކެވެ. އެގޮތުން އޭނާ ކުރާ މަސައްކަތް ފާހަގަކޮށް ސްކޮޓްލެންޑްގެ އެޑިންބަރާ ޔުނިވާސިޓީން އޭނާއަށް ވަނީ އޮނަރަރީ ޕީއެޗްޑީއެއް އަރުވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!