ރައީސް ސޯލިހު ނޭކުރެންދު އަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ނޭކުރެންދޫ އަށް ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ ނޭކުރެންދު އަށް ވަޑައިގެންފައެވެ.
ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. މި ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އެކުގައިކަން ކަށަވަރު ކުރުމެވެ.
ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އެ އަތޮޅު ކޭލަކުނަށް ވެސް މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ އެވެ.
އެ ދިރާސާގެ ތެރޭގައި ރައީސް ޑައިވް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ކޭލަކުނަށް ފަހު ރައީސް ވަނީ މާދަމާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާނެ އެވެ. އެއީ އެ ރަށުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުުމަށެވެ. އެމްޑީޕީން މިހާރު އަންނަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތިލަދުންމައްޗަށް ދަތުރެއް ކުރަމުންނެވެ. އެ ދަތުރުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.